29 އޮކްޓޯބަރ 2024
ހަރަދު ރެކޯޑު ކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު، ހަތަރު މަސް ފަހުން ސަރުކާރުން ކޮންމެ ހަފްތާއަކު އާންމު ކުރާ ތަފާސްހިސާބުތައް މިއަދު އާންމުކުރަން ފަށައިފި އެވެ.
ހަރަދު ރެކޯޑު ކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު، ހަތަރު މަސް ފަހުން ސަރުކާރުން ކޮންމެ ހަފްތާއަކު އާންމު ކުރާ ތަފާސްހިސާބުތައް މިއަދު އާންމުކުރަން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުގެ މިހާތަނަށް ވަނީ ބަޖެޓުން 40 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ރިކަރަންޓް ހަރަދަށް 27 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ދިނުމަށް ބަޖެޓުން ވަނީ 10.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މުސާރައަށް ކުރާ ހޭދަ ބޮޑުވީ ސިފައިންނާ ފުލުހުންނާއި ކުރިން ޕޭ ހާމަނައިޒްކޮށްފައިވާ އެހެނިހެން ދާއިރާތަކުގެ މުސާރަތަކާ ގުޅިގެން ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 28 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކޮންމެ ހަފްތާއަކު އާންމު ކުރާ މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލީ، އޭގައި އޮޅުންތަކެއް ހުރުމުން ކަމަށެވެ. އަދި އަލަށް އެ ހިސާބުތައް އާންމު ކުރީ އޮޑިޓާ ޖެނެރަލްގެ ލަފާގެ ދަށުން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ވަނީ ވޭތުވެދިޔަ 18 ހަފުތާގެ ހިސާބުތައް ވަކި ވަކިން ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދު ނުވަތަ ޕްރޮޖެކްޓްތަކަށް ހޭދަކޮށްފައިވަނީ 10.5 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް ލޯނު ދެއްކުމަށް ވަނީ ދެ ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި ކައުންސިލްތަކަށް އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ މާލީ ހާލަތު ބުނެދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ނަމުގައި ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓު، މި އަހަރުގެ ޖޫން މަހުން ފެށިގެން ނެރުން ހުއްޓާލީ ހިސާބުތައް ދިމާނުވާތީ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ސަރުކާރުން މިއަދު ބުނީ، އެ ދެ ބިލިއަނެއްހާ ރުފިޔާގެ ތަފުސީލްތައް ކަށަވަރު ކުރުމުގެ މަސައްކަތް އޮޑިޓަ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ހަރަދުތަކަށް ބަދަލު އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޮޑިޓަ ޖެނެރަލްގެ ލަފައަކީ އެ އަހަރެއްގެ ހަރަދު މާލީ ހިސާބުތަކުގައި ހިމެނުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބަޖެޓުން ކުރާ ހޭދަތައް އާންމު ކުރި އިރު މިއަދު މަޖިލީހުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ފާސްކޮށްފަ އެވެ. އެއާ އެކު މިއަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ސަބްސިޑީ ރިފޯމް ކުރާނީ އަންނަ އަހަރު
ހަރަދުތައް ރީސެޓް ކުރުން ނޫން ގޮތެއް ނެތް