Roadha Mihaaru
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ

ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ

03 އޯގަސްޓް 2023

ޗައިނާގައި ކުޑަކުދިން ސްކްރީނަށް ސަމާލުކަން ދޫކޮށްލައިގެން ތިބޭ ވަގުތު މަދުކުރުމުގެ ގޮތުން އާ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަމަށް މަސައްކަތް ފަށައިފި އެވެ.

ޗައިނާގައި ކުޑަކުދިން ސްކްރީނަށް ސަމާލުކަން ދޫކޮށްލައިގެން ތިބޭ ވަގުތު މަދުކުރުމުގެ ގޮތުން އާ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަމަށް މަސައްކަތް ފަށައިފި އެވެ.

ޗައިނާގައި އިންޓަނެޓްގެ ޚިދުމަތްތައް ބަލަހައްޓާ އިދާރާ، ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ އިން މިއަދު ބުނި ގޮތުގައި މޮބައިލް ފޯނާއި ޓެބްލެޓާއި އައިޕެޑް ފަދަ ޑިޖިޓަލް ސްކްރީންތަކުގައި ކުޑަކުދިން ހޭދަކުރާ ވަގުތު ކުޑަކުރުމުގެ ވަގުތު މާބޮޑަށް ވެސް ލަސްވެއްޖެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ކުދިންގެ ކިބައިގައި އަޚްލާގީ އަދި ސުލޫކީ ރަނގަޅު ސިފަތައް އަށަގަންނުވައި އިޖްތިމާއީ އަގުތައް ހަރުލެއްވުމަށްޓަކައި، ޑިޖިޓަލް ސްކްރީނާ އެކުގައި ކުދިން ހޭދަކުރާ ވަގުތު، ދުވާލަކު ދެ ގަޑިއިރަށް މަދުކުރަންޖެހެ އެވެ. އެކަން ކުރުމުގެ ގޮތުން، މޮބައިލް އާލާތްތަކާއި އެޕްލިކޭޝަންތައް އަދި އެޕް ސްޓޯރުތަކުގައި ވެސް، "މައިނާ މޯޑް" ހިމެނުމަށް އެ އިދާރާ އިން ވަނީ ނިންމައިފަ އެވެ.

މޮބައިލް ފޯނަށް ނުވަތަ ޑިޖިޓަލް އާލާތެއްގައި ހިމެނޭ މައިނާ މޯޑަށް އެ އެއްޗެއް ބަދަލުކުރުމުން، 24 ގަޑިއިރުގެ ތެރޭގައި އެ އާލާތެއް އެންމެ ގިނަވެގެން ވެސް ބޭނުންކުރެވޭނީ ދެ ގަޑިއިރަށެވެ. ދެ ގަޑިއިރު ހަމަވުމާއެކު އެ އާލާތެއްގައި ހުންނަ އޮންލައިން އެޕްލިކޭޝަންތައް އޮޓަމެޓިކުން ނިވޭނެ އެވެ.

އެ ކުންފުނިން ހުށަހަޅާފައިވާ މި މިންގަނޑު ސަރުކާރުން ފާސްކޮށްފި ނަމަ، ކުޑަކުދިންގެ އުމުރާ ނުގުޅޭ މަންޒަރާއި މައުލޫމާތު އެ ކުދިންނަށް ފޯރާ މިންވަރު ކުޑަކުރެވޭނެ ކަމަށް އެ އިދާރާ އިން ދެކެ އެވެ. ކުޑަކުދިން ޑިޖިޓަލް ސްކްރީންއާ އެކު ހޭދަކުރާ ވަގުތު މަދުކުރުމަށް އެ އިދާރާ އިން ހުށަހަޅާފައިވާ މި ހުށަހެޅުންތައް މިހާރު ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް، މިއަހަރުގެ ސެޕްޓެމްބަރު 2ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މައިނާ މޯޑްގައި ޑިޖިޓަލް އާލާތެއް އޮންނަ އިރު، 18 އަހަރުން ދަށުގެ ކުދިންނަށް ރޭގަނޑު 10 ން ފެށިގެން ހެނދުނު 6:00 އާ ހަމައަށް، އެއްވެސް ކަމަކަށް އެ އާލާތެއް ބޭނުމެއް ނުކުރެވޭނެ އެވެ. އަދި އުމުރުން އަށް އަހަރުން ދަށުގެ ކުދިންނަށް އެފަދަ އާލާތްތައް ބޭނުންކުރެވޭނީ، ދުވާލަކު އެންމެ ގިނަވެގެން ވެސް 40 މިނެޓަށެވެ.

އަށް އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް އެފަދަ އާލާތްތައް ބޭނުންކުރެވޭނީ، އެންމެ ގިނަވެގެން ވެސް ދުވާލަކު އެއް ގަޑިއިރަށެވެ. އަދި 16-18 އަހަރުގެ ކުދިންނަށް ބޭނުންކުރެވޭނީ އެންމެ ގިނަވެގެން ދެ ގަޑިއިރެވެ.

މީގެ އިތުރުން މައިނާ މޯޑްގައި ފޯން ނުވަތަ ޓެބްލެޓް ބޭނުންކުރަމުން ދާއިރު، 30 މިނެޓް ހަމަވުމުން، އެ އެއްޗެއް ނިވާލައި އަރާމު ކުރުމަށް، އޮޓަމެޓިކް ނޮޓިފިކޭޝަނެއް ސްކްރީނުން ފެންނާނެ އެވެ.

އާންމު އުސޫލެއްގެ ގޮތުން މި މިންގަނޑު ކަނޑައެޅި ނަމަވެސް، ކުދިން ފޯނު ބޭނުންކުރާ ވަގުތު އިތުރު ކުރަން ބޭނުންވެއްޖެ ނަމަ އެކަމުގެ އިޚްތިޔާރު ބެލެނިވެރިންނަށް އޮންނާނެ އެވެ. އަދި ކިޔެވުމުގެ ކަންކަމުގަ އާއި ކުއްލި ހާލަތްތަކުގައި، ވެސް މި އުސޫލަށް އަމަލެއް ނުކުރާނެ އެވެ.