07 ނޮވެމްބަރ 2018
އައްޑޫގެ އެހެން އަވަށްތަކާ ޚިލާފަށް މަރަދޫފޭދޫ މީހުން ތަހައްމަލްކުރާ "ދަތި ހާލަތެއް" އޮވެ އެވެ؛ ވަކި ދާއިރާއަކަށް ނިސްބަތް ނުވާ ހަމައެކަނި އަވަށަށް ވުމެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާޗް މަހު ބާއްވާ އިރު އެ އަވަށަކީ ވަކި ދާއިރާއަކަށްވެ، މަޖިލީހުން ގޮނޑިއެއް ލިބެން މަރަދޫފޭދޫ މީހުން ވަރަށް ބޮޑަށް ބޭނުންވި އެވެ. އެކަމަކު އެ އުއްމީދު ހާސިލެއް ނުވި އެވެ.
އައްޑޫގެ އެހެން އަވަށްތަކާ ޚިލާފަށް މަރަދޫފޭދޫ މީހުން ތަހައްމަލްކުރާ "ދަތި ހާލަތެއް" އޮވެ އެވެ؛ ވަކި ދާއިރާއަކަށް ނިސްބަތް ނުވާ ހަމައެކަނި އަވަށަށް ވުމެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާޗް މަހު ބާއްވާ އިރު އެ އަވަށަކީ ވަކި ދާއިރާއަކަށްވެ، މަޖިލީހުން ގޮނޑިއެއް ލިބެން މަރަދޫފޭދޫ މީހުން ވަރަށް ބޮޑަށް ބޭނުންވި އެވެ. އެކަމަކު އެ އުއްމީދު ހާސިލެއް ނުވި އެވެ.
އައްޑޫގެ އާބާދީ އަށް ބަދަލު އައިސް، ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީ ތަމްސީލްކުރާނެ އިތުރު ދެ ގޮނޑި ލިބިދާނެއޭ ހީވި އެވެ. އެކަމަކު ކުރިއަށް އޮތް އިންތިޚާބަށް އިދާރީ ދާއިރާތައް ކަނޑައަޅައި ނިމުނީ އެކަން ހަގީގަތަކަށް ނުވެ އެވެ. އެއާ ޚިލާފަށް، މާލެ އަށް ލިބުނު ފުރުސަތު ކާމިޔާބުވެ، އިތުރު ދެ ގޮނޑި ވަނީ ލިބިފަ އެވެ. އެކަމާ މެދު ހިތްހަމަނުޖެހުންތަކާއި ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ އިރު މި ގޮތަށް ކަން ހިނގުމުގައި ބޮޑު ދައުރެއް އަދާކުރި "ނުބައެއް"ވެ އެވެ؛ މާލޭ ދަފްތަރެވެ.
އާ ދާއިރާތަކެއް އުފެއްދުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން އައީ އެކި ސަބަބުތަކުގެ ތެރެއިންނެވެ. އެކަމަކު އެ ނިންމުމަށް އަސަރު ފޯރުވި މައިގަނޑު ހަގީގަތަކީ މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ގިނަވުމާއި ގާތްގަނޑަކަށް 11،000 މީހުން ތިބި ދަފްތަރުގައި އައްޑޫ އެތައް ބަޔަކު ވެސް ތިބުމެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ދަފްތަރަށް ނިމުމެއް ގެންނަން. އެހެން ނޫނީ އިންތިޚާބުތަކަށް ކުއްލި ކުއްލި އަށް މި ކުރާ އަސަރުތައް [ނުހުއްޓުވޭނެ]"
މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅަނީ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނު ބުނާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ކޮންމެ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އާބާދީ 5،000 އަށް ވުރެ ބޮޑު ނަމަ، ފުރަތަމަ 5،000 އަށް އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިތުރުވާނެ އެވެ. ރަޖިސްޓްރީކޮށްފައިވާ އާބާދީ ގުނާ އިރު ބަލަނީ ދާއިމީ އެޑްރެހަށެވެ. މާލޭ ދަފްތަރުގައި ތިބި މީހުންގެ ދާއިމީ އެޑްރެހަކީ ދަފްތަރު ކަމަށް ބަލާތީ އެ މީހުން ހިމަނަނީ މާލޭގެ އާބާދީގަ އެވެ.
