Roadha Mihaaru
އެމްޑީޕީއަށް ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް

އެމްޑީޕީއަށް ދައުލަތުން ދޭ ބަޖެޓުގެ 60ޕަސެންޓް ދާއިރާތަކަށް ދޭން ފާސްކޮށްފި

21 ޖުލައި 2022

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބަހަން، އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބަހަން، އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާއަށް، ބާރަށު ދާއިރާގެ މެމްބަރު އަދި މާލީ ކަންތައްތަކާ ބެހޭ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުން ކަންކަން ހިންގުމަށް ބާރު އަޅާ އަދި އެ ކަންކަމަށް ހިތްވަރު ދޭ ޕާޓީއެއް ކަމަށެވެ.

އެހެންވެ، މި އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭ ފައިސާގެ 60 ޕަސެންޓް އެމްޑީޕީން ބަހާނީ އެ ޕާޓީގެ ދާއިރާތަކަށް ކަމަށް ފާސްކުރި ގަރާރުގައި ބުންޏެވެ.

އެމްޑީޕީގެ ދާއިރާތައް ބަހާލާފައިވަނީ ރައްޔިތުންގެ މަޖިލީހެކޭ އެއްގޮތަށް 87 ދާއިރާއަށެވެ. ބައި ލައްކައަށްވުރެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 15.02 މިލިއަން ރުފިޔާ ދީފައިވެ އެވެ.

މާލީ އެހީ ދޭނެ ގޮތްތައް

- ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 ޕަސެންޓް ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުން

- ދާއިރާތަކަށް ދޫކުރާ ފައިސާގެ 25 ޕަސެންޓް ދާއިރާތަކުގެ މެދުގައި ހަމަހަމަކޮށް ބެހުން

- ދާއިރާތަކަށް ދޫކުރާ ފައިސާގެ 45 ޕަސެންޓް ދާއިރާތަކުގެ މެމްބަރުންގެ ނިސްބަތުން ބެހުން

- ދާއިރާތަކަށް ދޫކުރާ ފައިސާގެ 10 ޕަސެންޓް، ދާއިރާތަކުގައި ހިންގާ ޕާޓީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކަށް ދޫކުރުން

އިމާދުއްދީން ސްކޫލްގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖަލްސާގައި ބައިވެރިވި ބައެއް މެމްބަރުން.-- ފޮޓޯ: އެމްޑީޕީ

އިމާދުއްދީން ސްކޫލްގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖަލްސާގައި ބައިވެރިވި ބައެއް މެމްބަރުން.-- ފޮޓޯ: އެމްޑީޕީ

އަހުމަދު "މިހާރު" އަށް ވިދާޅުވީ ދާއިރާތަކަށް މާލީ އެހީތެރިކަން ދޭން ފެށުމުން އެ ރަށްތަކުގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަވެ، ކަންކަން އިންތިޒާމްކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދާއިރާތަކަށް ލިބޭ ފައިސާގެ އަދަދު، އެ ދާއިރާތަކުގެ ރައީސުންނަށް އަންނަ މަހުގެ ކުރީކޮޅު އަންގާނެ ކަމަށެވެ. އެއަށްފަހު، އެ ބަޖެޓުން ކުރާނެ ކަންތައްތައް ފާސްކޮށް ފޮނުވުމުން، އެއާ އެއްގޮތަށް ފައިސާ ދޫކުރާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ރަށްރަށުގައި އެމްޑީޕީން ހިންގާ ހަރަކާތްތަކަށް މީގެ ކުރިން ވެސް ފައިސާ ދެ އެވެ. ނަމަވެސް އެކަން ކުރުމަށް މިހާތަނަށް އިންސާފުވެރި އުސޫލެއް ނެތެވެ.

އެކަމަކު، ދާއިރާތަކަށް ދޭނެ އެހީ ކަނޑައެޅުމުން ހުރިހާ ތަނަކަށް ވެސް ހަމަހަމަކޮށް ފައިސާ ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ދޭ ފައިސާގެ ބޮޑު ބައެއް ދާއިރާތަކަށް ބެހުމަކީ، މިދިޔަ މެއި މަހު ބޭއްވި ވާދަވެރި ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއިލްގެ ވައުދެކެވެ. އެ ކެމްޕެއިންގެ ތެރޭގައި ވެސް ފައްޔާޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް ކުރިއަރުވަން އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމުގެ ކަންބޮޑުވުންތަކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުންތަކުގައި ދާއިރާތަކުގެ ހިއްސާ ބޮޑެވެ.