Roadha Mihaaru
ޔޮޓް ޓުއާސްގެ 29މ ޑޮލަރުގެ މައްސަލަ ހައި ކޯޓަށް

ޔޮޓް ޓުއާސް އިން ދައުލަތަށް 29 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމް އިސްތިއުނާފަށް

07 ނޮވެމްބަރ 2018

ދައުލަތަށް 29 މިލިއަން ޑޮލަރު (440 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް 29 މިލިއަން ޑޮލަރު (440 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ދައުލަތަށް 29 މިލިއަން ޑޮލަރު ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ. ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ އެ ކުންފުންޏަށް ކޯޓުން އަންގާފައިވަނީ އެ ފައިސާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށެވެ.

އެ މައްސަލަ ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ، ރަޖިސްޓްރީކުރީ މި މަހު ކަމަށް މީރާ އިން ބުންޏެވެ.

މީގެ އިތުރުން ހއ. ބީނާފުށްޓާއި ހއ. ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ކުރި ހުކުމް ވެސް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ.

އެ ދެ މައްސަލައިގައި ލިބެންޖެހޭ ފައިސާތައް ނުދައްކާތީ ޔޮޓް ޓުއާސްގެ އެކައުންޓްތައް ވެސް މީރާ އިން ކުރިން ފްރީޒްކުރި އެވެ. އެކައުންޓްތައް ފްރީޒް ކުރުމާ ދެކޮޅަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން އޭރު ހުކުމް ކޮށްފައިވަނީ އެކައުންޓްތައް ފްރީޒް ކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.