09 އޮކްޓޯބަރ 2024
ކްލާހުގައި ޔަޝްއަލް އަހްމަދު އަބްދުއްސައްތާރު އެހެން ކުދިންނާ ތަފާތެވެ. ކެންގަރޫ ޕްރީ ސްކޫލުގައި އުޅުނުއިރު ވެސް ކިޔަވައިދޭ ވަގުތު ޔަޝްއަލް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ޓީޗަރަކު ސުވާލު ކުރިޔަސް އެއްޗެއް ނުބުނު އިންނާނީ އޭނާގެ އަމިއްލަ ކަމެއްގަ އެވެ. އެކަމަކު ކިޔެވުމުގެ ތެރެއަށް ޗެލެންޖިން ކަންތައްތަކެއް ލައިފި ނަމަ، އެންމެ ފުރަތަމަ ޖަވާބު ދޭނީ އޭނާ އެވެ.
ކްލާހުގައި ޔަޝްއަލް އަހްމަދު އަބްދުއްސައްތާރު އެހެން ކުދިންނާ ތަފާތެވެ. ކެންގަރޫ ޕްރީ ސްކޫލުގައި އުޅުނުއިރު ވެސް ކިޔަވައިދޭ ވަގުތު ޔަޝްއަލް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ޓީޗަރަކު ސުވާލު ކުރިޔަސް އެއްޗެއް ނުބުނު އިންނާނީ އޭނާގެ އަމިއްލަ ކަމެއްގަ އެވެ. އެކަމަކު ކިޔެވުމުގެ ތެރެއަށް ޗެލެންޖިން ކަންތައްތަކެއް ލައިފި ނަމަ، އެންމެ ފުރަތަމަ ޖަވާބު ދޭނީ އޭނާ އެވެ.
މަޑުން އިނަސް ޔަޝްއަލަށް ހުރިހާ އެއްޗެއް ވެސް އެނގެ އެވެ.
"ޓީޗަރުންގެ ޝަކުވާ އަންނާނީ ކިޔަަވައިދޭއިރު ސަމާލުކަން ނުދޭ މައްސަލަ. އެކަމަކު ވަކިން ގެނެސްގެން ވާހަކަ ދެއްކީމަ ކޮންސެޕްޓް ހަމަ އަންޑަސްޓޭންޑްވެފައޭ އިންނަނީ ޓީޗަރުން ބުނޭ،" ޔަޝްއަލްގެ މަންމަ، އައިމިނަތު ޝަރާހަތު ކިޔައިދިނެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 1 އަދި 2 ގައި ކިޔެވިއިރު ވެސް ނުކުތް މައްސަލަ އަކީ ހަމަ އެއީ އެވެ. ކިޔަވައިދޭ ވަގުތު ޔަޝްއަލް އިންނަނީ ވަރަށް ބޮޑަށް ފޫހިވެފަ އެވެ. ޔަޝްއަލް ލައްވައި ފިލާވަޅު ހަދަން ޓީޗަރުންނަށް ކައުންްޓްޑަައުން ހަދަން ޖެހެ އެވެ.
ޔަޝްއަލް: އޭނާ ކިޔަވާ ހިތްވަނީ ޗެލެންޖިން ކަންތައްތަކާ އެކު
ގްރޭޑް 9 ގައި މިހާރު ކިޔަވަމުން އަންނަ 13 އަހަރުގެ ޔަޝްއަލްގެ އައިކިއު ލެވެލް، އެ އުމުރުގެ އެހެން ކުދިންނަށް ވުރެން މަތި ކަމުން ޗެލެންޖެއް ނެތް ނަމަ ފޫހިވަނީ އެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން މިހާތަނަށް ވެސް ޔަޝްއަލްގެ ކިޔެވުމުގެ ޝައުގުވެރިކަން ހުރީ އެގޮތަށެވެ.