އާބާދީގައި 5،000 އަށް ވުރެ 15 ޕަސެންޓް ގިނަޔަސް ނުވަތަ މަދަސް ވަކި ދާއިރާއެއް އުފެއްދިދާނެ އެވެ. އޭގެ އިތުރުން، މަސްލަހަތަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަލައިގެން ދާއިރާތައް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ލިބިދެ އެވެ. އެފަދަ ސަބަބުތަކަށް ރިއާޔަތްކޮށް އާއްމު އުސޫލުން ބޭރުން އުފައްދާފައިވާ ދާއިރާތައް އެބަ ހުއްޓެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި މީދޫ ދާއިރާގައި ހިމެނޭ، 1،800 މީހުން ތިބި މަރަދޫފޭދުއަކީ ވަކި ދާއިރާއެއް ކަމަށް ކަނޑަނާޅަން ނިންމީ ވެސް އެ އުސޫލުގެ ތެރެއިންނެވެ؛ އެ ކަމުގައި ހުރި ކަންބޮޑުވުންތަކަށް ބަލާ އިރު މަސްލަހަތު ރަނގަޅު ނުވާނެތީ އެވެ.
"ފުރަތަމަ މި ޖެހެނީ މަރަދޫފޭދު އާއި މީދޫ ވަކިކޮށްލަން. ވަކިކޮށްލީމާ މީދު އަށް ވެސް މީހުން ހަމައެއް ނުވޭ ހުޅުދޫން މީހުން ނަގައިގެން ނޫނީ. މީދު އަށް ކިރިޔާ ވެސް މި ހަމަވަނީ 2،900. އެއީ ވަރަށް، ވަރަށް ދަށް އަދަދެއް. އަނެއްކޮޅުން މަރަދޫފޭދުއަކީ ވަކި ދާއިރާއަކަށް ހަދަންޏާ، ފޭދޫން ގާތްގަނޑަކަށް 1،800 މީހުން ގެންދަން ޖެހޭ،" ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވި އެވެ.
ކަމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ އިރު ކޮމިޝަނަށް އަޑުއިވުނީ ފޭދު އާއި ހުޅުދޫ މީހުން އެފަދަ ބަދަލަކަށް ތައްޔާރު ނޫން ކަމުގެ ޝަކުވާ އެވެ.
"... ހުޅުދޫ ރައްޔިތުންނާއި ފޭދޫ ރައްޔިތުންގެ ވެސް ކަންބޮޑުވުންތަކެއް އެބަ ހުރޭ. މި ކަންކަމަށް ބަލާފައި ގާނޫނުގައި ބުނާ މަސްލަހަތަށް ރިއާޔަތްކުރުމަށް ފަހު އަޅުގަނޑުމެންނަށް ޖެހުނީ އައްޑޫގައި އެ ބޭފުޅުން ފާހަގަކުރެއްވި ހުރިހާ ކަންތައްތަކެއް ހުއްޓާލަން،" ރޭ ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވި އެވެ.
Addu City ge Maradhoo feydhoo dhaairaa ah ithuru gondi eh ithurukurumaa gulhey gothun mashvaraa kurumah, Maradhoo feydhoo ge baeh beyfulhun Elections Commissionaa badhalukoffi pic.twitter.com/ZGYfSCnWi5
— Elections Commission (@ElectionsMv) November 4, 2018
އައްޑު އަށް އިތުރު ގޮނޑިއެއް ނުދިނަސް، ކޮމިޝަނުން ދާއިރާތަކުގެ ކަންކަން ނިންމާލީ މާލެ އަށް ދެ ގޮނޑި އިތުރުކޮށްފަ އެވެ. އޭގެ އެއް ސަބަބަކީ ހުޅުމާލޭގައި ވަޒަންވެރިވާ މީހުން ގިނަވެ އާބާދީ ބޮޑުވުމާ ގުޅިގެން އެ އަވަށަކީ ވަކި ދާއިރާއަކަށް ހަދަން ލިބުނު ފުރުސަތެވެ. އެއާއެކު، މިހާރު އޮތް ހުޅުހެންވޭރުން ހުޅުމާލެ ވަކިކޮށް، ދެން އެ ދާއިރާގައި ތިބި ހެންވޭރުގެ މީސްކޮޅު ހެންވޭރުގެ ދާއިރާތަކަށް ބަހާލި އިރު އެ އަވަށުގެ އާބާދީ 5،000 ވުރެ އިތުރުވުމުން އަލަށް ހެންވޭރު ހުޅަނގު ދާއިރާ އުފައްދަން ނިންމި އެވެ. މާލެ އަށް އިތުރުވާ ދެވަނަ ދާއިރާއަކީ މައްޗަންގޮޅީގެ އާބާދީ ބޮޑުވުމާ ގުޅިގެން އުފައްދަން ނިންމާފައިވާ މައްޗަންގޮޅި މެދެވެ.
މި ގޮތަށް މާލޭގެ ދާއިރާތައް އިތުރުވުމަކީ ނިމުމެއް އޮތް ކަމެއް ކަމަކަށް އިލްކެޝަންސް ކޮމިޝަނުން ނުދެކެ އެވެ. އެ ކޮމިޝަނުން ލަފާކުރާ ގޮތުގައި މަޖިލީހުގައި މާލޭގެ ގޮނޑިތައް ހައްތަހާ ދާނީ ގިނަވަމުންނެވެ؛ ދަފްތަރުގެ ސަބަބުންނެވެ.
"މާލޭގައި [އާބާދީ] މި ދާ ގޮތަށް ދާ ކަމަށް ވަންޏާ، އަޅުގަނޑަށް ގަބޫލުކުރެވެނީ، ދެން އޮންނަ އިންތިޚާބަކަށް ވެސް ދާއިރާއެއް އިތުރުވާނެ ކަމަށް. ސަބަބަކީ އާދަޔާ ޚިލާފަށް ދަފްތަރަށް ބޭފުޅުން ރަޖިސްޓްރީވަމުން ދާތީ،" އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވައިލި މަޝްރޫއުން ބައެއް މީހުންނަށް ފުރުސަތު ގެއްލޭތީ ކުރި ޝަކުވާތަކަށް ހައްލެއް ހޯދައިދޭން ކަމަށް ބުނެ ހައުސިން މިނިސްޓްރީން މިދިޔަ ޖުލައި މަހު ވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީވެގެން ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އެކަމާ ގުޅިގެން ދަފްތަރަށް ކުއްލިއަކަށް އެތައް ބަޔަކު އިތުރުވި އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިޚާބަށް އާ ދާއިރާތަކެއް ކަނޑައެޅި އިރު ބަލަން ޖެހިފައި އޮތީ މިދިޔަ މޭ މަހުގެ ނިޔަލަށް އާބާދީތައް ހުރި ގޮތަށެވެ. އެހެންކަމުން ޖުލައި މަހުން ފެށިގެން ދަފްތަރުގައި ރަޖިސްޓްރީކުރި އަދަދުގެ އަސަރެއް އެ ކަމަކަށް ނުފޯރަ އެވެ. އެކަމަކު ވެސް، އަކްރަމް ފާހަގަކުރައްވާ ގޮތުގައި، މާލެ އާއި އައްޑޫގެ ދާއިރާތައް ކަނޑައެޅުމުގައި މާލޭ ދަފްތަރު "ވަރަށް ނުބައި ރޯލެއް" ކުޅުނެވެ.
"ދާއިރާ މި ފަހަރު އެ ބޭފުޅުންނަށް [މަރަދޫފޭދޫ މީހުންނަށް] ނުލިބުމުގައި މި ދަފްތަރު ވަރަށް ނުބައި ރޯލެއް މި އޮތީ އަދާކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އޭގެ މާނައަކީ، އަކްރަމް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ އަވަށްތަކުގެ އާބާދީތަކާއި މާލޭ ދަފްތަރުގައި ތިބި އެ އަވަށްތަކަށް ނިސްބަތްވާ މީހުންގެ އަދަދު އަޅާކިޔާ އިރު، ދަފްތަރު ނެތް ނަމަ، އައްޑު އަށް އިތުރު ދެ ގޮޑި މަޖިލީހުން ލިބޭނެ ކަމެވެ.
