Roadha Mihaaru
ސީރިއާ ހަނގުރާމަ ހުއްޓާލަން ރަޝިޔާ އާއި ތުރުކީ އެއްބަސްވެއްޖެ

ސީރިއާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ރަޝިޔާ އާއި ތުރުކީ އެއްބަސްވެއްޖެ

28 ޑިސެމްބަރ 2016

އަންކާރާ (ޑިސެމްބަރު 28) - ސީރިއާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ރަޝިޔާ އާއި ތުރުކީން އެއްބަސްވެއްޖެ ކަމަށް ތުރުކީގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޑިސެމްބަރު 28) - ސީރިއާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް ރަޝިޔާ އާއި ތުރުކީން އެއްބަސްވެއްޖެ ކަމަށް ތުރުކީގެ ރަސްމީ މީޑިއާ އިން މިއަދު ބުނެފި އެވެ.

އަނަދޮލޫ ނިއުސް އެޖެންސީން ބުނީ މިރޭ ދަންވަރު (ރާއްޖޭ ގަޑިން 3 ޖަހާއިރު) އިން ފެށިގެން ހަމަލާތައް ހުއްޓާލުމަށް ރަޝިޔާ އާއި ތުރުކީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. ސުލްހައިގެ ޕްލޭނުގައި ޓެރަރިސްޓް ޖަމާއަތްތައް ނުހިމެނޭ ކަމަށް ނިއުސް އެޖެންސީން ބުންޏެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން ސީރިއާ ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާ އެކު ސީރިއާގައި ވައިގެ ހަމަލާތައް ދޭ ރަޝިޔާ އާއި އިދިކޮޅު ހަނގުރާމަވެރިންނާ ގުޅުން އޮތް ތުރުކީން މިދިޔަ ހަފުތާގައި ވަނީ ހަނގުރާމަ ހުއްޓާލުމަށް އެހީވުމަށް ތައްޔާރަށް އޮތްކަން އިއުލާންކޮށްފަ އެވެ. މި ދެ ގައުމަށް އީރާނުން ވެސް ވަނީ ވާގިވެރިވެފަ އެވެ.

ތުރުކީގެ ނިއުސް އެޖެންސީން ބުނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކޮށްފި ނަމަ ސުލްހައިގެ ވާހަކަތައް ކަޒަކްސްތާނުގެ ވެރިރަށް އަސްޓާނާގައި ފަށާނެ ކަމަށެވެ.

ތުރުކީ އާއި ރަޝިޔާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން މިދިޔަ ހަފުތާގައި ވަނީ ހަލަބު ސިޓީގެ ހަނގުރާމަ ހުއްޓާލުމަށް ފަހު އެ ސިޓީން ހަނގުރާމަވެރިންނާއި އާއްމުން ނެރެފަ އެވެ.