Roadha Mihaaru
ނޭމާ ބަލައިގަންނަން ސިޓީން ވެސް ބޭނުމެއް ނުވި

ނޭމާ ބަލައިގަންނަން ސިޓީން ވެސް ބޭނުމެއް ނުވި

05 ސެޕްޓެމްބަރ 2022

ޕެރިސް (ސެޕްޓެމްބަރު 5) - ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ، މެންޗެސްޓާ ސިޓީ އަށް ދޭން، ޕީއެސްޖީން ހުށަހެޅުމުން ވެސް، ސިޓީން އެ ހުށަހެޅުން ބަލައި ނުގަތްކަން ހާމަވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕެރިސް (ސެޕްޓެމްބަރު 5) - ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ، މެންޗެސްޓާ ސިޓީ އަށް ދޭން، ޕީއެސްޖީން ހުށަހެޅުމުން ވެސް، ސިޓީން އެ ހުށަހެޅުން ބަލައި ނުގަތްކަން ހާމަވެއްޖެ އެވެ.

ނިމިދިޔަ ޓްރާންސްފާ ޕީރިއަޑްގައި ޕީއެސްޖީން ވަނީ ނޭމާ ދޫކޮށްލަން މަސައްކަތް ކޮށްފަ އެވެ. އެ ކްލަބުން ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ، 222 މިލިއަން ޑޮލަރަށް 2017 ގައި ބާސެލޯނާއިން ގެނައި ފޯވާޑް ދޫކޮށްލަން ޕީއެސްޖީން ބޭނުން ވަނީ އޭނާގެ ސަބަބުން ޓީމު ތެރޭގައި އުފެދެމުން ދިޔަ މައްސަލަތަކާ ހެދި އެވެ.

ސިޓީ އަށް ނޭމާ ދޭން ޕީއެސްޖީން ހުށަހެޅީ އޭނާ އަށް ދެވޭނެ މުސާރަ ދެވޭނެ ވަރުގެ ކްލަބަކަށް އޮތީ ސިޓީ ކަމަށް ވާތީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީން ނޭމާގެ ޕްރަޕޯސަލް ސިޓީ އަށް ހުށަހެޅީ އެ ކްލަބުން އާލިން ހާލަންޑް ސޮއި ކުރުވި ފަހުންނެވެ.

ހާލަންޑް ސޮއި ކުރުވެމުން، ސިޓީން ވަނީ ނޭމާ އަށް ޝައުގުވެރި ނުވާ ކަމަށް ބުނެ ޕީއެސްޖީގެ ހުށަހެޅުން އަނބުރާ ރައްދުކޮށްފަ އެވެ.

ޕީއެސްޖީގެ ރައީސް ނާސިރް އަލް ހެލާފީ ވަނީ، ކުރިން ދެއްވި އިންޓަވިއުއެއްގައި ނޭމާ ދޫކޮށްލަން ބޭނުންވާކަން ނުސީދާކޮށް ހާމަކުރައްވާފަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އަށް ދެއްވި އިންޓަވިއުގައި ހެލާފީ ވިދާޅުވީ ކްލަބަށް ވުރެ މަތީގައި ހުންނަ ކުޅުންތެރިޔަކު ޕީއެސްޖީން ބޭނުން ނުވާ ކަމަށެވެ.

މިދިޔަ ސީޒަންގައި ނޭމާގެ ސަބަބުން ޕީއެސްޖީގެ ފްރާންސްގެ ފޯވާޑް ކިލިޔަން އެމްބާޕޭގެ ނުތަނަވަސްކަން ވެސް ފެންމަތިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މި ސީޒަންގައި އަދި އެކަހަލަ މައްސަލަތަކެއް ފެންމަތި ވެފައިވާ ތަނެއް ނުފެނެ އެވެ. ލިއޮނެލް މެސީ އާއެކު ނޭމާ އާއި އެމްބާޕޭގެ ކޮމްބިނޭޝަން ވެސް ފެންނަނީ ރަނގަޅަށެވެ. މެޗުތަކުން ޕީއެސްޖީ މޮޅުކޮށް ދިނުމުގައި އެ ތިން ކުޅުންތެރިން ދަނީ މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.