08 ފެބުރުއަރީ 2019
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި، އުޝާމް ނިސްބަތްވާ ވިލިމާލޭ ދާއިރާއަށް އޭނާ ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ. އުޝާމްގެ ކެމްޕެއިން މިއަދު ހަވީރު ވަނީ ވިލިމާލޭގައި ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.
އުޝާމަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު މުހައްމަދު ނާޒިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އުޝާމް ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާއިރު، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް އެ ދާއިރާ އަށް މި ފަހަރުގެ އާންމު އިންތިޚާބުގައި ނުކުންނަވަ އެވެ. އުޝާމްގެ ބޮޑުބޭބެ ނާޒިމް ވަނީ ޑރ. ޖަމީލަށް ތާއީދު ކުރައްވައިފަ އެވެ. އެހެންވެ، ޑރ. ޖަމީލާއި އުޝާމްގެ ވާދަވެރިކަން މި އިންތިޚާބުގައި ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ހަފުލާގައި އުޝާމް ވިދާޅުވީ، އޭނާ އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރަން ނިންމެވީ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ. އެކަން، ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާގައި، ވިލިމާލެ ދާއިރާ އާއި ރާއްޖޭގެ ގިނަ ރައްޔިތުން ވެސް މިހާރު ގަބޫލުކުރާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"ޕާޓީއެއްގެ މެމްބަރެއް ވިއްޔާ އަބަދުވެސް މި މަސައްކަތް ކުރަނީ ޕާޓީގެ ފިކުރާ އެއްގޮތަށް. ޕާޓީގެ އެޖެންޑާ ކުރިއަރުވަން އެ މެމްބަރުން ބޭނުންވާނީ. ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ކުރާކަށް ފުރުސަތެއް އޮތް ކަމަށް ނުދެކެން. އެކަން ގިނަ ރައްޔިތުން ވެސް މިހާރު ގަބޫލު ކުރޭ." އުޝާމް ވިދާޅުވި އެވެ.
އުޝާމާ އެކު، މިއަދު މީހަކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ވިލިމާލެއަކީ މާލޭގެ އަވަށެއް ކަމަށް ވިޔަސް، އެ ދާއިރާއަށް ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތައް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި އެކަންކަމާ ގުޅިގެން އެ ދާއިރާގެ ހައްގުގައި މަޖިލީހުގައި އަޑު އުފުލަން ބޭނުންވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ވިލިމާލެ އަށް ދެން ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްގެ އިތުރުން އެމްޑީޕީން ޔާމީން އަހުމަދު އަދި ޕީޕީއެމްގެ ފަރާތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި 2013 ވަނަ އަހަރުން ފެށިގެން ހުންނެވުމަށް ފަހު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުން އެންގުމުންނެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އުޝާމް ހުންނެވީ އޭޖީ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ވިލިމާލޭގެ އަޑު ސާފު، ތަފާތެއް ނުކުރާނަން: އުޝާމް
ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި: އުޝާމް
ފަރަށް އެރި ޕްލެޓުފޯމް ނުނަގާތީ ކުއްލި މައްސަލައެއް
މެމްބަރުން ވަކިކުރެވޭ ގޮތް ހަދަން އުޝާމް ތާއީދު
މިނިވަން ކެންޑިޑޭޓުންނާ ގުޅޭ ގޮތުން ހަދަނީ ދޮގު:އުޝާމް
އަންހެނުން ހިމޭނުން ތިބުން ނިންމާލަން ވެއްޖެ: ޖަމީލް
ޖަވާބުދާރީވާން ޖެހޭ ސިޔާސީ ލީޑަރެއް ނުހުންނާނެ: އުޝާމް
ޒާތީ މައުލޫމާތު ހިމެނޭ އެޕްގެ މައްސަލަ ކޯޓަށް
މެމްބަރުން ހޮވުމުގައި ކުލައަށް ބަލާނެކަމެއްނެތް: އައިޝާ
އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާފަންނު ހުޅަނގަށް