Roadha Mihaaru
ފުލުހުންނަށް ހިމާޔަތެއް ނެތް،އަހަރެމެންގެ ހާލަކީ ކޮބާ؟

ފުލުހުންނަށް ހިމާޔަތެއް ނެތް، އަހަރެމެންގެ ހާލަކީ ކޮބާ؟

13 ސެޕްޓެމްބަރ 2022

މީގެ ދުވަސްކޮޅެއް ކުރިން، ފުލުހުންގެ ތަހުގީގީ އޮފިސަރަކު އޭނާގެ ކުޑަ ދަރިފުޅާ އެކު ހިނގާލަން ނުކުމެ އުޅެނިކޮށް ކުށްވެރިންގެ ގްރޫޕެއްގެ މީހަކު އޭނާއާ ދިމާކޮށް މަރުގެ އިންޒާރު ދިނެވެ. އޭގެ އިރުކޮޅެއް ފަހުން އެ މީހާ ހައްޔަރުކުރި ނަމަވެސް މުޖުތަމައުއަށް ނުރައްކާ މީހެއް ކަމަށް ގާޒީއަށް ފެނިވަޑައިނުގަތުމުން ބަންދުން ދޫކޮށްލީ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މީގެ ދުވަސްކޮޅެއް ކުރިން، ފުލުހުންގެ ތަހުގީގީ އޮފިސަރަކު އޭނާގެ ކުޑަ ދަރިފުޅާ އެކު ހިނގާލަން ނުކުމެ އުޅެނިކޮށް ކުށްވެރިންގެ ގްރޫޕެއްގެ މީހަކު އޭނާއާ ދިމާކޮށް މަރުގެ އިންޒާރު ދިނެވެ. އޭގެ އިރުކޮޅެއް ފަހުން އެ މީހާ ހައްޔަރުކުރި ނަމަވެސް މުޖުތަމައުއަށް ނުރައްކާ މީހެއް ކަމަށް ގާޒީއަށް ފެނިވަޑައިނުގަތުމުން ބަންދުން ދޫކޮށްލީ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، މިދިޔަ ހުކުރު ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ފުލުހަކަށް މަގުމަތިން ދިމާކޮށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ އެވެ. މިކަން އެނގޭ މީހަކު ކިޔައިދިން ގޮތުގައި މިއީ އެތައް ދުވަހަކު ޑީއީޑީގެ އެކި ފުލުހުންނަށް އިންޒާރުދީ މަގުމަތިން ދިމާކުރުމަށް ފަހު ހިނގި ކަމެކެވެ.

"ޑީއީޑީގެ ތިން ފުލުހަކު ދިޔައީ އެ ދުވަހު ހެނދުނު ފުޓްބޯޅަ ކުޅެން. ހަމަލާ ދިނީ ނިންމާފައި ގެޔަށް ދަނިކޮށް ފަހަތުން އަވަގުރާނަ ގޮވަމުން އިންޒާރު ދެމުން ގޮސް. ޕޮލިސް އިން ސައިކަލް ޓްރެފިކްގައި ތާށިވި ވަގުތު ގޮސް ހަމަލާ ދިނީ،" އޭނާ ކިޔައިދިނެވެ.

ހަމަލާ ދިނުމާ އެކު ފުލުސް ވަނީ ދުވެފައި ދުރަށް ގޮސް، އޭނާއާ އެކު އުޅުނު އެހެން ދެ ފުލުހަކަށް ގުޅައިފަ އެވެ. އެ މީހުން އެހީވާން އައި އިރު، ހަމަލާ ދިން މީހާގެ ގްރޫޕް އޮތީ ވަޅި ފަދަ ތަކެތި ހިފައިގެން މުޅި ސަރަހައްދަށް ގަދަކޮށްލާފަ އެވެ. އެހެންވެ، އޯފް ޑިއުޓީގައި އެ ވަގުތު ތިބި ފުލުހުންނަށް ދިފާއުގައި ކަމެއް ނުކުރެވި ލިބުނީ އިތުރު އަނިޔާ އެވެ.

މި ދައްކަނީ ގާނޫނު ތަންފީޒު ކުރުމާއި ކުށްވެރިން ހިފައި ހައްޔަރު ކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަން ތިބޭ ފުލުހުން އުޅެން ޖެހޭ ހާލުގެ ވާހަކަ އެވެ. އެ މީހުން ދެކެ އެއްވެސް ބިރެއް ނެތް ކަމާއި އަދަބެއް ނުދެވޭނެ ކަމުގެ "ޔަގީން ކަން" އޮތް މިންވަރެވެ. އެއްވެސް ފަސް ޖެހުމެއް ނެތި މަރުގެ އިންޒާރު ދީ ފުލުހުންނާ ވެސް މާރަމާރީ ހިންގާ ކަމެވެ. ދެން އާންމު ރައްޔިތަކަށް އޮތީ ކޮން ރައްކާތެރި ކަމެއް ހެއްޔެވެ؟

މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އެ ނުރައްކާތެރި ގޭންގުތައް ކުރިމަތީގައި ފުލުހުންނާއި ދައުލަތުގެ އެހެން މުއައްސަސާތައް ކުޑަކަކޫ ޖެހުން ނިމުމަކަށް ގެންނާނެ އެވެ.

