Roadha Mihaaru
ނާކާމިޔާބުވި ރައީސް އަށް ގެމްބިއާ ސިފައިންގެ ތާއީދު

އިންތިޚާބުން ނާކާމިޔާބުވި ރައީސް އަށް ގެމްބިއާ ސިފައިންގެ ތާއީދު

05 ޖެނުއަރީ 2017

ބަންޖުލް (ޖެނުއަރީ 5) - ގެމްބިއާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ރައީސް ޔަހުޔާ ޖައްމާހަށް ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އުސްމާން ބަދުޖީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަންޖުލް (ޖެނުއަރީ 5) - ގެމްބިއާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ރައީސް ޔަހުޔާ ޖައްމާހަށް ތާއީދުކުރާނެ ކަމަށް އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އުސްމާން ބަދުޖީ ވިދާޅުވެއްޖެ އެވެ.

ގެމްބިއާގައި މިދިޔަ މަހު 1 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ޔަހުޔާ އަށް ނާކާމިޔާބުވުމާ ގުޅިގެން އެންމެ ފުރަތަމަ ބަލި ގަބޫލް ކުރުމަށް ފަހު ވަނީ އިދިކޮޅު ކެނޑިޑޭޓް އަދަމާ ބަރޯ މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އެއް ހަފުތާ ފަހުން ވަނީ ޔަހުޔާގެ ހިޔާލު ބަދަލުވެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހައްދައިފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދިނުމަށް އެދި ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ސިފައިން ފޮނުވައިގެން އިލެކްޝަން ކޮމިޝަން ވަނީ ހިސާރުކޮށްފަ އެވެ. އަދި އިންތިޚާބުން ރައީސް ޔަހުޔާ ނާކާމިޔާބުވިކަން އިއުލާންކުރެއްވި އެލެކްޝަންސް ކޮމިޝަނާ އެލިއު މޮމާ ނަޖާއީ ވަނީ ފިލައިގެން ގައުމަށް ބޭރަށް ވަޑައިގެންފަ އެވެ.

ސަރުކާރަށް ތާއީދުކުރާ ނޫހަކަށް ފޮނުއްވި ސިޓީއެއްގައި އުސްމާން ވިދާޅުވެފައި ވަނީ ގެމްބިއާ ސިފައިންގެ ތާއީދު އޮތީ ރައީސް ޔަހުޔާ އަށް ކަމަށެވެ. ގެމްބިއާ ސިފައިންގެ ވެރިޔާ މިހެން ވިދާޅުވި ނަމަވެސް ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ޖަމާއަތުން ވަނީ އާ ރައީސް ހުވާ ކުރަންވާ އިރަށް ޔަހުޔާ މަގާމުން ވަކިވެވަޑައިނުގެންފި ނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެކަމަކު ރައީސް ޔަހުޔާ ވިދާޅުވެފައި ވަނީ އެފަދަ ކޮންމެ ފިޔަވަޅެއް ވާނީ ހަނގުރާމައަކަށް ކަމަށެވެ.

ގެމްބިއާގައި ވެރިކަން ބަދަލުވާ އިރު ސިފައިންގެ ތާއިދަކީ ވަރަށް މުހިންމު އެއްޗެކެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރު އަދަމާ ބަރޯގެ ޓީމުން ކުރިން ބުނެފައި ވަނީ ސިފައިންގެ ތާއީދު އޮތީ އެ މީހުންނަށް ކަމަށެވެ.

އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ. އާ ރައީސް މި މަހު 19 ގައި މަގާމާ ހަވާލުވާން ޖެހެ އެވެ.

އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ޔަހުޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގެ ތިން ރޭޑިއޯ ސްޓޭޝަނެއް މިދިޔަ އާދިއްތަ ދުވަހުގެ ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ގެމްބިއާ އަށް 1965 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބުނު ފަހުން އޮމާންކަމާ އެކު އެއްވެސް ފަހަރަކު ވެރިކަން ބަދަލުވެފައެއް ނުވެ އެވެ.