Roadha Mihaaru

ޔުނައިޓެޑްގެ ޗޭންޖިން ރޫމްގެ ޓީވީ ތަޅާލުމުގެ ފައިދާ ފެނުނުކަމަށް އަމޯރިމް ގަބޫލުކުރޭ

މެޗުން ބަލިވުމުން އައި ރުޅީގައި ކުޅުންތެރިންނާ ވާހަކަ ދައްކަން ހުރެ ޗޭންޖިން ރޫމުގެ ޓވީ ތަޅާލުމުގެ ފައިދާ ފެނުނު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ޓީވީ ތަޅާލުމުގެ ފައިދާ ފެނުނުކަމަށް އަމޯރިމް ގަބޫލުކުރޭ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

04 އޯގަސްޓް 2025

މެޗުން ބަލިވުމުން އައި ރުޅީގައި ކުޅުންތެރިންނާ ވާހަކަ ދައްކަން ހުރެ ޗޭންޖިން ރޫމުގެ ޓވީ ތަޅާލުމުގެ ފައިދާ ފެނުނު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ބްރައިޓަންއާ ދެކޮޅަށް ޕްރިމިއާ ލީގުގައި މިދިޔަ ޖެނުއަރީ މަހު ކުޅުނު މެޗުން ޔުނައިޓެޑް ބަލިވުމުން، ޗޭޖިން ރޫމްގައި ކުޅުންތެރިނާ ވަރަށް ހަރުކަށިކޮށް އަމޯރިމް ވާހަކަ ދެއްކި އެވެ. އައި ރުޅީގައި ބަރު އެއްޗަކުން ޖަހައި އޯލްޑް ޓްރަފޯޑްގައި ހުރި ޓީވީ އޭނާ ތަޅާލި އެވެ.

މި ހަފުތާގައި ދި އެތުލެޓިކަށް ދިން އިންޓަވިއުގައި އަމޯރިމް ބުނީ އޭނާ އަކީ ސީދަލަށް ބުނަންބޭނުންވާ އެއްޗެއް ބުނާ މީހެއް ކަމަށެވެ. އަދި އޭނާ ހިތްހަމަނުޖެހެނީ ޓީމަށް ޓަކައި ކަމަށާއި އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރަނީ ކުޅުންތެރިންނަށް އިތުރަށް މަސައްކަތް ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ސްޕޯޓިސް ލިޒްބަންގައި ކުރިން ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.

ސްޓޭޑިއަމްގެ ޓީވީ ތަޅާލި މައްސަލައާ ބެހޭގޮތުން އެތުލެޓިކުން އޭނާއާ ސުވާލު ކުރުމުން ބުނީ އޭނާ ރުޅި އައިސްފައި ހުރެ ކުރެވުނު އެކަމުން ޓީމަށް ފައިދާ ކުރި ކަމަށެވެ.

ޔުނައިޓެޑްގެ ކުޅުންތެރިންނާ އެކު އަމޯރިމް: އޭނާ ބުނީ ޖަޒުބާތުތައް ޓީމަށް ބަންޑުންކޮށްލުމުން އޭގެ ފައިދާ ފެނުނު ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

ޔުނައިޓެޑްގެ ކުޅުންތެރިންނާ އެކު އަމޯރިމް: އޭނާ ބުނީ ޖަޒުބާތުތައް ޓީމަށް ބަންޑުންކޮށްލުމުން އޭގެ ފައިދާ ފެނުނު ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

"މި ޓީމުގައި އަހަރެމެން ޖެހޭ ޒަޒުބާތުގައި ޖެހެން. އެ ޖަޒުބާތު މި ޓީމަށް ބަންޑުންކޮށްލީމަ މި ޓީމަށް ޓަކައި އަހަރެމެން މާ ބޮޑަށް ގުރުބާނީ ވެވޭ. ޓީމަށް ޓަކައި މާ ވަރުގަދަ އަށް މަސައްކަތް ކުރެވޭ. މަސައްކަތް ކުރަން އިތު ހަކަތަ އާއި ޖޯޝު ލިބޭ،" އަމޯރިމް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގެ ކޯ އޯނަރު ޖިމް ރެޓްކްލިފާ ރަނގަޅު ގުޅުމެއް އޭނާ އޮންނަ ކަމަށެވެ. ރެޓްކްލިފާ އެކު ރަނގަޅު ގުޅުމެއް އޮންނާނީ ބުނަންޖެހޭ ހުރިހާ އެއްޗެއް ސީދާ ކުރިމަތީގައި ހުރެ ބުނާތީ ކަމަށް އަމޯރިމް ބުންނެވެ.

އޭނާ ބުނީ ޔުނައިޓެޑްގައި 20 އަހަރު ހުންނަން އޭނާ ވިސްނާ ކަމަށެވެ.

"އަހަރެން މިތާންގައި ހުންނަން ބޭނުންވޭ 20 އަހަރު. އެއީ އަހަރެންގެ އަމާޒު. އަދި އަހަރެން ގަބޫލުކުރަން ކޮންމެވެސް ގޮތެއް އަހަންނަށްޓަކައި ވާނެކަމަށް. އަހަރެންނަކީ ވަރަށް ނަސީބު ގަދަ މީހެއް. ކޯޗެއްގެ ގޮތުގައި އަހަރެންނަށް ވަރަށް ގިނަ ފަހަރަށް ނަސީބު އެހީވެފަވޭ،" އަމޯރިމް ބުންޏެވެ.

ޔުނައިޓެޑްގެ އޯނަރު ރެޓްކްލިފް، އަމޯރިމްގެ ގައިގައި ބައްދާލަނީ: އަމޯރިމް ބުނީ ގިނަ އަހަރުތަކަކަށް ޔުނައިޓެޑްގައި ހުންނަން އޭނާ ވިސްނާ ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

ޔުނައިޓެޑްގެ އޯނަރު ރެޓްކްލިފް، އަމޯރިމްގެ ގައިގައި ބައްދާލަނީ: އަމޯރިމް ބުނީ ގިނަ އަހަރުތަކަކަށް ޔުނައިޓެޑްގައި ހުންނަން އޭނާ ވިސްނާ ކަމަށް --- ފޮޓޯ: ގެޓީ އިމޭޖަސް

"އަހަރެންގެ ވިސްނުމަކީ ގިނަ އަހަރުތަކެއް ވަންދެން މި ޓީމުގައި ހުރުން. ނަތީޖާ އެކަމަށް އެހީވެދޭނެ."

އޭނާ ބުނީ ޓީމަށް ގެނައި ބަދަލުތަކާ އެކު ކުރިއަށް އޮތް ސީޒަން އޭނާ ފަށާނީ ތާޒާކޮށް ހުރެ ކަމަށެވެ. އަދި ދެން އަންނަ ސީޒަނެއް (2026-2027) ގައި ޔޫރަޕްގެ މުބާރާތުގައި ޔުނައިޓެޑް ވާދަކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އަމޯރިމް ބުންޏެވެ.