Roadha Mihaaru
ވޯލްޑް ބޭންކުގެ ލަފަޔަކީ ވެސް ޖީއެސްޓީ ބޮޑުކުރުން

ވޯލްޑް ބޭންކުގެ ލަފަޔަކީ ވެސް ޖީއެސްޓީ ފަދަ ޓެކްސްތަކުން އާމްދަނީ އިތުރުކުރުން

09 އޯގަސްޓް 2022

އާމްދަނީން ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި ޖީއެސްޓީ ބޮޑުކުރުން ފަދަ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް ލަފާ ދީފި އެވެ.

އާމްދަނީން ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި ޖީއެސްޓީ ބޮޑުކުރުން ފަދަ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް ލަފާ ދީފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އޭގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ލޮޅުމެއް އެރުމަށް ފަހު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ. މި ރިޕޯޓްގައި ބުނެފައިވަނީ ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެ ފުށް ފެންނަ ގޮތެއްގައި ބަލަހައްޓައި ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އާމްދަނީ އިތުރުކުރަން މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުތަކާއި ދަރަނި ބޮޑުވުމުގެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް، ހާއްސަކޮށް ބޯހިޔާވަހިކަމަށް، އިންވެސްޓްކުރަން ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ދިގު ރާސްތާގައި ރާއްޖޭގެ ތަރައްގީއަށް ފައިދާކުރި ނަމަވެސް، ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ހަރުދަނާ، ދެފުށް ފެންނަ އަދި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވޭ އިންވެސްޓްމަންޓްތަކަށް ހެދުމަކީ، ދައުލަތުގެ ހަރަދުތަކާއި ދަރަނި "އިންތިހާއަށް އަވަސްމިނެއްގައި" މަތިވިޔަ ނުދީ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތައް ފަދަ ބޭރުގެ ލޮޅުންތަކަށް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާތީ މިއީ ގެނައުން ވަރަށް މުހިންމު އިސްލާހުތަކެއްކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔަން. ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށް: ވޯލްޑް ބޭންކް

މި ރިޕޯޓްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ހަވާލާދީ ބުނެފައިވަނީ މި ރިޕޯޓަކީ ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ މާލިއްޔަތުގެ ހަރަދުތައް ކުޑަކުރުމަށާއި ރައްޔިތުންގެ ފައިސާ ހެޔޮ ގޮތުގައި ހަރަދުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބުނު ބާރެއް ކަމަށެވެ.

"އަދި އާމްދަނީ އިތުރުކުރުމަށް މިހާރު ކުރެވެމުންދާ އަދި ކުރިއަށް އޮތް ތާނގައި އިސްލާހީ މަސައްކަތްތަކަށް އެއްބާރުލުން ދީ، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ރައްޔިތުންގެ ފައިސާ ހަރުދަނާ ގޮތެއްގައި ކަނޑައެޅޭނެ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދޭނެ،" އަމީރު ވިދާޅުވެފައިވެ އެވެ. ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކުގެ ގޮތުގައި ޕީއީއާރް ރިޕޯޓްގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކުރުން ހިމެނެ އެވެ. ވޯލްޑް ބޭންކުން ބުނީ ދައުލަތުގެ އާމްދަނީ، ހާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތު ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓާކުރުން ހިމެނެ އެވެ. "ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައި. އޭގެ ތެރޭގައި، ޖީއެސްޓީ ރޭޓް ބޮޑުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އާއި ޕެންޝަން އެންމެ އިންސާފުވެރި ގޮތެއްގައި ދިނުމާއި، ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

"ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔަން. ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށް." ވޯލްޑް ބޭންކުން ބުނި ގޮތުގައި، ޕީއީއާރު ރިޕޯޓުގައި ހުށަހަޅާފައިވާ ގިނަ އިސްލާހުތަކަކީ ދައުލަތުގެ ހަރަދުތައް ބެހުމުގައި މިހާރަށް ވުރެ އިންސާފުވެރި ގޮތަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހުތަކެވެ. މިސާލެއްގެ ގޮތުގައި ބުނެފައިވަނީ، ބޯހިޔާވަހިކަމުގެ ދާއިރާގައި އާމްދަނީއަށް ބިނާކޮށް ޓާގެޓްކޮށްގެން ސިޔާސަތުތައް ތަންފީޒު ކުރުމުން ގެދޮރު އަމިއްލަކުރުމަށް އެޅޭ އިތުރު ބާރަކަށް ވާނެ އެވެ. އެއީ ކުލި ދައްކަމުން ގޮސް ގެދޮރު އަމިއްލަ ކުރުމަށް ހިންގާ ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވެސް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. ދައުލަތުގެ މުވައްޒަފުން އުޖޫރާގައި އޮތް ތަފާތުތައް ނައްތާލަން އިނާޔަތްތަކުގެ ތެރެއިން ގިނަ އިނާޔަތްތައް އެއްހަމަކޮށް ނުވަތަ ދިނުން ހުއްޓާލާއި އަދި އިތުރު ގަޑީގެ އިނާޔަތް ވެސް ވަކި ވަރެއްގައި ހިފެހެއްޓުމަށް ނެޝެނަލް ޕޭ ކޮމިޝަނަށް ވިސްނިދާނެ ކަމަށް ޕީއީއާރް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އަލަށް އެކުލަވާލި ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ ރަނގަޅު މިސްރާބަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާއި ނަމަވެސް މި އިސްލާހު ކާމިޔާބުކުރުމަށްޓަކައި، މުސާރަތަކަށްކުރާ ހަރަދު ކޮންޓްރޯލްކުރުން މިހާރަށް ވުރެ ހަރުދަނާކޮށް އެ ނޫން ވެސް ކަމާ ގުޅޭ އިސްލާހުތައް ގެނައުން މުހިންމު ކަމަށް ވަނީ ބުނެފަ އެވެ. ސިވިލް ސާވިސްގައި "ޑަބަލް ޕެންޝަން" ނައްތާލައި، ޕެންޝަން ނިޒާމުގެ ފައިދާ ލިބޭ މިންވަރު ހަރުދަނާކުރުމަށްޓަކައި، މިހާރު ރިޓަޔާކޮށްފައިވާ މީހުންނަށާއި މުސްތަގުބަލުގައި ރިޓަޔާ ކުރާ މީހުންނަށް، މި ސްކީމްގެ ފައިދާ ލިބޭނެ ގޮތްތަކެއް ހަމަޖެހޭނެ އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ވޯލްޑް ބޭންކުން ބުންޏެވެ. ސަރުކާރުގެ ހަރަދުތަކުގެ ފެންވަރު ވަޒަންކޮށް، ގައުމުތަކުން ރަނގަޅު ކުރިއެރުމާއި ތަރައްގީގެ ނަތީޖާތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖެހޭ މާލީ އިސްލާހުތައް ދެނެގަތުމަކީ ޕީއީއާރް ރިޕޯޓްގެ ބޭނުމެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ހާއްސަކޮށް ޕީއާރު ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.