"އެއް ފަހަރަކު ޓީޗަރަކު ބުނީ ވަރަށް ބޮޑަށް ޗެލެންޖް ކުރަންޖެހެޔޭ. ނޭނގޭތީއެއް ނޫނޭ، ނަހަދާތީއެއް ނޫނޭ، ނުވާނެތީއެއް ވެސް ނޫނޭ. އެހެން ކުދިން ވަރަށް ގިނައިރުން ކުރެވޭ ކަންކަން ވެސް ޔަޝްއަލް ކައިރި އައިސް ބުނީމަ އެބަ ނިންމާލައޭ އެއަށް ވުރެ އަވަހަށް،" މެލޭޝިއާއަށް 2019 ވަނަ އަހަރު ބަދަލުވެ އެ ތަނުގައި އުޅެމުން އަންނަ ޔަޝްއަލްގެ މަންމަ ބުންޏެވެ.
އަސްލު މިހާރު އެ އިންނަ ނޯމަލް ކަރިކިއުލަމަށް ފޫހިވަނީ. އެއީ މިކަހަލަ ކުދިންނަށް އަބަދުވެސް ފާހަގަވާކަމެއް. އެންމެން ވެސް ދައްކާ ވާހަކައެއް. އެމީހުންނަށް ޗެލެންޖެއް ނެތިއްޔާ އެޑިއުކޭޝަން ދެކެ ފޫހިވެޔޭ -- މަންމަ
އެހެންވިޔަސް ޓީޗަރުންގެ ފަރާތުން އޭރުވެސް ޔަޝްއަލަށް އެއްބާރުލުމާއި ލޯބި ލިބުނެވެ.
އިންޓަނޭޝަނަލް އިސްލާމިކް ސްކޫލު މެލޭޝިއާގައި ކިޔަވަމުން އަންނަ ޔަޝްއަލް، އޭނާގެ ސްކޫލު ޓީޗަރުންނާއި އޭނާއާ އެކު ކިޔަވާ ކުދިނާ އެކު ފޮޓޯއަކަށް ހުއްޓިގެން.
އެއް ފަހަރަކު ދިމާވި ހާދިސާއެއް ކިޔައިދެމުން ޔަޝްއަލްގެ މަންމަ ބުނީ ސްކޫލު ޓީޗަރުން ޗެލެންޖުތައް ކުރިމަތިކުރަން ގަޑިއެއް ވެސް ކްލާހަށް ގެންދިޔަ ކަމަށެވެ. ކައުންޓްޑައުން ޖައްސައިގެން ފިލާވަޅު ހެދުވުމަށް ޔަޝްއަލް ލައްވައި މަސައްކަތް ކުރުވި ކަމަށެވެ.
"އަބަދު ގޮސް ޓީޗަރުންނަށް ވެސް ކައިރީގަ ނުތިބޭނެތާ. އެހެންވެ ޓައިމާ ޖައްސާފައި ބޭންދީ. އެގޮތަށް ޗެލެންޖުކުރީމަ، ވަރަށް ޝައުގުވެރިކޮށް ނިންމާލި ވާހަކަ ޓީޗަރުން ވެސް ބުނި،" މަންމަ ކިޔައިދިނެވެ.
ޔަޝްއަލްއަކީ އޭނާގެ އުމުރުގެ ކުދިންނާ އަޅާބަލާއިރު ތޫނު ފިލި ކުއްޖެއް ކަން އުމުރުން ހަތަރު އަހަރުގައި އާއިލާއަށް ފާހަގަވީ ލޮޖިކް ޕަޒްސް ކަހަލަ އެއްޗެހި ހަދާއިރު ވެސް ފަސް ޖެހުމެއް ނެތި އޭގެ ޖަވާބުދޭތީ އެވެ. އެހާ ކުޑަ ކުއްޖަކު ފަސޭހަކަމާ އެކު ޖަވާބު ޖަވާބު ބުނެލާތީ އާއިލާ އިން ވެސް ތިބީ އޭރު ހައިރާން ވެފަ އެވެ.
