Roadha Mihaaru
ހިލޭ ޓްރާންސްފާގައި ޔުނައިޓެޑުން އެރިކްސަން ހޯދައިފި

ހިލޭ ޓްރާންސްފާގައި ޔުނައިޓެޑުން އެރިކްސަންގެ ސޮއި ހޯދައިފި

15 ޖުލައި 2022

މެންޗެސްޓާ (ޖުލައި 15) - މެންޗެސްޓާ ޔުނައިޓެޑުން ހިލޭ ޓްރާންސްފާއެއްގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސޮއި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޖުލައި 15) - މެންޗެސްޓާ ޔުނައިޓެޑުން ހިލޭ ޓްރާންސްފާއެއްގައި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ސޮއި ހޯދައިފި އެވެ.

ކުރިން އަޔެކްސް އާއި ޓޮޓެންހަމް ހޮޓްސްޕާ އަދި އިންޓަ މިލާނާއި ބްރެންޓްފޯޑަށް ވެސް ކުޅުނު މިޑްފީލްޑަރުގެ ސޮއި ހޯދީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެރިކްސަން ވަނީ ޕްރިމިއާ ލީގުގައި ޓޮޓެންހަމާއޮ ބްރެންޓްފޯޑަށް ޖުމްލަ 237 މެޗު ކުޅެދީ، 52 ލަނޑު ޖަހައި، 66 ލަނޑު ޖަހަން އެހީވެފަ އެވެ. މިއަހަރު ކުރީކޮޅު ބްރެންޓްފޯޑާ އެކު ހޭދަކުރި ކުރު މުއްދަތުގެ އެއްބަސްވުމަށް ފަހު އެރިކްސަން ވަނީ މިމަހުގެ ކުރީކޮޅު، ޔުނައިޓެޑާ ގުޅެން އަނގަބަހުން ވެސް އެއްބަސް ވެފަ އެވެ.

"މި ގޭމުގައި (ފުޓުބޯޅައިގައި) އަހަރެންގެ އުންމީދުތަކެއް އެބަ އޮތް، އަހަރެންނަށް ހާސިލްކުރެވޭނެ ބައިވަރު ކަންކަން އެބަ ހުރި، އަދި މިއީ އަހަރެންގެ ކެރިއަރު ކުރިއަށް ގެންދަން އެންމެ ފުރިހަމަ ތަން،" އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

"މެންޗެސްޓާ ޔުނައިޓެޑަކީ ވަރަށް ހާއްސަ ކްލަބެއް، އަދި ކުލަބާ އެކު ކުޅެން ފަށަން މިހުރީ ކެތްމަދުވެފައި."

މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހިތް ހުއްޓިގެން އެރިކްސަން އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައީ އިމްޕްލާންޓެބަލް ކާޑިއޮވަޓަރ ޑިފިބްރިލޭޓަރ (އައިސީޑީ) އެއް ލައްވައިގެންނެވެ، އޭރު އިންޓަ މިލާނަށް ކުޅެމުން އައި ނަމަވެސް، އައިސީޑީ ލައްވައިގެން އިޓަލީގައި ނުކުޅެވޭތީވެ އިންޓަ އަށް އޭނާ ދޫކޮށްލަން މަޖުބޫރުވީ އެވެ. އިންޓަ އިން ދޫކޮށްލުމުން އޭނާ ބްރެންޓްފޯޑަށް ބަދަލުވީ ހަ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިންޓަ އަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނު ޓޮޓެންހަމުން ވެސް އެރިކްސަން ހޯދަން މަސައްކަތް ކުރި ނަމަވެސް، ޓެން ހަގް އާ ކުރި މަޝްވަރާތަކަށް ފަހު އެރިކްސަން ނިންމީ ޔުނައިޓެޑަށް ބަދަލުވާށެވެ.

"އަޔެކްސްގައި އެރިކް [ޓެން ހަގް] ގެ މަސައްކަތް ފެނުނު، އަދި އޭނާގެ ހުރިހާ ސްޓާފުން ވެސް ކޮންމެ ދުވަހެއްގެ މަސައްކަތްތަކަށް ކުރާ މަސައްކަތްތަކުގެ ފެންވަރު ވަރަށް ރަނގަޅު ވާނެ، އޭނާއަކީ ވަރަށް ބަރާބަރު ކޯޗެއް،" ޓެން ހަގް އާ ބެހޭގޮތުން އެރިކްސަން ބުންޏެވެ.

"އޭނާއާ ވާހަކަ ދައްކާލައި، އޭނާގެ ތަސައްވުރު އެނގުމުން އަހަރެން މިހުރީ މުސްތަގުބަލާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި."

އެރިކްސަން އަކީ އެރިކް ޓެން ހަގް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލު ވުމަށް ފަހު ސޮއިކުރުވި ދެވަނަ ކުޅުންތެރިޔާ އެވެ. ޓެން ހަގް ޔުނައިޓެޑާ ހަވާލުވެ އެންމެ ފުރަތަމަ ސޮއިކުރުވީ، ނެދަލެންޑްސްގެ ފުލްބެކް ޓީރެލް މަލަސިއާ އެވެ.

ޔުނައިޓެޑާ ގުޅުމަށް ފަހު ވެސް، ޕްރީ ސީޒަން ޓުއާގެ ފަހު ދެ މެޗަށް އެޓީމު އޮސްޓްރޭލިއާ އަށް ކުރާ ދަތުރުގައި އެރިކްސަން ބައިވެރިއެއް ނުވާނެ އެވެ. ނަމަވެސް މިމަހު ފަހުކޮޅު ނޯވޭގައި ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑު ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގެ ކުރިން އޭނާ ޓީމާ ގުޅެން ވަނީ ހަމަޖެހިފަ އެވެ.

ޔުނައިޓެޑުން ވަނީ އަޔެކްސް އަށް ކުޅޭ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ހޯދަން ވެސް އެޓީމާ އެކު އެއްބަސް ވެފަ އެވެ. އެޓީމުން އަންނަނީ މާޓިނޭޒް އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރު ވަމުންނެވެ. މާޓިނޭޒް ހޯދަން ޔުނައިޓެޑުން 55 މިލިއަން ޔޫރޯ ހަރަދުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގެ ސޮއި ހޯދަން ވެސް ޔުނައިޓެޑުން ބާސާއާ އެކު އެއްބަސްވުމަކަށް އާދެވިފަ އެވެ. ނަމަވެސް ޑި ޔޮން ބާސާގައި މަޑުކުރަން ބޭނުންވާތީވެ، މި ޓްރާންސްފާގައި ޔުނައިޓެޑަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތި ވެފަ އެވެ.