"ހިތަދޫގެ 1،500 އަށް ވުރެ ގިނަ މީހުން އެބަ ތިބި މާލޭ ދަފްތަރުގައި. އެ މީހުން މި ވަނީ މާލޭ މީހުންނަށް. މިސާލަކަށް އެ މީހުން ދަފްތަރުގައި ނުޖެހި ތިބި ނަމަ ހިތަދު އަށް ވަރަށް ފަސޭހަ އިން އިތުރު ދާއިރާއެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ. "ދެން ހުޅުދު އާއި މީދޫގެ ޖުމްލަ 1،600 މީހުން ދަފްތަރުގައި އެބަ ތިބި ކަމަށްވޭ. މި މީހުން މީދޫގައި ތިބި ނަމަ މިއަދު މީދޫ ދާއިރާ އޮންނާނެ. އޭރުން މަރަދޫފޭދޫ ދާއިރާއެއް އުފައްދަން ފަސޭހަވީސް. ޖުމްލަކޮށް ބަލާ އިރު އައްޑޫގައި މިހާރު 33،000 މީހުން ތިބި އިރު އެ އަދަދު 36،000 އަށް ބަދަލުވެ އަށް ގޮނޑި ލިބޭނެ،"
ދަފްތަރުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ އައްޑު އަށް އިތުރު ދާއިރާއެއް ނުލިބުން އެކަންޏެއް ނޫނެވެ. އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ ގޮތުގައި ދާއިރާތައް ކަނޑައެޅުމުގައި ޖުމްލަކޮށް ވެސް މާލޭ ދަފްތަރަކީ ނޭދެވޭ ނުފޫޒެކެވެ. ހަމަ އެއާ އެކު، ދަފްތަރުގެ ސަބަބުން އިންތިޚާބުތަކަށް އެހެނިހެން ގޮތްގޮތުން ވެސް އަސަރު ފޯރާކަން އަކްރަމް ފާހަގަކުރެއްވި އެވެ. މިސާލަކަށް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވާ، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ދަފްތަރުގައި ރަޖިސްޓްރީވާން ހިތްވަރުދިނުމާ ގުޅިގެން ކުރިމަތިވި ނުތަނަވަސް ހާލަތެވެ. ދަފްތަރުގައި އަލަށް ރަޖިސްޓްރީވާ މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިދާނެ ކަމުގެ ބިރު އޭރު އޮތީ ހީވެފަ އެވެ. ހަމަ އެ ގޮތަށް، އަންނަން އޮތް މަޖިލީހުގެ އިންތިޚާބުގައި ވެސް ދަފްތަރުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު އަކްރަމް ދެއްވަ އެވެ. އަދި މި ސަބަބުތަކަށްޓަކައި އޭނާ ވިދާޅުވަނީ ދަފްތަރު އުވާލުމުގެ ވަގުތު ޖެހިއްޖެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ދަފްތަރަށް ނިމުމެއް ގެންނަން. އެހެން ނޫނީ އިންތިޚާބުތަކަށް ކުއްލި ކުއްލި އަށް މި ކުރާ އަސަރުތައް [ނުހުއްޓުވޭނެ]،" އަކްރަމް ފާހަގަކުރެއްވި އެވެ.
"މިސާލަކަށް މަޖިލީހުގެ މާޗް އިންތިޚާބަށް އަޅުގަނޑުމެން އާބާދީ ނަގަން ޖެހެނީ ނިމިދިޔަ މޭމަހުގެ ނިޔަލަށް. މޭ މަސް އައި އިރު މި ދެންނެވި ކަހަލަ ބަދަލެއް އައިސްފައެއް ނެތް. އަޅުގަނޑުމެން ނެގި އާބާދީ ކަލްކިއުލޭޓް މި ކުރީ ފަހުން މާލޭގެ ދަފްތަރަށް އިތުރުވި މީހުން ނުލައި. އެކަމަކު އިންތިޚާބުގެ ވޯޓާސް ލިސްޓު އަޅުގަނޑުމެން ނެރޭނީ އެ ބޭފުޅުން [މާލޭގެ] ދާއިރާތަކަށް ބަހާލައިގެން. މިސާލަކަށް ގަލޮޅު ދެކުނުގައި އިން ބޭފުޅަކު މިހާރު އެކަށީގެންވޭ، ވޯޓާސް ލިސްޓު ނެރޭ އިރުގައި، މާފަންނު ހުޅަނގަށް ދާން، ދަފްތަރު ބަހާލާ އިރު. ސުޕްރީމް ކޯޓުގެ ގައިޑްލައިން ބުނާ ގޮތުން ދަފްތަރު ވަކި ގޮތަކަށް ބަހާލަން އެބަ ޖެހޭ. އިންތިޚާބުގައި ކެމްޕެއިންކުރައްވާ ފަރާތްތަކަށް ވެސް ކިހާ އުނދަގޫ ކަމެއްތޯ؟"
މުޅި ރާއްޖެ އިން މާލެ އަށް ހިޖުރަކުރުމުގެ ސަގާފަތެއް އޮތް އިރު، މަޖިލީހުން އިތުރު ފުރުސަތު ހޯދުމުގައި ދަފްތަރުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ އައްޑު އަށް އެކަނި ކަމަކަށް ނުވާނެ އެވެ. އޭގެ އަނެއްކޮޅުން، ރަށްރަށަށް ނިސްބަތްވާ މީހުން ދަފްތަރުގައި ރަޖިސްޓްރީވުން ގިނަވާ ވަރަކަށް މާލޭގެ އާބާދީ ބޮޑުވެ މަޖިލީހުގައި މާލޭގެ ހިއްސާ އާއި ތަމްސީލުވުން ދާނީ ހައްތަހާ ވަރުގަދަވަމުންނެވެ. މިއީ މާލެ އާއި އެހެނިހެން ރަށްރަށާ ދެމެދު އޮތް ފަރަގު އިތުރަށް ބޮޑުވެގެންދާ ކަމެއްކަން، ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.