ޔަޝްއަލް އާއި އޭނާގެ މަންމަ
އެހެންވެ، މެލޭޝިއާއަށް ބަދަލުވި ގޮތަށް ޔަޝްއަލްގެ އުމުރުން 5 އަހަރުގައި އާއިލާއިން ވަނީ އޭނާގެ އައިކިއު ޓެސްޓް ހަދައިފަ އެވެ. އޭރު ވެސް އައިކިއު ލެވެލް ހުރީ 141 ގަ އެވެ. ކުދިންގެ ތޫނުފިލިކަން ބެލުމަށް ހަދާ ޓެސްޓުގައި އެއީ މަތީ ނަތީޖާ އެކެވެ.
ޔަޝްއަލްގެ މަންމަ، ޕީއެޗްޑީއަށް ކިޔެވަމުންދިޔައިރު ވެސް ޔަޝްއަލް ދިޔައީ އެކަމަށް ވެސް އެހީތެރިވަމުންނެވެ. ހިސާބަށް އޭނާ ފެން ފަދަ އެވެ. މަންމަގެ ސްޓެޓިސްޓިކް މާއްދާ ކިޔަވާ ވަގުތު ކައިރީގައި ކަނުލައި އަޑު އަހަން އިނދެ އެވެ. އަދި ބައެއް ފިލާވަޅުތައް ނިންމަމަށް މަންމައަށް އެހީވެ އެވެ.
މަންމަގެ ކޯހުގައި ކިޔަވާ ބައެއް މީހުންނާ އެކު ޔަޝްއަލް ފޮޓޯއެއް ނަގަނީ.
އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް ޔުނިވާސިޓީގައި އޭނާގެ މަންމަ ކިޔަވަމުން އަންނައިރު މަންމައާ އެކު ކްލާހަށް ވަނުމަށް ވެސް ބައެއް ފަހަރު ފުރުސަތު ލިބެ އެވެ. އޭނާގެ މަންމައާ އެކު ކިޔަވަމުން އަންނަ މީހުންނާ ގާތް ގުޅުމެއް ބާއްވައި، ޔަޝްއަލް އިންނަނީ އެ ކްލާސްތަކުގައި ވެސް ކަނުލައި އަޑުއަހާށެވެ.
ޔަޝްއަލް، އޭނާގެ މަންމަގެ ކްލާހެއްގައި އިށީނދެގެން.
ޔަޝްއަލް ވަނީ އުމުރުން ނުވަ އަހަރުގައި ވެކްސްލާ އިންޓެލިޖެންސް ސްކޭލް ފޯ ޗިލްޑްރަންގައި ވެސް ބައިވެރިވެފަ އެވެ. މިއީ ކުދިންގެ އިންޓެލެކްޗުއަލް އެބިލިޓީ ބެލުމަށް ހަދާ ޓެސްޓެކެވެ. އެއިން ވެސް ރަނގަޅު ނަތީޖާއެއް ލިބުނެވެ.
އެ ކަހަލަ ތޫނުފިލި ކުދިންނަށް ހާއްސަކޮށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވެސް 2021 ވަނަ އަހަރު އޭނާ ބައިވެރިވި އެވެ. އޭގެ ތެރެއިން ޕްރި އަލްޖިބްރާ ކޯހަކީ ތިން މަސް ދުވަހުގެ ކޯހެއް ނަމަވެސް އެންމެ 21 ދުވަހުން އޭނާ ކޯސް ފުރިހަމަ ކުރި އެވެ. އެއީ ޔޫއެސްގެ ގްރޭޑް 8 ގެ ކުދިންގެ ހިސާބު މުޅި ސިލަބަހެވެ.
ޔަޝްއަލްއަކީ އަބަދުވެސް ފޮތް ކިޔުމަށް ވަރަށް ޝައުގުވެރިވާ ކުއްޖެއް.
