Roadha Mihaaru

ޔުނައިޓެޑްގެ ތިން ކީޕަރުންނަށް ވެސް އަމޮރިމް އިތުބާރެއް ނުކުރޭ

މެންޗެސްޓާ ޔުނައިޓެޑްގެ ތިން ކީޕަރުންނަށް ވެސް ކޯޗު ރުބެން އަމޮރިމް އިތުބާރު ނުކުރާކަން ހާމަވެއްޖެ އެވެ.

ޔުނައިޓެޑްގެ ކީޕަރުންނަށް އަމޮރިމް އިތުބާރެއް ނުކުރޭ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

19 އޯގަސްޓް 2025

މެންޗެސްޓާ ޔުނައިޓެޑްގެ ތިން ކީޕަރުންނަށް ވެސް ކޯޗު ރުބެން އަމޮރިމް އިތުބާރު ނުކުރާކަން ހާމަވެއްޖެ އެވެ.

މިދިޔަ ދެ އަހަރު ޔުނައިޓެޑްގެ އެއްވަނަ ކީޕަރަކީ އަޔެކްސް އާއި އިންޓަ މިލާނުގެ ކުރީގެ ކީޕަރު އަންޑްރޭ އޮނާނާ އެވެ.

އާ ސީޒަން، ޔުނައިޓެޑުން ފެށީ ކީޕަރުގެ ތަރުތީބު ބަދަލު ކުރުމަށް ފަހު އެވެ. އިނގިރޭސި މިޑީއާތަކުން ބުނާ ގޮތުގައި އޮނާނާ އަކީ މިހާރު ތިންވަނަ ކީޕަރެވެ.

ޕްރިމިއާ ލީގުގައި އެ ޓީމުގެ ފުރަތަމަ މެޗުގައި އެއްވަނަ ކީޕަރަކަށް ކުޅުވީ، ކުރީގެ ދެވަނަ ކީޕަރު އަލްޓައި ބައިޔިންދުރް އެވެ. ޔުނައިޓެޑްގެ މިހާރުގެ ދެވަނަ ކީޕަރަކީ ޓޮމް ހީޓަން އެވެ.

އެ މެޗުން ޔުނައިޓެޑް ބަލިވީ ތުރުކީގެ ކީޕަރަށް ހެދުނު ގޯހަކުންނެވެ. އޭނާ ޔުނައިޓެޑަށް ކުޅުނު 12 މެޗުގައި 21 ގޯލް ވަނެވެ.

އެ ތިން ކީޕަރުންނަށް ވެސް އަމޮރިމް އިތުބާރު ނުކުރާ ކަމަށް މެންޗެސްޓާގެ ފުޓްބޯޅަ ރިޕޯޓިން ހާއްސަ ލިޔުންތެރިޔާ ރިޗާޑް މާޓިން ލިޔެފައި ވެއެވެ.

އާ ކީޕަރަކު ސޮއި ކުރުވުމަށް، ޔުނައިޓެޑުން މަސައްކަތް ކުރަން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ލިސްޓްގައި ޕީއެސްޖީގައި މިހާރު މައްސަލަ ޖެހިފައި ހުރި ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ހިމެނެ އެވެ. އޭނާ ސޮއި ކުރުވުމުގެ ރޭހަށް މެންޗެސްޓާ ސިޓީން ވެސް މިހާރު ވަނީ ވަދެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީގެ ކީޕަރު ސޮއި ކުރުވުމުގެ ރޭސް ކާމިޔާބު ކުރުމުގެ ރޭހުގައި އެންމެ ކުރީގައި އޮތީ ސިޓީ އެވެ.

މީގެ ދެ އަހަރު ކުރިން ޔުނައިޓެޑުން ސޮއި ކުރުވަން މަސައްކަތް ކުރީ، މިހާރު ޕާމާގެ ކީޕަރު ޒިއޮން ސުޒުކީ އަށް ވެސް ޔުނައިޓެޑުން ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަމޮރިމް ބޭނުންވާ ކީޕަރަކީ ޕޯޓޯގެ ޑިއޭގޯ ކޮސްޓާ އެވެ. އޭނާގެ ޓްރާންސްފާ ފީ ވެސް 70 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ.