Roadha Mihaaru

ހަތަރު ވަނަ ޑިވިޝަނުގެ ޓީމަކުން ޔުނައިޓެޑް ކަޓުވާލައިފި

ހަތަރު ވަނަ ޑިވިޝަނުގެ ކްލަބް ގްރިމްސްބީ ޓައުން އަތުން ބަލިވެ އިނގިރޭސި ލީގު ކަޕުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ރޭ ކަޓައިފި އެވެ.

ހަތަރު ވަނަ ޑިވިޝަނުގެ ޓީމަކުން ޔުނައިޓެޑް ކަޓުވާލައިފި

ހަތަރު ވަނަ ޑިވިޝަނުގެ ކްލަބް ގްރިމްސްބީ ޓައުން އަތުން ބަލިވެ އިނގިރޭސި ލީގު ކަޕުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ރޭ ކަޓައިފި އެވެ.

ރަށުން ބޭރުގައި ޔުނައިޓެޑް ރޭ ކުޅުނު މެޗުން ބަލިވީ ޕެނަލްޓީ ޖަހައިގެން 12-11 އިންނެވެ. ޕެނަލްޓީ ޖަހަން ޖެހުނީ 2-2 އިން ނަތީޖާ އެއްވަރު ވުމުންނެވެ.

ބޮޑު ހަރަދެއްކޮށް ސީޒަނާ ކުރިމަތިލީ ޔުނައިޓެޑުގެ ފެށުން މިވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެވެ.

ލީގު ކަޕުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ވާދަކުރަން ޖެހުނީ ޔުއެފާގެ މުބާރާތަށް ކޮލިފައިވެފައިނުވާތީވެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގްރިމްސްބީން ދެ ގޯލު ޖެހުމުން ޔުނައިޓެޑް އެއްވަރުކުރީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު 75 ވަނަ މިނިޓުގައި ބްރަޔަން އެމްބުއެމޯ ކާމިޔާބު ކޮށްދިން އިރު އެއްވަރުކުރި ލަނޑު 89 ވަނަ މިނިޓުގައި ޖަހައިދިނީ ހެރީ މެގުއާ އެވެ.

ކޮންމެ ޓީމަކުން ވެސް 13 ޕެނަލްޓީ ފޮނުވާލި މި ޝޫޓައުޓްގައި، ގްރިމްސްބީގެ ތިން ވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުން ޔުނައިޓެޑް މޮޅުވާން ލިބުނު ފުރަތަމަ ފުރުސަތު ގެއްލުނީ މެތިއުސް ކުންޔާ އަތުން އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

ދެ ޓީމުގެ 11 ކުޅުންތެރިން ޕެނަލްޓީ ފޮނުވާލިއިރު ވެސް ނަތީޖާ ނުނެރެވުނު އިރު، ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ އޭނާގެ ދެ ވަނަ ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އެއާ ޖެހިގެން އެމްބުއެމޯ ފޮނުވާލި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހި ނާކާމިޔާބު ވުމުން ގްރިމްސްބީ ޓައުން މޮޅުވީ އެވެ.

ޔުނައިޓެޑްގެ އާ ފޯވާޑް ބެންޖަމިން ސެސްކޯ ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ހިމެނިފަ އެވެ. ޝޫޓައުޓްގައި އޭނާ ފޮނުވާލީ، ގޯލްކީޕަރު އަންޑްރޭ އޮނާނާގެ ކުރިން، ޔުނައިޓެޑްގެ 10 ވަނަ ޕެނަލްޓީ އެވެ. ޔުނައިޓެޑުން މިސީޒަނަށް ސެސްކޯ އާއި އެމްބުއެމޯ އަދި ކުންޔާ ގެނައީ 270 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

"ޕެނަލްޓީ ޝޫޓައުޓަށް ދިޔަ ހިސާބުން ކޯޗު ބުނެފި އެމީހުންނަށޭ ހުރިހާ ޕްރެޝަރެއް އޮތީ، އަހަރެމެންނަކަށް ނޫނޭ. އެހެން ކަން ދިމާވީ ވެސް،" ގްރިމްސްބީގެ މިޑްފީލްޑަރު ކީރަން ގްރީން މެޗަށް ފަހު މީޑިއާގައި ބުނެފައިވެ އެވެ.

މި ސީޒަންގައި ގްރިމްސްބީ އަދި މެޗަކުން ބައްޔެއް ނުވެ އެވެ. އިނގިރޭސި ލީގު 2 ގައި އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. ޔުނައިޓެޑަށް ލީގުގައި އަދި މޮޅެއް ހޯދިފައި ނުވާއިރު، މިހާތަނަށް ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ ބަލިވެފަ އެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް ބާކީ އޮތީ ލީގާއި އެފްއޭ ކަޕެވެ.