Roadha Mihaaru
މަންމަ ރުޅި އައުމުން ހައްލު ހޯދީ ޓެކްނޮލޮޖީން

މަންމަ ރުޅި އައުމުން ހައްލު ހޯދީ ޓެކްނޮލޮޖީން

25 މެއި 2019

މައިންބަފައިން ބުނާ ގޮތަށް ދަރިން ކަންތައް ނުކޮށްގެން، ދަރިންނާ ދިމާއަށް އެއްޗެހި ކިޔުމަކީ ބައެއް މައިންގެ އާދައެކެވެ. ބައެއް ކުދިން މިކަހަލަ ކަންތައްތަކާ ހެދި ހިތުގައި ޖެހިގެން ރޮއި ހެދިޔަސް، ޗައިނާގެ މި ކުއްޖާ އަށް ލިބުނީ ހިތްވަރެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މައިންބަފައިން ބުނާ ގޮތަށް ދަރިން ކަންތައް ނުކޮށްގެން، ދަރިންނާ ދިމާއަށް އެއްޗެހި ކިޔުމަކީ ބައެއް މައިންގެ އާދައެކެވެ. ބައެއް ކުދިން މިކަހަލަ ކަންތައްތަކާ ހެދި ހިތުގައި ޖެހިގެން ރޮއި ހެދިޔަސް، ޗައިނާގެ މި ކުއްޖާ އަށް ލިބުނީ ހިތްވަރެކެވެ.

ވީ ގޮތަކީ މަންމަ ހެދުން ހިއްކަން ބޭރުގައި އަޅާފައި ކުއްލިއަކަށް ކަމެއް ޖެހިގެން ގެއިން ބޭރަށް ދާން ޖެހުނީ އެވެ. އުޑުމަތި ވެސް ބަނަކޮށް އޮތް ދުވަހަކަށްވާތީ ދަރިފުޅު ކައިރީ ދަމުން ބުނީ ވާރޭ ވެހެން ފަށައިފި ނަމަ، ހިއްކަން އަޅާފައި ހުރި އެއްޗެހި ނެގުމަށެވެ.

އެކަމަކު ކަންދިމާވި ގޮތުން ގޭތެރޭގައި ކުޅެ، ސަކަރާތް ޖަހަން ހަދައިގެން، ބޯކޮށް ވާރޭ އޮއްސައިލި އިރު ވެސް ހިއްކަން އެޅި އަންނައުނު ނަގާކަށް ހަނދާނެއް ނުވި އެވެ. މަންމަ ގެއަށް އާދެވުނު އިރު ކުރި މަސައްކަތް އޮތީ ފެނަށްވެފަ އެވެ. އެހެންވެ އައީ ރުޅީގައި 12 އަހަރުގެ ފިރިހެން ދަރިފުޅު ލޫ ޖިއޭޒަން އަށް ވަރު ބޭލި އެވެ.

އެކަން އެގޮތަށްވީ ހަނދާން ނެތިގެން އަދި ފަރުވާ ކުޑަވެގެން ކަމަށްވާތީ މަންމަގެ ހަޅޭއް ލޫ ނެގީ ވަރަށް ސީރިއަސްކޮށެވެ. އެކަމަކު ރަނގަޅު ގޮތުގަ އެވެ.

ލޫ ތައްޔާރު ކުރި ޑްރައިން ރެކް.

ލޫ ތައްޔާރު ކުރި ޑްރައިން ރެކް.

އެ ދުވަސްކޮޅަކީ ރީޖަނަލް ސައިންސް އިނޮވޭޝަން ކޮންޓެސްޓްގެ ނަމުގައި ސައިންސް ފެއާއެއް ބާއްވަން ތައްޔާރުވަމުން ދިޔަ ދުވަސްކޮޅެކެވެ.

އެހެންވެ ގުއަންގްޑޮން ޕްރޮވިންސް ނެނިންގެނޯތު-އީސްޓް ވިމެންސް އެޑިއުކޭޝަން ސެންޓަރުގެ ގްރޭޑް 6 ގައި ކިޔަވަމުން ދިޔަ ލޫ ބޭނުންވީ އެ ފެއާގައި ބައިވެރިވާށެވެ. މައިގަނޑު މަގުސަދަކަށްވީ މަންމަ ހިތްހަމަނުޖެހުނު ޖެހުނު ސަބަބަށް ރަނގަޅު ހައްލެއް ހޯދާށެވެ.

އެގޮތުން އައި ހިޔާލުގެ ތެރެއިން އޭނާ ތައްޔާރު ކުރީ އަންނައުނު ހިއްކަން އަޅާ އޮޓޮމޭޓެޑް ޑްރައިން ރެކެކެވެ. މި ފަރުމާކޮށްފައި ވަނީ ވާރޭ ވެހިއްޖެ ނަމަ، އޭގައި ހަރުކޮށްފައިވާ ސެންސާތަކުން އެކަން ދެނަގެނެ އޮޓޯ އިން ޓްރޭގެ މަތިން ސަތަރި ފުރާޅެއް ނިއުޅި، އަންނައުނު ވާރޭން ހިޔާކޮށްދޭ ގޮތަށެވެ. އަދި ވާރޭ ހުއްޓާލައި އަވި ދޭން ފެށުމުން އަމިއްލަ އަށް ފުރާޅު ނެގި އަންނައުނުތައް ހިއްކައި ދޭނެ އެވެ.

މި ޓްރޭ ފަރުމާކޮށްފައި ވަނީ އަންނައުނުގެ ތެތްކަން ވެސް އަންގައިދޭ ގޮތަށެވެ. އޭގެ މާނައަކީ ޓްރޭ އިން އަންނައުނު ނަގާ އިރު، އެއްކޮށް ހިކިފައި ހުންނާނެކަން ކަށަވަރުވުމެވެ.

އެހެންވެ މިއީ ހެދުން ހިއްކަން އަޅާފައި ދެން ވާރެއާ ދޭތެެރޭ ވިސްނަން ޖެހޭނެ އުފެއްދުމެއް ނޫނެވެ. ލޫ ބުނަނީ މަންމަ ދެން އެކަމާ ހެދި އޭނާ އަށް އެއްޗެހިކިޔަން ނުޖެހޭނެ ކަމަށެވެ.

އަމިއްލަ ސިކުނޑި އަށް އައި ހިޔާލަށް ލޫ ތައްޔާރު ކުރި ޑްރައިން ރެކް ހަމައެކަނި މަންމަގެ މޫނު މައްޗަށް ހިނިތުވުން ގެނެސް ދިން އެއްޗަކަށް ވެސް ވީއެއް ނޫނެވެ. އެއަށް ފެއާ އިން ވަނީ އެއް ވަނަ ވެސް ލިބިފަ އެވެ.

އަދި އެތައް ބައެއްގެ ތައުރީފު ވެސް ލޫ އަށް ލިބުނެވެ. ބައެއް މީހުން ވަނީ އޭނާ ކައިރީ ވިޔަފާރި އުސޫލުން ޑްރައިން ރެކް ހަދައި ދީފާނެތޯ ވެސް އަހައިފަ އެވެ. އެކަމަކު ލޫ ބުނީ އެކަމަށް އަދި ތައްޔާރު ނޫން ކަމަށެވެ.