Roadha Mihaaru
ޕާކިސްތާނުގައިތިބި ދިވެހިންގެ ހާލު ރަނގަޅު: މިނިސްޓްރީ

ޕާކިސްތާނުގައި ތިބި ދިވެހިން ތިބީ ރައްކާތެރި ހާލަތެއްގައި: މިނިސްޓްރީ

30 އޯގަސްޓް 2022

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެގައުމުގައި މިހާރު ތިބި 67 ދިވެހިން ތިބީ ރައްކާތެރި ހިސާބެއްގައި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު އެގައުމުގައި މިހާރު ތިބި 67 ދިވެހިން ތިބީ ރައްކާތެރި ހިސާބެއްގައި ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެެފި އެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި ކޯރުތައް ފުރި ބަންޑުންވުމާ ގުޅިގެން، މީހުން ދިރިއުޅޭ އެކި ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގެތައް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފަ އެެވެ. ކޯރުތަކުގެ އައްސޭރި ފަށުގައި ހަދާފައިވާ ގިނަ ގެތަކެއް ބޮޑުވި ފެންގަނޑުގެ ތެރެއަށް ގަނބައިގެން ގޮސް އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި މިހާތަނަށް 67 ދިވެއްސަކު ރަޖިސްޓްރީވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ދިވެހިން އުޅެނީ ކަރާޗީ އާއި ލާހޯރުގައި ކަމަށެވެ.

"ހައި ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ދިވެހިންގެ ހާލު ބަލަމުން ދަނީ. އެމީހުން ތިބީ ރައްކާތެރި ހާލަތެއްގައި،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ކޮމިޝަނުން ގާތުން ބަލަމުން އެބަދެ އެވެ.

ޕާކިސްތާނަށް މިދިޔަ ޖޫން މަހުން ފެށިގެން ކުރަމުންދާ އެ ވިއްސާރާގައި 1،100 މީހުން މަރުވެ 33 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އަދި 992،871 އެއްހާ ގެއަށް އެ ވިއްސާރައިގެ އަސަރުކޮށްފައިވާއިރު ސާފު ފެނާއި ކާނާ ނުލިބި އެމީހުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްކުރެ އެވެ.

އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ގިނަ ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ހަމަޖައްސާފައި ހުރި ފައިސާ މިހާރު ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަދަލުކޮށްފައި ކަމަށް ޕާކިސްތާނު ސަރުކާރުން ބުންޏެވެ.

އިގްތިސާދީ ގޮތުން ވެސް ދަތި ދުވަސްވަރެއްގައި މިފަދަ ބޮޑު ކާރިސާއެއް ކުރިމަތިވިއިރު ޕާކިސްތާނުން ވަނީ ބައިނަލްއަގްވާމީ އެހީތެރިކަމަށް ވެސް އެދިފަ އެވެ. ޕާކިސްތާނުން ބުނީ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި ހާލަތުން ދުނިޔޭގެ އެހީ ނެތި އަރައިނުގަނެވޭނެ ކަމަށެވެ.

ވިއްސާރަ މޫސުމުގައި ފެން ބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކަކީ ޕާކިސްތާނުގައި އާންމު ކަމަކަށް ވިޔަސް މިހާރު އާދަޔާ ހިލާފަށް އޭގެ އަސަރުކުރަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފަ އެވެ.