Roadha Mihaaru
ލަވްރޯވްގެ ސާބިޔާ ދަތުރު ކެންސަލްކުރަން މަޖުބޫރު ވެއްޖެ

ވައިގެ ސަރަހައްދުތައް ބަންދުކުރުމުން ލަވްރޯވްގެ ދަތުރު ކެންސަލްކުރަން މަޖުބޫރު ވެއްޖެ

06 ޖޫން 2022

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ދަތުރު ކުރައްވާ މަތިންދާބޯޓު، ވައިގެ ސަރަހައްދުން ދަތުރުކުރަން ތިން ގައުމަކުން ހުއްދަ ނުދިނުމުން، ސާބިއާ އަށް ކުރައްވަން ރާވާފައި އޮތް ދަތުރު ކެންސަލް ކުރަން ރަޝިޔާ އަށް މަޖުބޫރުވެއްޖެ އެވެ. ލަވްރޯވްގެ މަތިންދާބޯޓު ވަނުން މަނާކުރި ތިން ގައުމަކީ ބަލްގޭރިއާ، ނޯތު މެސެޑޯނިއާ އަދި މޮންޓެނީގްރޯ އެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ދަތުރު ކުރައްވާ މަތިންދާބޯޓު، ވައިގެ ސަރަހައްދުން ދަތުރުކުރަން ތިން ގައުމަކުން ހުއްދަ ނުދިނުމުން، ސާބިއާ އަށް ކުރައްވަން ރާވާފައި އޮތް ދަތުރު ކެންސަލް ކުރަން ރަޝިޔާ އަށް މަޖުބޫރުވެއްޖެ އެވެ. ލަވްރޯވްގެ މަތިންދާބޯޓު ވަނުން މަނާކުރި ތިން ގައުމަކީ ބަލްގޭރިއާ، ނޯތު މެސެޑޯނިއާ އަދި މޮންޓެނީގްރޯ އެވެ.

ލަވްރޯވް ސާބިއާގެ ވެރިރަށް ބެލްގްރޭޑް އަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މިއަދު އެވެ. ނަމަވެސް އެ ތިން ގައުމުން ކުރެ ގައުމެއްގެ ވައިގެ ސަރަހައްދު ހުރަސްކުރުމަށް ފަހުގައި ނޫނީ، ސާބިއާގެ ވައިގެ ސަރަހައްދަށް ވަދެވެން ނެތް އިރު، އެ ތިން ގައުމުން ވެސް އެކަމަށް ހުއްދަ ނުދިނުމުން، އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރެއްވީ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، ހުޅަނގުގެ ގައުމުތަކުން ވަނީ ރަޝިޔާގެ އިސް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވެސް ހިމެނެ އެވެ.

ރަޝިޔާގެ އެއްވެސް މަތިންދާބޯޓެއް ވިލާތުގެ އިއްތިހާދުގެ ވައިގެ ސަރަހައްދަށް ވަނުން އެ ޖަމާއަތުން މަނާކޮށްފައި އޮތުމުން، އެ އިއްތިހާދުގެ އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ މަތިންދާބޯޓުތައް ވަނުމަށް މިހާރު ހުއްދައެއް ނުދެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ވިޔަސް، ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ސާބިއާ އިން، ހުޅަނގުގެ އެ ނިންމުމަށް އަމަލެއް ނުކުރެ އެވެ. ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް ވިއްކާ ހަކަތައިގެ ބާވަތްތަކަށް، ރަޝިޔާގެ ފައިސާ އިން އަގު އަދާކުރަންޖެހޭ ގޮތަށް ރަޝިޔާ އިން ނިންމުމާ ގުޅިގެން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

އެ ގައުމުތަކުން އިންކާރު ކުރުމާ ގުޅިގެން، ރަޝިޔާ އިން ވަނީ އެ ގައުމުތަކަށް ތެލާއި ގޭސް ވިއްކުން ހުއްޓާލައިފަ އެވެ. ނަމަވެސް ދެ ގައުމުގެ މެދުގައި ގުދުރަތީ ގޭހުގެ ވިޔަފާރި ފުޅާ ކުރުމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ސާބިއާގެ ރައީސް އަލެކްސެންޑާ ވުޗިޗް ވަނީ މިދިޔަ މަހު އެއްބަސްވެވަޑައިގެންފަ އެވެ.

އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް ފިޔަވަޅުތައް އެޅުމުގެ އިތުރުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން، ގެންދަނީ ރަޝިޔާ ބަލިކޮށްލުމަށްޓަކައި ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން، ދުރު ރާސްތާގެ މިސައިލް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ އާއި ޖަރުމަން ވިލާތުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން، މެދު ރާސްތާގެ މިސައިލް ޔޫކްރޭނަށް ފޮނުވުމަށް އިނގިރޭސި މިއަދު ނިންމައިފި އެވެ. އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭނަށް ފޮނުވަން ނިންމާފައިވަނީ، 80 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާ ދެވޭ ވަރުގެ، އެމް270 މަރުކާގެ މިސައިލް ނިޒާމުތަކެވެ.