Roadha Mihaaru
މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެރިކްސަން އެއްބަސްވެއްޖެ

މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އެރިކްސަން އެއްބަސްވެއްޖެ

05 ޖުލައި 2022

މެންޗެސްޓާ (ޖުލައި 5) - ޑެންމާކު ގައުމީ ޓީމުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، ހިލޭ ޓްރާޏްސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޖުލައި 5) - ޑެންމާކު ގައުމީ ޓީމުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، ހިލޭ ޓްރާޏްސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގައި ހިތް ހުއްޓިގެން ފަރުވާދާނެ ޖެހިގެން، ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި އެރިކްސަން ވަނީ މިއަހަރު ޖެނުއަރީ ޓްރާންސްފާގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑާ ގުޅި، އެ ޓީމާ އެކު މޮޅު ކުޅުމެއް ދައްކައި، އަލުން ގައުމީ ޓީމުގައި ވެސް ކުޅެން ފަށައިފަ އެވެ.

އެރިކްސަން ބްރެންޓްފޯޑާ ގުޅުނީ، ހިތުގެ މައްސަލަ ދިމާވެފައިވާ ކުޅުންތެރިންނަށް އިޓަލީގައި ކުޅުމުގެ ހުއްދަ ނުދޭތީވެ، އޭރު އޭނާ ކުޅެމުން އައި އިންޓަ މިލާނުން އޭނާ ދޫކޮށްލަން މަޖުބޫރު ވެގެންނެވެ. ހިތުގެ މައްސަލައާ އެކު ވެސް އޭނާގެ ކުޅުމަށް ބަދަލެއް ނައިސް، އެއް ފެންވަރެއްގައި ޕްރިމިއާ ލީގު ފުޓުބޯޅަ ކުޅޭތަން ފެނުމުން، ވަރުގަދަ ގިނަ ޓީމުތަކަކުން އޭނާއަށް ޝައުގުވެރިވި އެވެ.

އެރިކްސަން އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ، 2013 އިން 2020 އަށް ކުޅެދިން ޓޮޓެންހަމް ހޮޓްސްޕާ އިން އޭނާ ހޯދަން ޝައުގުވެރިކަން ފާޅު ކުރި އެވެ. އެކަމަކު އަލުން އެޓީމަށް އެނބުރި ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. ބްރެންޓްފޯޑުގައި މަޑުކުރުމުގެ ފުރުސަތު ވެސް އޭނާއަށް އޮތް ނަމަވެސް، ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ގައުމު ތަމްސީލުކުރަން ބޭނުންވާތީވެ، އެރިކްސަން ބޭނުންވަނީ އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ ކޯޗު އެރިކް ޓެން ހަގް އާއެކު ޔުނައިޓެޑާ ގުޅޭށެވެ.

ބްރެންޓްފޯޑާ އެކު ހަދާފައިވާ ހަ މަސްދުވަހުގެ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ހަމަވި އިރު، ޔުނައިޓެޑުން އަންނަނީ، އުމުރުން 30 އަހަރުގެ މިޑްފީލްޑަރަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދޭން ތައްޔާރު ވަމުން ކަމަށް މީޑިއާތައް ރިޕޯޓް ކުރެ އެވެ.

ޓެން ހަގް އާއެކު ޔުނައިޓެޑުން ވަނީ ނެދަލެންޑްސް ލީގުގެ ފެޔެނޫޑް އަށް 15 މިލިއަން ޔޫރޯ ދީފައި، 22 އަހަރުގެ ފުލްބެކް ޓައިރެލް މަލާޝިއާ ގެންދަން އެއްބަސް ވެފަ އެވެ. މި ހަފްތާ ތެރޭ މި ދެ ކުޅުންތެރިންވެސް ރަސްމީކޮށް ޔުނައިޓެޑަށް ސޮއިކުރުވުމުގެ ކަންކަން އެޓީމުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އަޔެކްސް އަށް ކުޅެމުން އަންނަ އާޖެންޓީނާ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ހޯދަން ވެސް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުޅުންތެރިޔާ ވެސް އަލުން ޓެން ހަގް އާއެކު މަސައްކަތް ކުރަން ޔުނައިޓެޑަށް ދާން ބޭނުންވާކަން ވަނީ ކުލަބަށް އަންގައިފަ އެވެ.