އެ މީހުންގެ ކަންކަން މިހާރު ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ ފުލުހުންނާއި ސިފައިން ހިމެނޭ ޓާސްކް ފޯސްއެއް މަގުމައްޗަށް ނެރެ ހަރަކާތްތެރި ކުރުވި އެވެ.

"މުޅި ދައުލަތާއި މުޅި ނިޒާމުގެ ތެރެއިން އެކަށީގެންވާ ވަރަށް ރަނގަޅަށް ސިސްޓެމެޓިކަލީ ނުކުރެވި އޮތީމަ މި ހިސާބަށް އާދެވިފައި މިތިބީ. ކޮންމެވެސް އެއް ހިސާބަކުން އެބަ ޖެހޭ މަސައްކަތް ފަށަން. އެކަން ފަށައިގެން މިއުޅެނީ." ސީޕީ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފުލުހުން ހިންގާ ކަންކަމުގައި ޖަވާބުދާރީ ކުރުވައި ފިޔަވޅު އެޅޭ އުސޫލު އެ މުއައްސަސާގައި ހަރުދަނާވެފައިވާ ކަމަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފުލުހުން ހިންގާ ކަންކަމުގައި ޖަވާބުދާރީ ކުރުވައި ފިޔަވޅު އެޅޭ އުސޫލު އެ މުއައްސަސާގައި ހަރުދަނާވެފައިވާ ކަމަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުންގެ ބަޔަކަށް ހަމަލާ ދިން މައްސަލައާ އެކު، މި އަހަރު ކުރީކޮޅުން ފެށިގެން ހިންގި އެ ޓާސްކްފޯސްގެ ނަތީޖާއަކީ ކޮބައިތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. ބާރުގަދަ އެ މީހުންގެ މޫތައް ނިޒާމުގެ ތެރެއިން ލުހެނުލެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދެ އެވެ.

ކުރީގެ ފަނޑިޔާރަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ ގޭންގުތަކުގެ ކުރިމަތީގައި ފުލުހުން "ކުޑަކަކޫ" ނުޖެހުން އެއީ އަދި މައްސަލަ ހައްލުވާން އޮތް ގޮތެއް ނޫން ކަމަށެވެ. ގޭންގުތަކުގެ ނުފޫޒުގެ ދަށުުގައި ޝަރުއީ ދާއިރާގެ މީހުންނާއި ފުލުހުންނާއި އެތައް ބަޔަކު އެބަ އުޅޭ ކަމަށާއި މި ހުރިހާ ދިމާލަކުން ކަންކަން ބަދަލުވެގެން ނޫނީ ބިރުވެރިކަން ނައްތާނުލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮލިހުގައި ވެސް ކޯޓުތަކުގައި ތިބި މީހުންނަށް ވެސް ގޭންގުތަކުން އިންޒާރު ދޭއިރު ކޮންމެ މީހަކު ވެސް ހުންނަން ޖެހެނީ އެ މީހަކާއި އާއިލާގެ ރައްކާތެރިކަމާ މެދު ބިރުން ކަމަށެވެ،

"ފަނޑިޔާރުން ވެސް ތިބެނީ ބޮޑު ބިރެއްގެ ތެރޭގައި. އެއިން މީހަކު [ނުރައްކާތެރި ކުށްވެރިއަކު] ބަންދު ކުރާ ޝަރީއަތް ފެށޭ ހިސާބުން އެތައް އިންޒާރެއް އަންނާނެ. އެކަންކަމާ މެދު ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ. ނިޒާމުގެ ހުރިހާ ދިމާލެއްގައި އެ މީހުންގެ ނުފޫޒު އޮވޭ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނަކީ އެ މީހުންގެ ވަޒީފާގެ ގޮތުން ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ބައެކެވެ. ހާއްސަކޮށް އެ މީހުންނާ މެދު ހިންގޭ މިފަދަ ކަންކަމާ ދެކޮޅަށް ވަރަށް އަވަސް އަދި ސީރިޔަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މުޅި މުޖުމައު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށް މުއައްސަސާތަކުން ގަބޫލު ކުރެ އެވެ.

