Roadha Mihaaru
އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާފަންނު ހުޅަނގަށް

އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާފަންނު ހުޅަނގު ދާއިރާ އަށް

23 ފެބުރުއަރީ 2019

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ މާފަންނު ހުޅަނގު ދާއިރާއަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ މާފަންނު ހުޅަނގު ދާއިރާއަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މާފަންނު ހުޅަނގު ދާއިރާއަށް 10 ކެންޑިޑޭޓުން ވާދަކުރެ އެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަން ފޯމު ހުށަހަޅާފައިވަނީ ނޮޅިވަރަމް އާއި އިސްދޫ ދާއިރާއަށެވެ. އެއިން ކޮންމެ ދާއިރާއަކަށް ވެސް ނުވަ ކެންޑިޑޭޓުން ވާދަކުރެ އެވެ.

މާފަންނު ހުޅަނގު ދާއިރާ އަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާއި އެމްޑީއޭ އާއި ޕީއެންސީ އަދި އެމްޓީޑީގެ އިތުރުން އަމިއްލަގޮތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރަނީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު ފަލާހެވެ.

އިސްދޫ ދާއިރާ އަށް އެންމެ ގިނައިން ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުންނެވެ. އެ ދާއިރާ އަށް އަމިއްލަ ގޮތުން ހަތް ކެންޑިޑޭޓުން ވާދަކުރެ އެވެ.

ތިންވަނަ އަށް އެންމެ ގިނައިން ވާދަކުރަނީ ހެންވޭރު ދެކުނު ދާއިރާއަށެވެ. އެ ދާއިރާއަށް އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. ދެން ހުރި ދާއިރާތަކަށް އެވްރެޖް ގޮތެއްގައި ކުރިމަތިލާފައި ވަނީ 3-7 ކެންޑިޑޭޓުންނެވެ.

އެންމެ މަދު ކެންޑިޑޭޓުން ކުރިމަތިލާފައި ވަނީ 10 ދާއިރާއަކަށެވެ. ދެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ އެ ދާއިރާތަކަކީ ހޯރަފުށި ދާއިރާ، ބާރަށު ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، ކޮމަންޑޫ ދާއިރާ، ކެނދިކުޅުދޫ ދާއިރާ، އަލިފުށީ ދާއިރާ، މީދޫ ދާއިރާ، ފުވައްމުލަކު މެދު ދާއިރާ، ހުޅުދޫ ދާއިރާ އަދި ފޭދޫ ދާއިރާ އެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް ވާދަކުރުމަށް 403 މީހެއްގެ ފޯމު ހުށަހެޅި އެވެ. އެކަމަކު އަށް މީހެއްގެ ކެންޑިޑެސީ އީސީން ގަބޫލުނުކުރުމުން އިންތިޚާބުގައި ވާދަކުރާނީ 395 ކެންޑިޑޭޓުންނެވެ.