Roadha Mihaaru
ޖަލުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން ފަށަނީ

ޖަލުގައި ތިބޭ ކުދިންނަށް ދިރާސީ އާ އަހަރާއެކު، ކިޔަވައިދޭން ފަށަނީ

26 ޖުލައި 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންނަށް، ދިރާސީ އާ އަހަރާއެކު، ކިޔަވައިދޭން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންނަށް، ދިރާސީ އާ އަހަރާއެކު، ކިޔަވައިދޭން ތައްޔާރުވެއްޖެ އެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް، މި މަހު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ ހަތެއްގަ އެވެ.

ޖަލުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން ވަކި ހާއްސަ ތަނެއް ގާއިމުކުރަން ޖެހޭއިރު، ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ކްލާސްރޫމް ހަދައި ނިމިފައިވާ ކަމަށެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު، އެ ކުދިންނަށް ކިޔަވައިދޭން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅިއެކު، 20 ކުދިންގެ ޖާގައިގެ އެ ކްލާސްރޫމް ހެދުމަށް އައްސޭރި ޖަލުގެ މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވައި އެކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ގޮތުން، ބަންދެއްގައި ކުއްޖަކު ބަހައްޓަން ޖެހޭ ހާލަތެއްގައި އެއްވެސް ތަފާތު ކުރުމެއް ނެތި ކުއްޖާގެ އުމުރުފުރައާ ގުޅޭގޮތުން ތައުލީމީ ފުރުސަތު ފަހިކޮށްދެން ޖެހެ އެވެ. އެޑިއުކޭޝަން މިނިސްޓްރީއާ އެކު އެ ކަރެކްޝަނަލް ސާވިސް އިން އެމްއޯޔޫގައި ސޮއިކުރީ އެހެންވެ އެވެ.

އެ އެމްއޯޔޫގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މަސްއޫލިއްޔަތަކީ ކުދިން ބަލަހައްޓާ މަރުކަޒަށް އެ ކުދިން ގެންދާތާ މަސް ދުވަހުގެ ތެރޭގައި، ކަރެކްޝަންސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ ޓީޗަރުން މެދުވެރިކޮށް، ކުއްޖާގެ ތައުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމެންޓް ހެދުމާއި ރިޕޯޓް ތައްޔާރު ކުރުމަށް ފަހު، ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިން ޕްލޭން ތައްޔާރުކުރުމެވެ.

ކަރެކްޝަންސްގެ މައްޗަށް ލާޒިމުކުރަނީ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް އިނާޔަތް ދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ އިތުރުން ޓީޗަރުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންކަމެވެ.