Roadha Mihaaru
ދަތިކުރުންތަކުން ދެ ގައުމުގެ ގުޅުން މުޅިން ކެނޑިދާނެ: ރަޝިޔާ

ދަތިކުރުންތަކުން ދެ ގައުމުގެ ގުޅުން މުޅިން ކެނޑިދާނެ: ރަޝިޔާ

07 މެއި 2022

އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް އިނގިރޭސި ވިލާތުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އެކުގައި ކެނޑި ނެތިގެން ހިނގައިދާނެ ކަމަށް، ރަޝިޔާ އިން އިނގިރޭސި ވިލާތަށް އިންޒާރުކޮށްފި އެވެ.

އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް އިނގިރޭސި ވިލާތުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އެކުގައި ކެނޑި ނެތިގެން ހިނގައިދާނެ ކަމަށް، ރަޝިޔާ އިން އިނގިރޭސި ވިލާތަށް އިންޒާރުކޮށްފި އެވެ.

ރަޝިޔާ އިން އިނގިރޭސި ވިލާތަށް މި މޭރުމުން އިންޒާރު ކުރީ، ރަޝިޔާ ސަރުކާރަށް ނިސްބަތްވާ ޓީވީ އާއި ރޭޑިއޯ ޗެނަލްތައް ވިލާތުގެ ގައުމުތަކުގައި މަނާކުރުމަށް ނިންމި ނިންމުމާ ގުޅިގެން، މޮސްކޯގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ރަޝިޔާގެ ޚާރިޖިއްޔާ އަށް އިއްޔެ ހާޒިރު ކުރުމަށް ފަހު އެވެ.

ސަފީރު ހާޒިރުކުރުމަށް ފަހު، ރަޝިޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދެ ގައުމުގެ ގުޅުން ފަނާކުރަނިވި ގޮތަށް އިނގިރޭސި ވިލާތުން ނިންމާ ނިންމުންތައް، އެއްވެސް ހަމައަކުން ބަލައިނުގަނެވޭނެކަން، އިނގިރޭސި ސަފީރަށް ވާނީ އަންގައިފަ އެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި ފިޔަވަޅު އަޅަމުން ދާނަމަ، ދެ ގައުމުގެ ގުޅުން މުޅިން ކެނޑިގެން ދިއުމަށް މަގުފަހިވާނެ ކަމަށާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުމަށް ވެސް ގެއްލުންތަކެއް ލިބިގެންދާނެ ކަން، ސަފީރަށް ވާނީ އަންގައިފަ އެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރަޝިޔާގެ ރޭޑިއޯ ޗެނަލްތަކާއި ޓީވީ ޗެނަލްތަކާ ދެކޮޅަށް އިނގިރޭސި ވިލާތުންނާއި ވިލާތުގެ އިއްތިހާދުން ފިޔަވަޅު އެޅީ، އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައް ހުޅަނގުގެ ގައުމުތަކުން، ދުނިޔެއަށް ދައްކަން ބޭނުންވާ ގޮތާ ޚިލާފަށް އެ ޗެނަލްތަކުން ހާމަކުރަމުން ދާތީ އެވެ.

ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި ވިލާތުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާ ހުރިހާ ފިޔަވަޅުތަކަކީ ވެސް، އިނގިރޭސި ވިލާތުގެ އިސްނެގުމަށް އަޅަމުންދާ ފިޔަވަޅުތަކެވެ. އެހެން ނަމަވެސް އެއިން ކޮންމެ ފިޔަވަޅަކަށް ރަޝިޔާ އިން ވަރަށް ހަރުކަށި ގޮތެއްގައި ރައްދު ދެމުންދާނެ ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

ވިލާތުގެ ގައުމުތަކުން މިހާރު ތައްޔާރުވަމުން ދަނީ، ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ދަތިކުރުމުގެ ހަވަނަ ބުރުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމަށެވެ. މިފަހަރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިޔާގެ ތެޔޮ ގަތުން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މުޅިން ހުއްޓައިލުން ހިމެނެ އެވެ.

އޭގެ އިތުރުން، ޔޫކްރޭންގެ ބޫޗާގައި ގަތުލުއާންމު ހިންގި ރަޝިޔާގެ އިސް އޮފިސަރުންގެ ލިސްޓެއް އެކުލަވާލައި، އެ ލިސްޓުގައި ހިމެނޭ މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ. އަދި ރަޝިޔާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ސްބާބޭންކް އާއި ރަޝިޔާގެ ވިޔަފާރި ދެ ކުންފުންޏެއް، ސްވިފްޓް ނިޒާމުން ބޭރުކުރުން ވެސް ހިމެނެ އެވެ. އަދި ރަޝިޔާ ސަރުކާރުން ހިންގާ ތިން ބްރޯޑްކާސްޓް ކުންފުންޏެއްގެ ޓީވީ އާއި ރޭޑިއޯ ސިގްނަލް، ވިލާތުގެ ގައުމުތަކުގައި މަނާކުރުން ހިމެނެ އެވެ.