Roadha Mihaaru
ސަސް އަތުން ގްރީން ސްޓްރީޓްސް އަށް ފަސޭހަ މޮޅެއް

ސަސް އަތުން ގްރީން ސްޓްރީޓްސް އަށް ފަސޭހަ މޮޅެއް

07 ޖުލައި 2022

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް ފަސޭހަ ކަމާ އެކު 4-0 އިން ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް ފަސޭހަ ކަމާ އެކު 4-0 އިން ކްލަބް ގްރީން ސްޓްރީޓްސް މޮޅުވެއްޖެ އެވެ.

ގްރީންގެ މި މޮޅާ އެކު އެޓީމު ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ތިން ޓީމަށް ވެސް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި ޓީސީ އޮތްއިރު، ގްރީން ސްޓްރީޓްސް ވަނީ ފަސްވަނައަށް ޖެހިލައިފަ އެވެ. ޔޫވީ މިވަގުތު އޮތީ ހަވަނައިގަ އެވެ.

ސަސް އޮތީ 16 މެޗުން ލިބުނު 14 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. ލީގު ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ފުލަށް ދާ ދެޓީމު، ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމާ އެކު އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ހޯދަން ޕްލޭއޮފް ކުޅެން ޖެހޭނެ އެވެ. ދަ ގްރާންޑޭ އަށް ޕްލޭއޮފް ކުޅެން ޖެހޭނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. ގްރީންގެ މޮޅާ އެކު، ގްރާންޑޭ އަށް ލީގުގައި ބާކީ އޮތް ހަ މެޗުން މޮޅުވެގެން ވެސް ހަވަނައަކަށް ނޭރޭނެ އެވެ.

މެޗުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު ކާޑު ހަމަވުމުގެ ސަބަބުން ޓީމުގައި ހިމެނިފައި ނުވާއިރު، އަނިޔާގައި ހުރި ވައިސް ކެޕްޓަން މުހައްމަދު ސާއިފް އިނީ ބެންޗުގަ އެވެ. ސަސްއާ ދެކޮޅަށް އެޓީމު ލީޑު ކުރީ ޒުވާޏް ފޯވާޑް ހަސަން ނަޒީމް (ޗޯޓު) އެވެ.

ފުރަތަމަ ހާފުގައި ގްރީން ވަނީ ގާތް ގާތުގައި ތިން ލަނޑުޖަހައި، ބޮޑު ލީޑެއް ހޯދައިފަ އެވެ. ފުރަތަމަ ލަނޑު 29 ވަނަ މިނިޓުގައި ޖަހައިދިނީ މިއަދު މެޗުގެ ކެޕްޓަން ޗޯޓު އެވެ. އަދި 32 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ ބިދޭސީ ފޯވާޑް ހޯޒޭ އަވީލާ އެވެ. ހޮނިހިރު ދުވަހުގެ މާޒިޔާ އަތުން ބަލިވި މެޗުގައި އަވީލާ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި ތިންވަނަ ލަނޑު 39 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. މިއީ ސަސްގެ ރިލްވާން ނައީމް، ގްރީންގެ ޗޯޓު އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައި ގްރީންގެ ހަތަރުވަނަ ލަނޑު ޖެހީ، އެޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިން އަވީލާ އެވެ. މިއީ 72 ވަނަ މިނިޓުގައި ގްރީންގެ އަހުމަދު ނާހިލް އިބްރާހިމް ނަގައިދިން ބޯޅައެއް ދިފާއު ކުރަން އުޅެނިކޮށް ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަތުގައި ޖެހިފައި އަވީލާއަށް ލިބުނު ބޯޅައަކުން ޖެހި ލަނޑެކެވެ.