Roadha Mihaaru
ޓީޖީއެސްޓީ ބޮޑުކުރުމުން ޓޫރިޒަމްގެ ޑިމާންޑް ގެއްލިދާނެ

ޓީޖީއެސްޓީ ބޮޑުކުރުމުން ޓޫރިޒަމްގެ ޑިމާންޑް ގެއްލިދާނެ: މަޓާޓޯ

05 ޖުލައި 2022

ދުނިޔޭގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުން އަންނަ އިރު، ޓީޖީއެސްޓީ ބޮޑުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް އޮތް ޑިމާންޑް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް، ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުން އަންނަ އިރު، ޓީޖީއެސްޓީ ބޮޑުކުރުމުން ރާއްޖޭގެ ޓޫރިޒަމަށް އޮތް ޑިމާންޑް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް، ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައިވާ ގޮތުން ސަރުކާރުން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރަން ނިންމިއިރު އެކަމުން ޓޫރިޒަމް ދާއިރާ އަށް ކުރާނެ އަސަރު ފުރިހަމައަށް ބަލާފައި ނުވާ ކަމަށެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދަށް ވަންނަ އާމްދަނީގެ 75 ޕަސެންޓް ހިއްސާކުރާ ދާއިރާ އެވެ.

މިހާރު ދުނިޔޭގެ އެހެން ޖަޒީރާ މަންޒިލްތަކުގެ ބޯޑަރުތައް ހުޅުވާފައިވާ އިރު ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ މަންޒިލްތަކުގެ ވާދަވެރިކަން އަނެއްކާ ވެސް ބޮޑުވެފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ. އެހެންވެ ޓީޖީއެސްޓީއާ އެކު ރޫމްތަކުގެ އަގުތައް އުފުލުމުން، ޓޫރިސްޓުން ރާއްޖެ އިހްތިޔާރު ކުރާ މިންވަރު ކުޑަވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓީޖީއެސްޓީ މަތިކުރުމުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަަތިލާން ޖެހޭނީ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތައް ކަމަށްވާ ގެސްޓްހައުސްތަކާއި ސަފާރީތައް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި މިފަދަ ބަދަލެއް ގެންނައިރު ޓޫރިޒަމް ދާއިރާ އަށް އެކަށީގެންވާ މުއްދަތު ދޭން ޖެހޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ސަރުކާރުން ބޭނުންވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރާށެވެ. އެހެން ނަމަވެސް މަޓާޓޯއިން ބުނީ މިފަދަ މުހިއްމު ބަދަލެއް ގެންނަ އިރު އެންމެ މަދުވެގެން އަހަރެއްހާ ދުވަސް އެ ބަދަލަށް ތައްޔާރުވާން ބޭނުންވާ ކަމަށެވެ. ސަބަބަކީ ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ބުކިން ހަ މަސް ކުރިއަށް ހައްދާތީ އެވެ.

މަޓާޓޯއިން ބުނީ ތެލުގެ އަގު އުފުލި ދަތުރުފަތުރުގެ އަގު ވެސް އެހާ ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އަގު މައްޗަށް ދިއުމުން ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު ކުޑަވެދާނެ ކަމަށެވެ.

"ޓޫރިސްޓު ރިސޯޓުތަކުގެ އަގުތައް އެބަ ހުރި ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް ހެދުމަށްފަހު އަގުތައް ކަނޑައަޅާފައި. އެހެންވީމަ މި ގެންނަ ބަދަލުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ހާލަތުގައި ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އިސްކަން ދިނުން މާ މުހިއްމު ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ސަރުކާރުން މަޝްވަރާ ކުރަމުން އަންނަނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރާށެވެ.