Roadha Mihaaru
ސްކޫލް މުބާރާތުން ވިދާލީ ހަނާން އާއި ނީޤް

އިންޓަ ސްކޫލު މުބާރާތުން ވިދާލި ފެތުންތެރިންނަކީ ހަނާން އާއި ނީޤް

05 ސެޕްޓެމްބަރ 2022

އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓުންގެ ތެރޭގައި ސީނިއާ އޭ ނުވަތަ 16 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި އަހުމަދު ނީޤް ނިޔާޒާއި ހަނާން ހުސައިން ހަލީމް ހިމެނިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓުންގެ ތެރޭގައި ސީނިއާ އޭ ނުވަތަ 16 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކުރި އަހުމަދު ނީޤް ނިޔާޒާއި ހަނާން ހުސައިން ހަލީމް ހިމެނިއްޖެ އެވެ.

އެ ދެ އެތުލީޓުން ވަނީ އިންޑަވިޖުއަލް ކެޓަގަރީގައި ވާދަކުރި ހަތަރު އިވެންޓުން ވެސް އެއްވަނަ ހޯދައިފަ އެވެ.

އިންޑަވިޖުއަލް ކެޓަގަރީގައި ކޮންމެ ފެތުންތެރިޔަކަށް ވެސް ބައިވެރި ވެވެނީ ގިނަ ވެގެން ހަތަރު އިވެންޓްގަ އެވެ. އެ އުމުރުފުރާގައި ނީގް ވަނީ 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބަޓަފްލައި ސްޓްރޯކް، 200 މީޓަރު އިންޑަވިޖުއަލް މިޑްލޭ އަދި 100 މީޓަރު ފްރީ ސްޓައިލްއިން އެއްވަނަ ހޯދައިފަ އެވެ. އަދި އޭނާ ވަނީ ތާޖުއްދީން ސްކޫލަށް 4 ގުނަ 50 މީޓަރުގެ މިޑްލޭގެ ޗެމްޕިއަންކަން ހޯދައި ދިނުމުގައި ވެސް ހިއްސާ ވެފަ އެވެ.

ކުރީގެ އެއްވަނަ ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ގެ ދަރިފުޅު ހަނާން ވަނީ 16 އަހަރުން ދަށުގެ އުމުރުފުރާގެ ވާދަކުރި އިންޑަވިޖުއަލް 4 ކެޓަގަރީން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބަޓަފްލައި ސްޓްރޯކް، 200 މީޓަރު އިންޑަވިޖުއަލް މިޑްލޭ އަދި 100 މީޓަރު ފްރީ ސްޓައިލް ރޭސް ކާމިޔާބު ކޮށްފަ އެވެ.

ހަނާން އާއި އޭނާގެ ބައްޕަ ޑރ. ހުސައިން ހަލީމް

ހަނާން އާއި އޭނާގެ ބައްޕަ ޑރ. ހުސައިން ހަލީމް

މީގެ އިތުރުން 4 ގުނަ 50 މީޓަރުގެ ރިލޭއިން ދެވަނަ ހޯދި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ޓީމުގައި ވެސް ހަނާން ވަނީ ހިމެނިފަ އެވެ.

އެ އުމުރުފުރާގެ 50 މީޓަރު ފްރީ ސްޓައިލްގެ ޗެމްޕިއަންކަން ހޯދީ 34.29 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދީ ދެވަނަ ހޯދީ 35.75 ސިކުންތުން ރޭސް ނިންމި ފާތިމަތު އީޝަލް އައްސަދު ހަނީފެވެ. ތިންވަނަ އަށް ދިޔަ އައިޝަތު ރުބައިނާ އަހުމަދު ރޭސް ނިންމީ 35.43 ސިކުންތުންނެވެ.

ފިރިހެން 50 މީޓަރުގެ ރޭސް ނީޤް ނިންމީ 27.82 ސިކުންތުންނެވެ. ދެވަަނަ ހޯދި އިބްރާހިމް މައާދު ރޭސް ނިންމީ 28.01 ސިކުންތުންނެވެ. ތިންވަނަ ހޯދީ ސައްޔިދު ސޮލާހުއްދީނެވެ. އޭނާ ރޭސް ނިންމީ 28.06 ސިކުންތުންނެވެ. ބަޓަފްލައި ސްރޯކް 50 މީޓަރުގެ ރޭސް ނީކް ނިންމީ 28.92 ސިކުންތުންނެވެ. ދެވަނަ ހޯދި އިފްޒާލް އިބްރާހިމް މަހްފޫޒު ރޭސް ނިންމީ 30.08 ސިކުންތުންނެވެ. ތިންވަނަ ހޯދި މުހައްމަދު ދާނިޝް އިބްރާހިމް ނަޖުމީ ރޭސް ނިންމީ 34.63 ސިކުންތުންނެވެ.

ނީކް: މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް އޭނާ ވާދަ ކުރި

ނީކް: މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް އޭނާ ވާދަ ކުރި

އަންހެނުންގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކް ރޭސް ހަނާން ނިންމީ 35.92 ސިކުންތުންނެވެ. ދެވަނަ ހޯދި މަރްޔަމް ޒިވާ ޒިޔާމް ރޭސް ނިންމީ 37.87 ސިކުންތުންނެވެ. ތިންވަނަ ހޯދި ފާތިމަތު އަންޖަލް ފަޔާޒު ރޭސް ނިންމީ 38.98 ސިކުންތުންނެވެ.

އަންހެނުންގެ 200 މީޓަރު މިޑްލޭ ރޭސްއިން ހަނާން އެއްވަނަ ހޯދީ 3:15.80 (3 މިނެޓާއި 15.80 ސިކުންތުން) އިން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދީ ދެވަނަ ހޯދި އަންޖަލް ރޭސް ނިންމީ 3:20.41 އިންނެވެ. ތިންވަނަ ހޯދި ޒިވާ ރޭސް ނިންމީ 3:22.95 އިންނެވެ.

ފިރިހެނުންގެ 200 މީޓަރު މިޑްލޭގެ ޗެމްޕިއަންކަން ނީޤް ހޯދީ 2:41.08 ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި މައާދު ރޭސް ނިންމީ 2:46.17 އިންނެވެ. ތިންވަނަ ހޯދި މުހައްމަދު އަޔާން އަލީ ރޭސް ނިންމީ 2.46.31 އިންނެވެ.

ފްރީ ސްޓައިލް 100 މީޓަރުގެ ރޭހުން ނީޤް އެއްވަނަ ހޯދީ 1:02.79 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދި އިޒްޔާން ނާޒިމް ރޭސް ނިންމީ 1:05.79 އިންނެވެ. ތިންވަނަ ހޯދީ އިބްރާހިމް އިޝާން އިޝާއު ރޭސް ނިންމީ 1:16.46 އިންނެވެ.

އެ އިވެންޓްގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހަނާން ހޯދީ 1:16.61 ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި އައިޝަތު ތީޝާ މުހައްމަދު ރޭސް ނިންމީ 1:18.75 އިންނެވެ. ތިންވަނަ ހޯދީ ޒީކް އަޝްރަފް ރަޝީދު އެވެ. އޭނާ ރޭސް ނިންމީ 1:25.95 އިންނެވެ.