Roadha Mihaaru
12 ރިސޯޓަކުން 665 މިލިއަން ރުފިޔާގެ ކުލި ނުދައްކާ

12 ރިސޯޓަކުން ކުލީގެ ގޮތުގައި 665 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް!

25 މެއި 2022

މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ލިސްޓުގައި ހިމެނޭ 12 ރިސޯޓުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 665 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް ޓެކްސް އިދާރާ މީރާއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ލިސްޓުގައި ހިމެނޭ 12 ރިސޯޓުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 665 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް ޓެކްސް އިދާރާ މީރާއިން ބުނެފި އެވެ.

މީރާއިން އިއްޔެ ވަނީ ކުލި ނުދައްކާ 12 ރިސޯޓަކާއި ދަނޑުވެރި ކަމަށް ދޫކޮށް، ކުލި ނުދައްކާ އޮތް ހަތަރު ރަށެއްގެ ވެރިފަރާތުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެ ނަންތައް އާންމުކޮށްފައި ވަނީ މީރާގެ ޓީވީގަ އެވެ.

މިދިޔަ މާޗް މަހު މީރާއިން އާންމުކުރި "ނޭމް އެންޑް ޝޭމް" އުސޫލުގައިވާ ގޮތުން މި ލިސްޓުގައި ހިމަނަނީ ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް 100،000ރ. އަށް ވުރެ ބޮޑު އަދަދެއް ޓެކްސް ފައިސާގެ ގޮތުގައި ދައްކަން ޖެހޭ ފަރާތްތަކެވެ. އިއްޔެ އާންމުކުރި ހުރިހާ ރިސޯޓަކީ ވެސް ބިމު ކުލީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑެތި އަދަދުން ބިމު ކުލި ދައްކަން ޖެހޭ ރިސޯޓުތަކެވެ.

މީރާއިން އާންމުކުރި ރިސޯޓުތައް

1. ހޮނޑާފުށި: އަބްދުﷲ އަލީ (ތްރީއޭ)

2. ފިލިތެޔޮ އައިލެންޑް ރިސޯޓު- ތްރީއޭ ޓްރޭޑިން ކޮމްޕެނީ

3. ކިހާ މޯލްޑިވްސް- އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓް

4. ބްރެއިނާ ކޮއްޓަފަރު- އޭބީއެން ޕްރައިވެޓް ލިމިޓެޑް

5. ރަހާ ރިސޯޓު- ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

6. ޖޭޑަބްލިއު މެރިއޮޓް ރިސޯޓު- ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް

7. މެދުފުށި އައިލެންޑް ރިސޯޓް- މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

8. އެރިޔަދޫ އައިލެންޑް ރިސޯޓު- ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް

9. ސައުތު ޕާމް ރިސޯޓު- ސައުތު ޕާމް މޯލްޑިވްސް

10. ކޮކޯ ޕާމް ދުނިކޮޅު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޑް ލިމިޓެޑް

11. މަކުނުދޫ އައިލެންޑް ރިސޯޓު- ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް

12. ޑްރިފްޓް ތެލުވެލިގާ ރިޓްރީޓް- ތެލުވެލިގާ ރީޓްރީޓް ޕްރައިވެޓް ލިމިޓެޑް

މީރާއިން އާންމުކުރި ނަންތަކުގެ ތެރޭގައި ޖޭޑަބްލިއު މެރިއޮޓް ރިސޯޓާއި، ބްރެނިއާ ކޮއްޓަފަރު، ކޮކޯ ޕާމް ދުނިކޮޅު، ކިހާ މޯލްޑިވްސް، މަކުނުދޫ އައިލެންޑް ރިސޯޓާއި ޑްރިފް ތެލުވެލިގާ ރިޓްރީޓާއި ފިލިތެޔޮ ރިސޯޓާއި މެދުފުށި ރިސޯޓާއި ހޮނޑާފުއްޓާއި ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓު ހިމެނެ އެވެ.

