Roadha Mihaaru
ޔުނައިޓެޑް ފައިނަލަށް، ވާދަކުރާނީ ނިއުކާސަލްއާ

ޔުނައިޓެޑް ފައިނަލަށް، ވާދަކުރާނީ ނިއުކާސަލްއާ

02 ފެބުރުއަރީ 2023

މެންޗެސްޓާ (ފެބްރުއަރީ 2) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް، 5-0 ގެ އެގްރިގޭޓުން މެންޗެސްޓާ ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ފެބްރުއަރީ 2) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް، 5-0 ގެ އެގްރިގޭޓުން މެންޗެސްޓާ ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ވެމްބްލީ ސްޓޭޑިއަމް ގައި ކުޅޭ ފައިނަލް މެޗުގައި ޔުނައިޓެޑް ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މި ދެ ޓީމު އެންމެ ފަހުން ފައިނަލެއްގައި ކުޅުނީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލްގަ އެވެ. އެ މެޗު ކާމިޔާބު ކުރީ ޔުނައިޓެޑުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ދެ ގޯލު ވެސް ފެނުނީ ގާތްގާތުގައި ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ އެންތަނީ މާޝިއަލް އެވެ. އޭގެ ތިން މިނިޓު ފަހުން ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ފްރެޑް އެވެ. ދެ ގޯލު ވެސް ޖަހަން އެހީ ވީ މާކަސް ރަޝްފޯޑެވެ.

އަނިޔާއިން ރަނގަޅުވެ މާޝިއަލް އެނބުރި އައިސް މި މެޗުގައި ލަނޑު ޖެހިއިރު، ޖޭޑަން ސަންޗޯ ވެސް ވަނީ ގިނަ ދުވަސްތަކަކަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައިސްފަ އެވެ. ދެ ކުޅުންތެރިން ވެސް ކުޅެން ނުކުތީ ދެ ވަނަ ހާފުގައި، ރަޝްފޯޑާ އެކު އެވެ.

ރޭގެ މެޗުގައި ސަންޗޯ (މ) އާއި މާޝިއަލް (ވ) ކުޅެން ނުކުންނަން ތައްޔާރު ވަނީ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ސަންޗޯ (މ) އާއި މާޝިއަލް (ވ) ކުޅެން ނުކުންނަން ތައްޔާރު ވަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ 2018 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލަށް ފަހު ޔުނައިޓެޑުން ޑޮމެސްޓިކް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑުން އެންމެ ފަހުން މުބާރާތެއް ކާމިޔާބު ކުރީ 2016/2017 ސީޒަން ގައި ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ. އެ ފަހަރުގެ ޝީލްޑް މެޗާއި ލީގް ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބު ކުރި އެވެ. ނަމަވެސް ފާއިތުވި ފަސް ސީޒަން ގައި ވެސް ޔުނައިޓެޑަށް ތަށްޓެއްގައި އަތްލެވޭ ގޮތެއް އަދި ނުވެ އެވެ.

މި ސީޒަން ގައި ޔުނައިޓެޑް ލީގުގައި ރަނގަޅު ފޯމެއްގައި އޮތްއިރު، އެފްއޭ ކަޕާއި ޔޫރޮޕާ ލީގު ހޯދުމުގެ ފުރުސަތު ވެއް އަދި ނުގެއްލެ އެވެ.

ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑާ ހަވާލުވި ކޯޗު ނެދަލެންޑްސްގެ އެރިކް ޓެން ހަގް ބުނީ ފައިނަލް ގައި މޮޅު ނުވެވޭ ނަމަ ރޭގެ ކާމިޔާބަކީ އެއްވެސް މާނައެއް އޮތް މޮޅެއް ނޫން ކަމަށެވެ.

"ފައިނަލް ކުޅޭނީ މޮޅުވާން. ފައިނަލާ ހަމައަށް ދަތުރު ކުރެވުމަކީ ކާމިޔާބެއް ކަމަށް ނުދެކެން،" މެޗަށް ފަހު ޓެން ހަގް ބުންޏެވެ.

"ފައިނަލަށް ދެވުމުން ހިތްހަމަ ޖެހުން އެބަ އޮތް، އެކަމަކު ފައިނަލަށް ދިޔުމަކީ ޓާގެޓެއް ނޫން. ހުރިހާ ވެސް އެއްޗަކީ މޮޅުވުން. މިހާރު އެއަށް ފޯކަސް ކުރަން ވީ ޕްރިމިއާ ލީގަށް، ދެ ދުވަސް ތެރޭ އަލުން ފަށާނެ. ފައިނަލަށް ދެވުމަކީ ލީގުގައި އިތުރަށް ރަނގަޅު ކުރަން މޯޓިވޭޝަނަކަށް ވާން ވާނެ. ސަޕޯޓަރުން އުފާކޮށްދޭން ތަށި ހޯދަން ބޭނުންވޭ."