އުމުރުން 11 އަހަރުގައި ޔަޝްއަލް ވަނީ ސްކޮލަސްޓިކް އެޕްޓިޓުޑް ޓެސްޓް (ސެޓް) ވެސް ހަދައިފަ އެވެ. މިއީ ކޮލެޖަށް ވަންނަ އިރު އެމެރިކާގައި ހަދަން ޖެހޭ ޓެސްޓެކެވެ. މިއީ ވާދަވެރި ޔުނިވާސިޓީތަކަށް ވަންނަ ނަމަ، ވަރަށް އުނދަގޫ އަދި އެ ޓެސްޓަށް ތައްޔާރުވުމަށް އެތައް މަހެއް އާންމުކޮށް ކުދިން ހޭދަކުރަންޖެހޭ ޓެސްޓެކެވެ. އެކަމަކު އަމިއްލައަށް އެކި ކަހަލަ ވީޑިއޯތައް ބަލައިގެން އެ ޓެސްޓަށް ތައްޔާރުވެ ޔަޝްއަލް ވަނީ 1200 މާކްސް ހޯދައިފަ އެެވެ.
ޔަޝްއަލް ކުރަހާފައިވާ ކުރެހުމެއް މީހަކަށް ދެނީ.
ޔަޝްއަލް ފޮތް ކިޔަން ވެސް އެހާމެ ޝައުގުވެރިވެ އެވެ. ކޮންމެ ތަނަކަށް ދިޔަސް އޭނާގެ އަތުން ފޮތް ދޫކޮށް ނުލަ އެވެ. އެއީ މޯލަކަށް ވިޔަސް، ކާން ވިޔަސް އަދި އާއިލާގެ މީހުންނާ އެކު ހިނގާލަން ނިކުތުން ކަމުގައި ވިޔަސް ފޮތެއް ނުލައި އޭނާ ގެއިން ނުނުކުންނާނެ ކަމަށް މަންމަ ކިޔައިދިނެވެ.
ޔަޝްއަލްއަކީ އަބަދުވެސް ފޮތް ކިޔަން ވަރަށް ޝައުގުވެރިވާ ކުއްޖެއް.
ފޮތަށް އޮތް ލޯބީގައި ޔަޝްއަލް ވަނީ ކޮވިޑްގެ ތެރޭގައި ދެ ވާހަކަ ފޮތް ލިޔެފަ އެވެ. އެ ފޮތްތައް އެމެޒޮން އާއި ބާންސް އެންޑް ނޯބްލް އާއި އީބޭ ކަހަލަ އިންޓަލޭޝަނަލް ފްލެޓްފޯމްތަކުގައި ވިކެ އެވެ.
އޭގެ ތެރޭގައި ޗައިނާ އާއި ޖަޕާން އާއި ސްޕެއިން އަދި ޑެންމާކް އާއި އިންޑިއާ ހިމެނެ އެވެ.
ކުރަހަން ވެސް އޭނާއަކީ މޮޅު ކުއްޖެކެވެ. ދޭތެރެއަކުން އެ ލިބޭ ވަގުތުތަކުގައި އެކި ކަހަލަ އެއްޗެހި ކުރަހައި އޭނާ ލޯބިވާ އެކި މީހުންނަށް ހަދިޔާ ކުރެ އެވެ. އޭނާގެ އާޓްވޯކެއް ވަނީ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން 2022 ވަނަ އަހަރު ނެރުނު މެގަޒިންއެއްގައި ވެސް ބޭނުންކޮށްފަ އެވެ.
ޔަޝްއަލްގެ އާޓްވޯކެއް، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ މެގަޒިންއެއްގައި ޝާއިއުކޮށްފައި.
ޔަޝްއަލް އަކީ ކިތަންމެ މޮޅު ކުއްޖަކަށް ވިޔަސް އޭނާގެ ހުނަރު ބޭނުންކުރުމަށާއި ކުރިއަރުވަން އެތައް ހުރަސްތަކެއް އެބަހުއްޓެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި އުމުރުން ކިތަންމެ ހަގަސް މޮޅު ކުއްޖެއް ނަމަ، އެ ކުއްޖެއްގެ ހުނަރު ދިރުވަން އެކި ފުރުސަތުތައް ފަހިކޮށްދެ އެވެެ.
