Roadha Mihaaru

ފޯނާއި ސްމާޓް ޑިވައިސްތައް ކްލާހުގައި ބޭނުންކުރުން ދެކުނު ކޮރެއާގައި ގާނޫނަކުން މަނާކޮށްފި

ދެކުނު ކޮރެއާގައި، ފޯނާއި ސްމާޓް ޑިވައިސްތައް ކްލާސް ގަޑީގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް މިއަދު ފާސްކޮށްފި އެވެ.

ކްލާހުގައި ފޯނު ބޭނުންކުރުން ކޮރެއާގައި މަނާކޮށްފި

ދެކުނު ކޮރެއާގައި، ފޯނާއި ސްމާޓް ޑިވައިސްތައް ކްލާސް ގަޑީގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް މިއަދު ފާސްކޮށްފި އެވެ.

ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ފޯނާ ދުރުކުރުމަށް ގައުމުތަކުން ފިޔަވަޅު އަޅަމުން އަންނަ އިރު އެ ލިސްޓުގައި ހިމެނުނު ދެކުނު ކޮރެއާގައި ފާސްކުރި ބިލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ މާޗް މަހު ފަށާ ދިރާސީ އަހަރާ އެކުގަ އެވެ. މިއީ ސްމާޓްފޯން އެޑިކްޝަންގެ ސަބަބުން ކުދިންނަށް ކުރަމުންދާ ނޭދެވޭ އަސަރާ ދެކޮޅަށް ގައުމުގެ މައި ސިޔާސީ ދެ ޕާޓީ އެކުވެގެން ކުރި މަސައްކަތުން ފާސްކުރި ބިލެކެވެ.

ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ބެލެނިވެރިން ވެސް ބުނެފައިވާ ގޮތުގައި ސްމާޓްފޯންގެ ސަބަބުން ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކޮށް، އެ ކުދިން ކިޔެވުމުގައި ހޭދަކުރެވޭނެ އެތައް ވަގުތެއް ފޯނާ އެކު ހޭދަކުރަމުންދެ އެވެ.

ނަމަވެސް މި ގާނޫނު ތަންފީޒުކުރާނެ ގޮތަކާއި އޭގެ ނަތީޖާއާ މެދުގަ އާއި ގާނޫނެއްގެ ކުރިން ކުދިން ސްމާޓްފޯނަށް ދެވިހިފާ ސަބަބުތައް ނައްތާލަން މަސައްކަތް ނުކުރުން ފަދަ ކަންކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.

މަޖިލީހުގެ 163 މެންބަރުންގެ ތެރެއިން 115 މެންބަރަކު ބިލަށް ތާއީދުކޮށް ވޯޓު ދެއްވި އެވެ.

ދެކުނު ކޮރެއާގެ ގިނަ ސްކޫލްތަކުގައި މިހާރު ވެސް ސްމާޓްފޯން މަނާކުރުމަށް އެކި އުސޫލުތައް ހަދާފައިވެ އެވެ. އަދި އެ ގައުމުގައި ނޫނަސް އެހެން ބައެއް ބައެއް ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ.

ފިންލޭންޑާއި ފްރާންސް ފަދަ ބައެއް ގައުމުތަކުން ވަނީ ފޯނު ބޭނުންކުރުން ކޮންމެވެސް މިންވަރަކަށް މަނާކޮށްފަ އެވެ. އެ ގައުމުތަކުގައި އޮންނަޏީ ހަގު ދަރިވަރުންނަށް ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ. ނަމަވެސް އިޓަލީ، ނެދަލޭންޑްސް އަދި ޗައިނާ ފަދަ ގައުމުތަކުން ވަނީ ހުރިހާ އުމުރުފުރައެއްގެ ސްކޫލްތަކެއްގައި ވެސް ފޯނު ބޭނުންކުރުން މަނާކޮށްފަ އެވެ.