Roadha Mihaaru
އިނގިރޭސި ހެލިކޮޕްޓަރުތައް ޔޫކްރޭނަށް ފޮނުވަނީ

އިނގިރޭސި ހެލިކޮޕްޓަރުތައް ޔޫކްރޭނަށް ފޮނުވަނީ

24 ނޮވެމްބަރ 2022

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން، އެ ގައުމަށް އަސްކަރީ ހެލިކޮޕްޓަރު ފޮނުވުމަށް އިނގިރޭސި ވިލާތުން ނިންމައިފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭން ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން، އެ ގައުމަށް އަސްކަރީ ހެލިކޮޕްޓަރު ފޮނުވުމަށް އިނގިރޭސި ވިލާތުން ނިންމައިފި އެވެ.

އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލޭސް އިއްޔެ ވިދާޅުވީ، ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ކުރާ މަސައްކަތުގައި ބޭނުންކުރުމަށް، ސީ ކިންގް މަރުކާގެ ތިން ހެލިކޮޕްޓަރު އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވާނެ ކަމަށެވެ. މީގެ ކުރިން ވެސް އިނގިރޭސި ވިލާތުން ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައި ވިޔަސް، ހެލިކޮޕްޓަރުތަކެއް ފޮނުވާ މިއީ ފުރަތަމަ ފަހަރެވެ.

ބެން ވެލޭސް ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުން މިފަހަރު ޔޫކްރޭނަށް ފޮނުވާނީ ތިން ހެލިކޮޕްޓަރެވެ. އެ ތިން ހެލިކޮޕްޓަރަކީ ވެސް، ރަޝިޔާ ސިފައިންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދިނުމުގައި ބޭނުންކުރާނެ އުޅަނދުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވައިގެ ސިފައިން ބޭނުންކުރާ، ސީ ކިންގް މަރުކާގެ ހެލިކޮޕްޓަރު

އިނގިރޭސި ވައިގެ ސިފައިން ބޭނުންކުރާ، ސީ ކިންގް މަރުކާގެ ހެލިކޮޕްޓަރު

އޭގެ އިތުރުން، ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަންކުރި ބިންތައް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގައި ބޭނުން ކުރުމަށް، ބޮޑުބަޑީގެ 10000 ވަޒަން ވެސް ޔޫކްރޭނަށް ފޮނުވުމަށް އިނގިރޭސި ވިލާތުން ވަނީ ނިންމައިފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ބޮޑު ބައެއް ހިފައި އޭގެ ތެރެއިން ބައެއް ސަރަހައްދުތަކަކީ، ރަޝިޔާގެ ބައެއްގެ ގޮތުގައި ވެސް ކަނޑައެޅި އެވެ. ނަމަވެސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދިން ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން، ޔޫކްރޭން ސިފައިން ވަނީ އޭގެ ތެރެއިން ބައެއް ބިންތައް މިނިވަންކޮށް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލޭސް ވިދާޅުވި ގޮތުގައި ޔޫކްރޭންގެ އިންޖިނޭރުންނާއި ޕައިލެޓުންތަކެއް ވަނީ، ސީ ކިންގް ހެލިކޮޕްޓަރު ބޭނުންކުރާނެ ގޮތުގެ ތަމްރީންތަކެއް ހަ ހަފުތާ ވަންދެން އިނގިރޭސި ވިލާތުގައި ފުރިހަމަ ކޮށްފަ އެވެ. އޭގެ އިތުރުން މިފަހަރު އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ތެރޭގައި، އެއްގަމުން މަތިންދާ ބޯޓަށް ހަމަލާ ދޭ ޒާތުގެ 1000 މިސައިލާއި، މަތިންދާ ބޯޓަށް ހަމަލާ ދޭ ޒާތުގެ 125 ބޮޑުބަޑި ހިމެނެ އެވެ.