Roadha Mihaaru
ހަނގުރާމަ ހުއްޓާލަން ސީރިއާ ސަރުކާރުން އެއްބަސްވެއްޖެ

ހަނގުރާމަ ހުއްޓާލަން ސީރިއާ ސަރުކާރުން އެއްބަސްވެއްޖެ

29 ޑިސެމްބަރ 2016

މޮސްކޯ (ޑިސެމްބަރު 29) - އިދިކޮޅު ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމް ކުރުމަށް ސީރިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ޑިސެމްބަރު 29) - އިދިކޮޅު ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމް ކުރުމަށް ސީރިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ސީރިއާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސުލްހައިގެ ވާހަކަތައް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޕުޓިން އަދި ވިދާޅުވީ ސީރިއާގައި ތިބި ރަޝިޔާ ސިފައިންގެ އަދަދު ވެސް މަދުކުރާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރިކަން ރަޝިޔާ އިން އިއުލާން ކުރުމާ އެކު ސީރިއާގެ އަސްކަރިއްޔާ އިން ވަނީ މިރޭ 12 އިން ފެށިގެން އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މީގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓަށް ދޭ ހަމަލާތައް ނުހިމެނޭ ކަމަށް ސީރިއާ ސިފައިން ބުނެފައިވެ އެވެ.

ސީރިއާގެ ފަސް އަހަރުވީ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް މެދުވެރިއެއްގެ ރޯލު ރަޝިޔާގެ އިތުރުން އަދާކޮށްފައި ވަނީ ތުރުކީންނެވެ. ތުރުކީ އާއި ރަޝިޔާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން މިދިޔަ ހަފުތާގައި ވަނީ ހަލަބު ސިޓީގެ ހަނގުރާމަ ހުއްޓާލުމަށް ފަހު އެ ސިޓީން ހަނގުރާމަވެރިންނާއި އާއްމުން ނެރެފަ އެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 310،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.