Roadha Mihaaru
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ

ތަފާސްހިސާބު އާންމު ނުކުރަނީ މައުލޫމާތުތައް ފައިނަލް ކުރާތީ

25 ޖުލައި 2024

ރާއްޖޭގެ އިގުތިސާދީ ހާލަތު އަންގައިދޭން ފިނޭންސް މިނިސްޓްރީން ކުރިން ކޮންމެ ހަފުތާއަކު ނެރެމުން އަންނަ ތަފާސްހިސާބުތައް އާންމު ކުރުން މެދުކެނޑުނީ މައުލޫމާތުތައް ފައިނަލް ކުރާތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު އަންގައިދޭން ފިނޭންސް މިނިސްޓްރީން ކުރިން ކޮންމެ ހަފުތާއަކު ނެރެމުން އަންނަ ތަފާސްހިސާބުތައް އާންމު ކުރުން މެދުކެނޑުނީ މައުލޫމާތުތައް ފައިނަލް ކުރާތީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެންމެ ފަހުން ވީކްލީ ސްޓެޓިސްޓިކްސް އާންމުކުރީ މިދިޔަ ޖޫން މަހުގެ 20 ގަ އެވެ.

އެ މައްސަލާގައި ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައުލޫމާތުތައް އާންމުކުރުން ހުއްޓުނީ އެ މިނިސްޓްރީން ތަފާސްހިސާބުތައް ރީކޮންސައިލް ކުރަމުން އަންނާތީ ކަމަށެވެ. އެއީ އަހަރަކު ދެ ފަހަރު ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ އެ މައުލޫމާތަކަކީ ރީކޮންސައިލް ކޮށްފައި އާންމުކުރާ މައުލޫމާތެއް ނޫނެވެ. އެ ރިޕޯޓުގައި ވެސް އެގޮތަށް ޖަހާފައި ހުރެ އެވެ.

ސަރުކާރުން ކުރާ ހޭދަތައް ކޮންމެ ހަފުތާއަކު އެއް ފަހަރު އާންމު ކުރަން ފެށީ ޑިސެމްބަރު 2018 ގަ އެވެ.

އެ މައުލޫމާތުތައް އާންމު ނުކުރާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު އެނގިފައިވާ ގޮތުގައި އެންމެ ފަހުން އެ މައުލޫމާތު އާންމުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ މުސާރަ ނުހިމަނަ އެވެ. އޭގެ ކުރީ އަހަރު އީދު ބަންދާ ދިމާވުމުން ޖޫން މަހުގެ 20 ގައި މުސާރަ އޮތީ ދީފަ އެވެ. އެހެންވެ، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ މުސާރަ އޮތީ ހިމަނައިފަ އެވެ. އެހެންވެ، ރިކަރަންޓް ހަރަދު މި އަހަރަށް ވުރެ މިދިޔަ އަހަރު ބޮޑު ކަމަށް ދައްކަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަޖެޓުން 19 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. ރިކަރަންޓް ހަރަދަށް 14 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 16.4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބެ އެވެ.