އެކަމަކު އެ ފުރުސަތު އަދި ޔަޝްއަލް އަށް ރާއްޖެ އިން ލިބޭނެ ގޮތެއް ނެތެވެ. އޭނާ ބޭނުން ވަނީ އަވަހަށް އޯ ލެވެލް އާއި އޭ ލެވެލް ނިންމައި މަތީ ތައުލީމަށް ކިޔަވަން ފަށާށެވެ. މަތިން މާކްސް ހޯދައިގެން ސަރުކާރުން ދޭ ސްކޮލާޝިޕް ޔަޝްއަލް ބޭނުންވެ އެވެ.
ޔަޝްއަލް މަންމަ ބުނި ގޮތުގައި އެކަމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއް ކަމަކަށް ރާއްޖެއިން ބޭރުގައި ކިޔަވާތީ، ސަރުކާރުގެ ސްކޮލާޝިޕް އެ ދަރިވަރަކަށް ނުލިބެ އެވެ.
ކްލާހުގައި ކިޔަވައިދޭ ވަގުތު ޔަޝްއަލް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ޓީޗަރަކު ސުވާލު ކުރިޔަސް އެއްޗެއް ނުބުނު އިންނާނީ އޭނާގެ އަމިއްލަ ކަމެއްގަ އެވެ. އެކަމަކު ކިޔެވުމުގެ ތެރެއަށް ޗެލެންޖިން ކަންތައްތަކެއް ލައިފި ނަމަ، އެންމެ ފުރަތަމަ ޖަވާބު ދޭނީ އޭނާ އެވެ. pic.twitter.com/K5hYnPiPh6
— Mihaaru (@Mihaarunews) October 9, 2024
ރާއްޖޭގެ ގަވައިދުތައް އޮންނަ ގޮތުން ސްކޮލާޝިޕް ދެނީ ރާއްޖޭގައި އޯ ލެވެލް ނުވަތަ އޭލެވެލް ހަދާފައިވާ ކުދިންނަށެވެ. އަދި ސްކޮލާޝިޕް ހޯދަން ދިވެއްސާއި އިސްލާމުން ފާސް ވާން މަޖުބޫރެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ކިޔަވާތީ ދިވެއްސާއި އިސްލާމް، ޔަޝްއަލް ނުކިޔަވަ އެވެ. އެކަމަކު އޭނާއަކީ ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ ކުއްޖެކެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ޔަޝްއަލް އާއި އޭނާގެ ޓީޗަރުންނާއި އެކުވެރިން މައްކާގައި.
ބަޔޯމިމިކްރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ޔަޝްއަލް ސްކޮލާޝިޕެއް ހޯދަން އާއިލާ އިން އިންތިހާއަށް ބޭނުންވާއިރު ސްކޮލާޝިޕް ހޯދުމަށް ހަޔާ އެޑިއުކޭޝަނަށް މެއިލް ކުރުމުން އެންގީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނާއި އެހާ ކުޑަކުދިންނަށް އެ ފުރުސަތު ނުދޭ ކަމަށެވެ.
ޔަޝްއަލަށް ސްކޮލާޝިޕެއް ހޯދުމަށް ޖޯންސް ހޮޕްކިންސް މެދުވެރިކޮށް ބެލި ނަމަވެސް އެތަނުން އެ ފުރުސަތު ދެނީ ޔޫއެސްގެ ރައްޔިތުންނާއި އެތަނުގައި ރަށްވެހިވެފައިވާ މީހުންނަށް އެކަންޏެވެ.
ސްކޮލާޝިޕް ފުރުސަތު ހޯދަން، ރާއްޖެ އަންނަން އާއިލާ އިން މިހާރު ވަނީ ނިންމައިފަ އެވެ. މި މަހު ފަހުކޮޅު މާލެ ބަދަލުވެ ސްކޫލަކަށް ޔަޝްއަލް ވައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާ އިން ބުންޏެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ޔަޝްއަލް ނޫނަސް އަދި ކޮންމެ ކުއްޖެއްގެ ވިޔަސް އެހާ ހުނަރު ހުރިއްޔާ އެ ފުރުސަތު ކިތަންމެ ކުޑަ ކުއްޖަކަށް ވިޔަސް ނޫނީ ކޮންމެ ތާކު ހުއްޓަސް ދިވެއްސެއް ވިއްޔާ ދޭންވާނެއޭ. އޭރުންނޭ އެ ކުދިންނަށް އެ މީހުންގެ ހުނަރު ބޭނުންކުރެވޭނީ،" އޭނާގެ މަންމަ ބުންޏެވެ.