މާލެ އަށް ހިޖުރަކުރުމުގެ ސަބަބުން އަތޮޅުތައް ފަޅުވަމުންދާ މައްސަލަ އަށް ބަލައިލާފައިވާ "ފަޅު އަލިރަންމުތް" ފޮތް ލިޔުއްވި މުނާ މުހައްމަދު ގަބޫލުކުރައްވާ ގޮތުގައި ހިޖުރަކުރަން މަޖުބޫރުވެފައި އޮއްވާ، މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅަން މިހާރު ގެންގުޅޭ އުސޫލުގެ ސަބަބުން މާލެ އަށް ނުހައްގު ފައިދާތަކެއް ލިބެ އެވެ. އަދި އެއީ އިތުރު ތަފާތުކުރުމެއް ކަމަށާއި އޭގެ ސަބަބުން ސިޔާސީ ބާރުވެރިކަމުގައި ވެސް މާލެ އާއި އަތޮޅުތަކުގެ ފަރަގު ބޮޑުވާން މަގުފަހިވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މަޖުބޫރުން ދަންތުރައިގައި ޖެހުނީމާ މާލެ އަށް މި ގިނަވަނީ ގޮނޑި،" މުނާގެ ޓްވީޓެއްގައިވެ އެވެ.
"މާލެ އަށް މީހުން ޖަމާކުރެވެންޏާ ކުރެވޭނެހާ ގޮތެއް ހަދައި އެ ކަމަށް މަގުފަހިކޮށް އާބާދީގެ ބޮޑު ބައި މާލެ ގެނެސް ބޮޑު ބައި އޮތީ މާލޭގައޭ ކިޔާފައި ހުރިހާ ކަމެއް ފައްކާކުރަނީ މާލެ އަށް."
"މާލޭގައި ތޮއްޖެހިގެން މި އުޅޭ ބޭއިންސާފު ދިރިއުޅުން މާޒީކޮށް އެންމެނަށް ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް އެބަ ހުރި"ކަން ފާހަގަކުރައްވައި މުނާ ވިދާޅުވަނީ "މި ދަފްތަރު އެއީ މި ބޭއިންސާފު ނިޒާމުގެ ފާރުގަނޑު އިތުރަށް ފާރުކުރުވާ ކަމެއް" ކަމަށެވެ.
އަކްރަމްގެ ޚިޔާލު ވެސް އެއްގޮތެވެ. އޭނާ ވިދާޅުވާ ގޮތުގައި ދަފްތަރަކީ އުވާލަން ޖެހިފައިވާ އެއްޗެއްކަން ފާހަގަކޮށް، މި ފަހަރު ދާއިރާތައް ކަނޑައެޅުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ އިރު މަޖިލީހުގެ ބައެއް މެމްބަރުން ގާތު އިލެކްޝަންސް ކޮމިޝަނުން އެ ގޮތަށް ބުނެފައި ވެސް ވާނެ އެވެ.
"ދަފްތަރުގައި ޖެހުމަކީ ހަގީގަތުގައި ވަރަށް ބޮޑު ނިކަމެތި ކަމެއް،" އޭނާ ފާހަގަކުރެއްވި އެވެ.