ނަމަވެސް ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ނުވަތަަ ރާއްޖޭގައި ބޮޑުވަމުން އަންނަ ޑްރަގް މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގޭންގުތަކުގެ ފަރާތުން ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް އަންނަ ތްރެޓުތަކާއި ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެ މީހުންގެ އާއިލާގެ މީހުންނާ ވެސް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރެ އެވެ. އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ނޭޅެ އެވެ.

މަރު ކޮމިޝަނުން 2020 ވަނަ އަހަރު ހެދި ރިޕޯޓެއްގައި ބުނާ ގޮތުން ރާއްޖޭގެ ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުން އޮންނަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިފަ އެވެ. ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ވެސް ކޮށްފައި އެބަ ތިބި ކަމަށް ބުނެފައިވެ އެވެ.

ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން --މިހާރު ފޮޓޯ/ނިޝާން އަލީ

ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން --މިހާރު ފޮޓޯ/ނިޝާން އަލީ

ބައެއް މީހުން ބަންދު ކުރުމުގެ އަމުރު މަޑުޖައްސާލުމާއި، ބަންދުކުރަން ނުޖެހޭ މީހުން ބަންދުކުރުމުގެ އަމުރު ނެރުން ފަދަ ކަންތައްތައް "ގޭންގުތަކުގެ އަމުރަށް" ކޯޓުތަކުން ކޮށްފައި އެބަހުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންވެ އާންމުންނެކޭ އެއްގޮތަށް ގިނަ ފަހަރަށް ފުލުހުންގެ ވަކިވަކި އޮފިސަރުންނާ މެދު ހިންގާ އެފަދަ އަމަލުތައް ކޯޓުތަކުން ފެއިލް ވާނެ އެވެ.

"ކޯޓުތަކުން ފުލުހުންނަކަށް ވެސް އިންސާފެއް ނުލިބޭ. އެ މީހުންނަށް ވެސް ރައްކާތެރިކަމެއް ނެތް. އެކަން ރަނގަޅު ނުކުރެވޭ ނަމަ ނިޒާމުގެ ތެރެއިން ދެން ހިނގާ ކަންކަން މާ ގޯސް ވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކުށްވެރިންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ރުޅިގަދަވެފައި ތިބި ރައްޔިތުން މަގުމަތިން އިންސާފު ހޯދާ މައްސަލަތައް މިފަހުން ވަރަށް ގިނަވެ، ފުލުހުން ވެސް އެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

އެކަމަކު މާޒީގައި ހިނގާފައި ހުރި ބައެއް ކަންކަމަށް ބަލާއިރު ފުލުހުންގެ އޮފިސަރުންނާ މެދު ހިންގޭ އެފަދަ އަމަލުތަކާ މެދު ފުލުހުންގެ ބައެއް ވެރިންގެ ފަރާތުން އަދި ކޯޓުތަކުން އެކަށީގެންވާ ފިޔަވަޅެއް ނޭޅި ސަމާލުކަން ނުލިބޭތީ ފުލުހުން ވެސް "މަގުމަތިން" އިންސާފު ހޯދާފައި އެބަހުއްޓެވެ. ބައެއް ގޭންގުތަކުގެ ގެތަކަށް ވަދެ ހުރިހާ އެއްޗެއް ތަޅާލައި ބަދަލު ހިފާފައި އެބަހުއްޓެވެ.

ފުލުހުން ގޮސް މީހަކު ހައްޔަރުކުރީމާ އެ މީހާގެ ގޭންގުން ގޮސް ފުލުސް މީހާގެ އާއިލާއަށް ބިރު ދައްކައި މަގުމަތިން ފުރައްސާރަކުރަނީ އެވެ. އެކަމަކު އެއިން މައްސަލައެއްގައި ފިޔަވަޅެއް ނޭޅެ އެވެ. އަދަބެއް ނުދެވެ އެވެ. ދެން ފުލުހުން ވެސް ހަމައިން ނެއްޓި އެ މީހުންނަށް ބަދަލު ހިފުނު ގޮތަކަށް ހިފަނީ އެވެ. މިއީ ވަރަށް ނުރައްކާ ޓްރެންޑެކެވެ.

މި މައްސަލަތައް ހަމަޔަކަށް ނޭޅުވޭ ހާ ހިނދަކު ދުވަހަކަށް ވުރެ ދުވަހެއް ނިޒާމް ދާނީ ހަލާކުވަމުންނެވެ. އަދި ރައްޔިތުންނަށް އޮތް ނުރައްކާ ބޮޑުވަމުންނެވެ. ބާރުގަދަ ދެތިން ގްރޫޕެއްގެ ބިރަށް މުޅި ދައުލަތް މަޑު ޖެހިފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހެ އެވެ.