Roadha Mihaaru
ފައިސާ ނުދައްކާ 13 މައްސަލައެއް މީރާ އިން ކޯޓަށް

ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މީރާ އިން ޝަރީއަތަށް ފޮނުވައިފި

04 މެއި 2017

ރިސޯޓް އަދި ހޮޓާ ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ބިމުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މިދިޔަ މަހު ޝަރީއަތަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ރިސޯޓް އަދި ހޮޓާ ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ބިމުން ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މިދިޔަ މަހު ޝަރީއަތަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ އިތުރުން ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އަދި ތްރީއޭ ޓްރޭޑިން ކޮމްޕެނީއަށާއި އަތަމާ އިބްރާހިމް ދީދީ ހިއްސާވާ ރަށެއްގެ އިތުރުން ކުރީގެ މިނިސްޓަރު ހުސެއިން ހިލްމީ (ސަން ލޭންޑް ހިލްމީ) ހިއްސާވާ ކުންފުންޏެއްގެ ރަށެއްގެ މައްސަލައެއް ވެސް ހިމެނެ އެވެ.

މީރާ އިން ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ނ. ރާފުށި ކުއްޔަށް ހިފާފައިވާ އެގްޒޯޓިކް ޕްރޮޕަޓީޒް، ތ. ކަޅުފަހަލަފުށި ކުއްޔަށް ހިފާފައިވާ އޭޝިއާ ރިޒޯޓްސް، ބ. ކިހާދުއްފަރު ކުއްޔަށް ހިފާފައިވާ އަތަމާ މެރިން އިންޓަނޭޝަނަލް، އދ. ތެލުވެލިގާ ކުއްޔަށް ހިފާފައިވާ ތެލުވެލިގާ ރިޓްރީޓް، ހދ. ހަނިމާދޫން ބިމެއް ކުއްޔަށް ހިފާފައިވާ ސިޓީ ހޮޓެލް ހަނިމާދޫ، އއ. މަޑޫގަލި ކުއްޔަށް ހިފާފައިވާ ބްލޫ ލެގޫން އިންވެސްޓްމެންޓްސް، ހއ. ބީނާފުށި އާއި އަލިދޫ ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއާސް މޯލްޑިވްސް، ލ. ކައްދޫން ބިމެއް ކުއްޔަށް ހިފާފައިވާ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް، ތ. އެލާ ކުއްޔަށް ހިފާފައިވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ، މ. މެދުފުށި ކުއްޔަށް ހިފާފައިވާ މެދުފުށި އިންވެސްޓްމެންޓް، ފ. ފިލިތެޔޮ ކުއްޔަށް ހިފާފައިވާ ތްރީ އޭ ކޮމްޕެނީ އަދި ހދ. ކުޑަމުރައިދޫ ކުއްޔަށް ހިފާފައިވާ ޖޭއެޗް ރިޒޯޓްސް ހިމެނެ އެވެ. މީގެ އިތުރުން އަހުމަދު ވަހީދު (ކަނދޮޅުދޫ ވަހީދު) އަށް ކުއްޔަށް ދޫކޮށްފައިވާ ރ. މާމިގިލީގެ މައްސަލަ ވަނީ މައްސަލަ ރައްދުވާ ފަރާތް ނިޔާވެފައި ވާތީ އަދި ސިވިލް ކޯޓުގައި ރެޖިސްޓްރީ ނުކުރެވިފައި ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެތެރެއިން ބ. ކިހާދުއްފަރު، އދ. ތެލުވެލިގާ، އއ. މަޑޫގަލި، ހއ. އަލިދޫ، މ. މެދުފުށި އަދި ފ. ފިލިތެޔޮ، ރ. މާމިގިލިއަކީ ރިޒޯޓް ތަރައްގީކޮށް ހިންގަމުން ގެންދާ ރަށްރަށެވެ. އަދި ހަނިމާދޫން ދޫކޮށްފައިވާ ބިމުގައި ސިޓީ ހޮޓަލެއް ވެސް ދަނީ ހިންގަމުންނެވެ.

ވިލާ އާއި އަދި ޖޭއެޗް ރިސޯޓްސް އާއި ޔޮޓް ޓުއާސްގެ މައްސަލައިގެ ހަބަރު ނޫސްތަކުގައި ޖެހުމާ ގުޅިގެން މީރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މައުލޫމާތު ބައެއް މީޑިއާތަކުން ފަތުރާފައި ވަނީ ކަމުގެ މައުލޫމާތު ރަނގަޅަށް އޮޅުން ނުފިލުވައި، ވަކި ފަރާތެއްގެ މައްސަލައެއްގެ ގޮތުގައި، ހަގީގަތް އޮޅޭގޮތަށް ކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި ރަނގަޅަށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު ޒިންމާދާރު ކަމާއެކު ހަބަރު ފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ޓޫރިޒަމް ބިމު ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއް އަނބުރާ ގެނެވޭނީ އެ ފައިސާ ދެއްކުމުން ނުވަތަ ފައިސާ ދައްކާނެ ގޮތަކާމެދު މީރާ އާއެކު އެއްބަސްވުމަކަށް އައުމުން ނުވަތަ އެ ފައިސާ ދައްކަންޖެހުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރުން ނުވަތަ އެއީ، އެ ވަގުތަކަށް ދައްކަން ނުޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ކުލީގެ އެއްބަސްވުމަށް އެ ފަރާތާއި ދިވެހި ސަރުކާރުން ބަދަލު ގެނައުމުން،" މީރާއިން ބުނެފައިވެ އެވެ.

އެ އޮތޯރިޓީން ބުނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަކީ މީރާގެ ގާނޫނީ ޒިންމާއެއް ކަމަށާއި އެ ފައިސާ ހޯދުމުގައި އަމަލު ކުރަމުންދަނީ މީރާގެ އެންފޯސްމެންޓް ޕޮލިސީ ގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން ކަމަށެވެ.

މީރާއިން ބުނިގޮތުގައި ޝަރުއީ މަރުހަލާގައިވާ އެ އޮތޯރިޓީއާ ގުޅުންހުރި ހުރިހާ މައްސަލަތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓްގައި އަބަދުވެސް ގެންދަނީ ޝާއިއު ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް އެ އޮތޯރިޓީން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 214 މައްސަލައެއް ކާމިޔާބު ކޮށްފައިވަނީ މީރާއިން ކަމަށް ވެސް ބުނެފައިވެ އެވެ.

"އެެހެންކަމުން މީރާއިން މައްސަލަތައް ޝަރީއަތަށް ފޮނުވަމުން ގެންދަނީ ވަކި ފަރާތަކަށް ބުރަނުވެ، ހަމަހަމަ ކަމާއެކުގައި ކަން ފާހަގަ ކުރެވޭ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.