Roadha Mihaaru
ފަރަށް އެރި ޕްލެޓުފޯމް ނުނަގާތީ ކުއްލި މައްސަލައެއް

ފަރަށް އެރި ބްރިޖުގެ ޕްލެޓްފޯމް ނުނަގާތީ ކުއްލި މައްސަލައެއް ހުށަހަޅައިފި

22 އޯގަސްޓް 2022

މާލެ ސަރަހައްދު ގުޅާލާ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން ވެސް ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސަރަހައްދު ގުޅާލާ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން ވެސް ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ ޕްލެޓް ފޯމް ފަރަށް އަރައި ގެއްލުންވަމުން ދާތާ ހަފްތާއެއް ވާން ކައިރިވެފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެ ޕްލެޓްފޯމް ނަގަން އެ ކުންފުންޏާއި ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ފަރަށް ލިބެމުން ދާ ގެއްލުންތައް ހުއްޓުވުމަށްޓަކައި ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާރުން މިހާރަށް ފަށަން ޖެހޭ ކަމަށާއި އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެ މަސައްކަތް ކައިރިން މޮނިޓާ ކުރަން ޖެހޭ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"ތިމާވެއްޓާ ގުޅުން ހުރި ޕްރޮޖެކްޓުތައް ކުރިޔަށް ގެންދަން ވާނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް. ހިތާމަ އާ އެކީ ދަންނަވާލަން ޖެހޭނީ މި ޕްރޮޖެކްޓު މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރެވޭ،" އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ފަރަށް ބޯޓު އަރާފައި އޮންނަތާ ހަފްތާއެއް ވާން އުޅޭ އިރު އޭގެ ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް އުޝާމް ވިދާޅުވި އެވެ. މޫސުން ރަނގަޅު ކަނޑު މަޑު ދުވަހެއްގައި އެވަރުގެ ބޮޑު ޕްލެޓްފޯމެއް އެހާ ފަސޭހައިން ކަަހައިލީ ކޮން ސަބަބަކާ ގުޅިގެން ކަން އަދިވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދި ކުންފުންޏަކުން ވެސް ސާފު ކޮށްދީފައި ނުވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ފުން ކުރުމަށްޓަކައި ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ފުން ކުރުމުގެ މަސައްކަތް ފެށީ ވެސް ދެ ދުވަސް ފަހުން. އޭރު އޮތީ ވާނެ އެއްޗެއް ވެފައި. ޕްލެޓްފޯމްގެ ފައިތައް އޮތީ ފަރުގެ ގާތަކުގައި ރަނގަޅަށް ހަރުލައި އިތުރަށް ގުޑުވާ ނުލެވޭ ވަރަށް ސްޓަކުވެފައި،" އުޝާމް ވިދާޅުވި އެވެ.

ދެ ދުވަސް ފަހުން ޓަގު ބޯޓެއް ބޭނުން ކޮށްގެން އެ ޕްލެޓްފޯމް ދަމާ ނެގޭތޯ މަސައްކަތް ކުރި ކަމަށާއި އޭރު ޕްލެޓްފޯމުގެ ފައިތައް ހަރުލާފައިވާތީ ގުޑާ ނުލި ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެ ސަރަހައްދަކީ ވަރަށް ރާޅު ބޮޑު ސަރަހައްދަކަށް ވާތީ އެކަން ކުރަން މިހާރު ވަރަށް ދަތި ކަމަށާއި ކުންފުނީގައި ގާބިލްކަން ނެތުމުން އެ މަސައްކަތް އެހެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ދާއިރާގެ ރައްޔިތުންގެ ނަމުގައި ސަރުކާރަށް އަނެއްކާ ވެސް ގޮވާލަން،" އުޝާމް ވިދާޅުވި އެވެ.

އެ ބަހުސް ކުރިޔަށް ގެންދިޔުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓު ފާސްވި އެވެ. އަދި ބަހުސް ކުރެއްވި ބައެއް އެހެން މެމްބަރުން ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ބްރިޖުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އެ ހާދިސާ އާ ގުޅިގެން ފަރަށް ލިބިފައި ހުރި ގެއްލުންތައް ބަލަމުން އަންނަ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ބުންޏެވެ.