މީގެ ތެރެއިން ފިލިތެޔޮ އާއި ހޮޑާފުއްޓަކީ ތްރީއޭ ކުންފުނީގެ ދެ ރިސޯޓެވެ. އެއީ، ރައީސް އޮފީހުގެ މިނިސްޓަރު އަލި ޝިޔާމްގެ އާއިލާ އިން ހިންގާ ކުންފުންޏެކެވެ. ޖޭ ޑަބްލިއު ރިސޯޓު ހިމެނުނު އިރު މިއީ ރާއްޖޭގައި އިތުރު ހަތަރު ރިސޯޓު ހިންގާ އިންޓަނޭޝަނަލް ބްރޭންޑެކެވެ. ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރިސޯޓެކެވެ. ސަންލޭންޑަކީ ވެސް ގިނަ ރިސޯޓްތަކެއް ހިންގާ ކުންފުންޏެކެވެ.

ބިމުގެ ޓެކްސް ނުދައްކައިގެން 12 ފަރާތެއްގެ ނަން މީރާއިން އާންމުކުރި އިރު ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހެއް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފަ އެވެ. އެކަމަކު ބިމުގެ ކުލި ކުޑަކުރުމުން އަހަރަކު 590 މިލިއަން ރުުފިޔާ ޓެކްސް އާމްދަނީން މަދު ވާނެ ކަމަށް މީރާއިން އިއްޔެ މަޖިލީހުގައި ބުނެފައިވެ އެވެ.

މި އުސޫލުގެ ދަށުން ދަށުން ހާމަކުރާނީ ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި، ރަޖިސްޓްރީ ނަންބަރާއި، ކުންފުންޏެއް ނަމަ، ކުންފުނީގެ ލޯގޯ އެވެ.

"ނޭމް އެންޑް ޝޭމް" އުސޫލުގެ ދަށުން އެންމެ ފުރަތަމަ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރާނީ މީރާގެ ޓެކްސްޕެއާސް ސާވިސް ސެންޓަރުގަ އެވެ. އެތަނުގައި 15 ދުވަސް ވަންދެން އެ މައުލޫމާތު ފެންނަ ގޮތަށް ބަހައްޓާނެ އެވެ. އަދި މި މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ނަމަ ހާމަކުރަނީ މީރާގެ ވެބްސައިޓުގަ އެވެ. ވެބްސައިޓުގައި އާންމުކުރާތާ 15 ދުވަސް ފަހުން، އެ މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ގެޒެޓްގައި އާންމުކުރާނެ އެވެ. މި މުއްދަތުގައި ވެސް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ސޯޝަލް މީޑިއާގަ އެވެ.

މި ލިސްޓުގެ ދަށުން ޓެކްސް ނުދައްކާ އެކި ޓެކްސްތައް ދައްކަން ޖެހޭ މީހުންގެ މައުލޫމާތު ހާމަކުރާނީ އެކި ދުވަސްވަރު އެވެ. ޖީއެސްޓީ އާއި ޖީއާރްޓީ އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ކޮންމެ އަހަރެއްގެ މާޗު މަހާއި ސެޕްޓެމްބަރު މަހުގަ އެވެ.

އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އޮކްޓޫބަރު މަހެއްގަ އެވެ. ޓޫރިޒަމް ދާއިރާ އާއި އެގްރިކަލްޗަރަލް ދާއިރާގެ ބިމު ކުލި ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ އޭޕްރީލް މަހާއި އޮކްޓޫބަރު މަހުގަ އެވެ.

މިގޮތަށް ނަން ހާމަކުރުމުގެ ފަހުން އެއްވެސް ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅައިފި ނަމަ ނުވަތަ ޓެކްސް ފައިސާ ދައްކައިފި ނަމަ އެ ފަރާތުގެ ނަން މީރާގެ ލިސްޓުން އުނިކުރާނެ އެވެ.