"ކަންތައްތައް އިންތިޒާމްކުރެވިފައި އޮތް ގޮތުން، ބޯހިޔާވަހިކަން، ހުރިހާ ޒަރޫރީ ބޭނުންތައް ފުދޭ ތަނަކުން ހޯދުމަށްޓަކައި އަޅުގަނޑުމެން މި ޖެހެނީ އަޅުގަނޑުމެންގެ ލޯބިވާ ފަސްގަނޑު ދޫކޮށްފައި އެހެން ތަނަކަށް ރެފިއުޖީ ސްޓޭޓަސްގައި ވިޔަސް އަންނަން. އެހެންވީމާ [ދަފްތަރުގެ] ސަބަބުން ރައްޔިތުންނަށް އެ ބޭފުޅުންގެ އުފަން ރަށަށް ހޯދައިދޭން ޖެހޭ ތަރައްގީ އަށް ވެސް ހުރަސް އެޅިގެން އެބަ ދޭ."
އަކްރަމްގެ އެ ވާހަކަ އަށް ބާރު ދެނީ މަރަދޫފޭދޫ މީހުންގެ އިހުސާސްތަކެވެ. އެ އަވަށަކީ ވަކި ދާއިރާއެއްގެ ގޮތުގައި ހަމަޖައްސައިދޭން އެދޭކަން ބަޔާންކޮށް އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅި ޕެޓިޝަނެއްގައި ބުނެފައިވާ ގޮތުގައި "މިހާރު މި އަވަށް ނިސްބަތްވާ މީދޫ ދާއިރާ ހިމެނެނީ ކަނޑުދަތުރުފަތުރުކޮށްގެން ދެވޭ އެހެން އަވަށަކާ [މީދުއާ] އެކުގައި ކަމަށް ވާތީ ރައްޔިތުން ދާއިރާގެ ކަންކަމަށް އިންތިހާބުކުރާ މަގާމްތަކަށް އިސްވަނީ އާބާދީ ބޮޑު އަވަށަށް ނިސްބަތްވާ މީހަކަށް ވާތީ އާއި އިދާރީ ގޮތުން ދުވަހުގެ މަސައްކަތް ހިންގުމަށާއި އިޖުތިމާއީ ހަރަކާތްތެރިކަން އިތުރުކޮށް ހިންގުމަށާއި ރައްޔިތުންގެ އެކިއެކި ހަރަކާތްތައް ވިލަރެސްކޮށް ހެދުމަށް ދަތިތަކެއް ތަހައްމަލުކުރަން ޖެހޭއިރު ސިޔާސީ ބާރުވެރިކަމުގެ މިލްކުވެރިކަމުން މި އަވަށުގެ ރައްޔިތުން ވަނީ މަހުރޫމްވެފަ އެވެ."
މަރަދޫފޭދޫ މީހުން ބުނަނީ "ހާލަތު ބަދަލުކުރުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށާއި ރަށުގެ ތަރައްގީ އަށް އަދި ސިޔާސީ މައިދާނުގައި ސީދާ ރައްޔިތުންގެ ބަސް އިއްވުމަށް" މަޖިލީހުގެ ވަކި ގޮނޑިއެއް އެ އަވަށަށް ހޯދައިދޭން ޖެހޭ ކަމަށެވެ. އެކަމަކު އެ މީހުން ކުރިއަށް އޮތް އިންތިޚާބާ ކުރިމަތިލާނީ އެ އުއްމީދު ފެނަށް ވުމުގެ މާޔޫސްކަންމަތީގަ އެވެ.
ހުރިހާ ސިޓީތަކުން ވެސް ބުނީ އެމްޑީޕީއޭ!
ހަސަންގެ ގާނޫނީ ހައްގުތަކެއް ގެއްލުނު: ޖަމީލް
އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާފަންނު ހުޅަނގަށް
އައްޑޫ ދާއިރާތަކާ ގުޅޭ ޝަރީއަތް މާދަމާ ފަށަނީ
އައްޑޫގައި އިންތިޚާބު ބޭއްވުން މަޑުޖައްސަން އެދެފި
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
ދެ އިންތިހާބު އެއްކޮށްލުން، ރަނގަޅީ ކޮން ގޮތެއް؟
އިންތިހާބަށް މާލޭގެ ދެ ތަނެއްގައި 40 ޓެންޓު ޖަހަނީ
އައްޑޫގެ މަޖިލިސް ދާއިރާތަކުގެ މައްސަލަ ބޭރުކޮށްލައިފި
މާލެއަކީ ދަންތުރައެއް، އަތޮޅުތައް ތަރައްގީކުރޭ: ބޮންޑޭ