ޔަޝްއަލް އިވެންޓެއްގައި ކުދިންތަކަކާ އެކު ބައިވެރިވަނީ.
ރާއްޖެ އަށް ބަދަލުވި ނަމަވެސް އަދިވެސް ޔަޝްއަލް އަށް ދަތިތަކެއް އެބަހުއްޓެވެ.
މަންމަ ޝަރާހަތު ބުނި ގޮތުގައި ރާއްޖެއަށް ބަދަލުވާއިރު ދެން އޮތް ދައްޗަކީ މިހާރު ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ޔަޝްއަލްގެ އުމުރުގެ ގޮތުން ގްރޭޑް 8 އެއްގައި ކިޔަވަން ޖެހުމެވެ.
"ގްރޭޑް 8 އަކަށް ވަންނަން އެންޓްރެންސް އެގްޒާމް ހަދަން މި ޖެހެނީ. ވާހަކަ ދެއްކި ގިނަ ސްކޫލުތަކުން ބުނީ ފުރުސަތު ލިބޭނީ ގްރޭޑް 7 ނުވަތަ 8 އަކުން ކަމަށް،" މަންމަ ބުންޏެވެ.
ޔަޝްއަލް އަކީ ކިތަންމެ ހުނަރުވެރި ކުއްޖަކަސް އޭނާއަށް އޮތް ގޮންޖެހުމަކީ އެއީ އެވެ. ސަރުކާރު ހަރަދުގައި ކިޔަވަން ސްކޮލާޝިޕެއް ނުލިބިދާނެ ކަމުގެ ބިރާ އެކު އޭނާގެ ހުނަރުވެރިކަން ދެއްކުމަށް އޮތް ފުރުސަތަށް ހުރަސް އެޅެނީ އެވެ.
ޔަޝްއަލް ފޮތެއް ކިޔަނީ.
ދިރިއުޅެން ޖެހިފައިވާ ގޮތުން މިވަގުތު މެލޭޝިއާގައި ތިބި އާއިލާ އިން މާލެ ބަދަލުވެގެން ވެސް ބޭނުން ވަނީ ޔަޝްއަލް ބޭނުންވާ ރޮނގުން އޭނާ އަށް ކިޔަވައިދޭށެވެ. އޭނާގެ ހުނަރު ކުރިއަރުވަން ކުރެވެން ހުރި ކަންކަން ކުރަން އާއިލާ އިން ތައްޔާރެވެ.
"ރާއްޖެ އިން ބޭރުގައި ކިޔެވިޔަސް ޝަރުތު ހަމަވާ ކުދިންނަށް ސަރުކާރުގެ ސްކޮލާޝިޕް ލިބޭނެ މަގެއް ފަހިވެގެން ދިއުމަކީ ހަމަ އުއްމީދެއް،" މަންމަ ބުންޏެވެ.
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟
ޖަލުގައި ތިބޭ ކުދިންނަށް ކިޔަވައިދޭން ފަށަނީ
ނުވަ އަހަރުގައި އޯ ލެވެލްގެ ހިސާބުން ސީ ފާހެއް
ސްކޫލު ގައިޑް: ސްކޫލަށް ދާން ކެތް މަދުވެފައި!
ފަގީރު ކުއްޖެއްގެއަތުން 120،000 އަށް 12 އަނބު
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
އުމުރުން 12، ހައި ސްކޫލާއި ކޮލެޖުން ގްރެޖްއޭޓްވަނީ
ގޭގައި ކިޔަވައިދޭއިރު ބެލެނިވެރިން ވިސްނަންވީ ކަންތައް
އެއް މިނެޓުން 196 ސުވާލަށް ޖަވާބުދީ ރެކޯޑް ފޮތަށް