Roadha Mihaaru

ފަހު ވަގުތު ނަތީޖާ އަނބުރާލައި ޕީއެސްޖީން ސުޕަ ކަޕް ގެންގޮސްފި

މެޗުގެ ފަހު ވަގުތުގައި ނަތީޖާ އަނބުރާލައި ޓޮޓްނަމް ހޮޓްސްޕާސް ބަލިކޮށް ޔޫއެފާ ސުޕަ ކަޕްގެ ތަށި ޕީއެސްޖީން ކާމިޔާބު ކޮށްފި އެވެ.

ނަތީޖާ އަނބުރާލައި ޕީއެސްޖީއަށް ސުޕަ ކަޕް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

14 އޯގަސްޓް 2025

މެޗުގެ ފަހު ވަގުތުގައި ނަތީޖާ އަނބުރާލައި ޓޮޓްނަމް ހޮޓްސްޕާސް ބަލިކޮށް ޔޫއެފާ ސުޕަ ކަޕްގެ ތަށި ޕީއެސްޖީން ކާމިޔާބު ކޮށްފި އެވެ.

މެޗުގެ 85 މިނެޓާ ހަމައަށް ދިޔައިރު ވެސް ދެ ލަނޑުގެ ލީޑަކުން ޓޮޓްނަމް އޮތީ ސުޕަ ކަޕްގެ ތައްޓާ ވަރަށް ކައިރީގަ އެވެ. އެކަމަކު 85 ވަނަ މިނެޓްގައި ޕީއެސްޖީނާ ފުރަތަމަ ލަނޑުޖހައި ހިތްވަރެއް ހޯދި އެވެ.

އިޓަލީގެ އުޑީނޭގެ ބުލޫނެޖީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮޓަނަމްއިން ލީޑް ނެގީ ފުރަތަމަ ހާފުގެ ފަހު ކޮޅުގަ އެވެ. އެ ލަނޑު ޖެހީ ޑިފެންޑަރު މެކީ ވެން ޑަ މެން އެވެ. ދެވަނަ ހާފަށް ނުކުމެ ތިންވަނަ މިނެޓްގައި ކްރިސްޓިއަން ރޮމޭރޯ އެ ޓީމުގެ ނަތީޖާ ފުޅާކޮށް ދިނެވެ.

ވަރުގަދަ އެޓޭކިން ގޭމެއް ކުޅޭ ޕީއެސްޖީގެ ހަމަލާތައް ހުއްޓުވުމުގައި ޓޮޓްނަމްގެ ގޭމްޕްލޭން ގާތްގަނޑަކަށް 80 ޕަސަންޓް މަސައްކަތް ކުރި އެވެ.

ޑޮނަރުއްމާ ބާކީ ކުރުމަށް ފަހު ޕީއެސްޖީން ސޮއި ކުރުވި ކީޕަރު ޝަވޭލިއާ: އޭނާ ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ކްޕްގެ ތަށި ހޯދައިދޭން ހިއްސާވި --- ފޮޓޯ: އޭއެފްޕީ

ޑޮނަރުއްމާ ބާކީ ކުރުމަށް ފަހު ޕީއެސްޖީން ސޮއި ކުރުވި ކީޕަރު ޝަވޭލިއާ: އޭނާ ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ކްޕްގެ ތަށި ހޯދައިދޭން ހިއްސާވި --- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ފުރަތަމަ ލަނޑު 85 މިނެޓްގައި ޖެހީ ލީ ކަންގް އިންނެވެ. ދެން ކުރިމަތިވި 10 މިނެޓަކީ ޓޮޓްނަމް އަށް އެންމެ ހިތްދަތި ވަގުތުތަކެވެ. މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައި އުސްމާން ޑެމްބެލޭ ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި ޕީއެސްޖީން ނަތީޖާ ހަމަހަމަ ކުރި އެވެ.

އިތުރު ވަގުތުގެ ދެ ހާފު ނުކުޅެ، ނަތީޖާ ނެރެން ދިޔައީ ސީދާ ޕެނަލްޓީއަކަށެވެ. ޕެނަލްޓީގައި 3-2 ން މޮޅުވެ ޕީއެސްޖީން ތަށި ކާމިޔާބު ކުރި އެވެ.

އެ ޓީމު މެޗަށް ނުކުތީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ޓީމުން ބާކީ ކުރުމަށް ފަހު އެވެ. މެޗުން ފުރުސަތު ދިނީ މިދިޔަ ހޮނިހިރު ދުވަހު، ލިލްއިން ގެނައި ކީޕަރު ލޫކަސް ޝަވޭލިއޭ އަށެވެ.

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޝަވޭލިއާގެ ފަރާތުން ފެނުނީ ހިތްހަމަޖެހޭ ކުޅުމެއް ކަމަށެވެ. ޕެނަލްޓީޝޫޓްއައުޓްގައި އޭނާ ވަނީ މުހިންމު ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ.