Roadha Mihaaru
ޔޮޓް ޓުއާސް މައްޗަށް 3.6 މިލިއަން ޑޮލަރުގެ ހުކުމެއް

ދައުލަތަށް 3.6 މިލިއަން ޑޮލަރު ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ހުކުމްކޮށްފި

09 އޮކްޓޯބަރ 2017

ދައުލަތަށް 3.6 މިލިއަން ޑޮލަރު (55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން) ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް 3.6 މިލިއަން ޑޮލަރު (55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން) ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ކޯލިޝަނާ އެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖާބިރުގެ ކުންފުނީގެ މައްޗަށް އެ ހުކުމް އައީ އެ ކުންފުންޏަށް ކުރިން ދޫކުރި ހއ. ބީނާފުށްޓާއި އެ އަތޮޅު ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ދެ ރަށުގެ ކުއްޔާއި އެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއާ އެކު 3.6 މިލިއަން ޑޮލަރު ޔޮޓް ޓުއާސުން ދައުލަތަށް ދައްކަން ޖެހޭ ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ ތިން މަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކައި، ޚަލާސް ކުރުމަށް ހުކުމުގައި އަންގާފައިވެ އެވެ.

އެ ފައިސާ އެއްކޮށް ދައްކައި ނިމެންދެން ޖޫރިމަނާ އަރަމުން ދާނެ ކަމަށް ވެސް އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައިވެ އެވެ.

އެ ފައިސާ ހޯދަން ދައުވާ ކުރުމުގެ ކުރިން މީރާއިން ވަނީ އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ. އެކަމާ ގުޅިގެން ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވެ، ޖާބިރު ވިދާޅުވެފައިވަނީ މީރާއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.

ޔޮޓް ޓުއާޒަށް ރިސޯޓް ހަދަން ދިން ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން ކުރިން ވަނީ އަތުލައިފަ އެވެ. އެތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ކޯޓުން ހުކުމް ވެސް ކޮށްފައިވެ އެވެ.

މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ޖާބިރުގެ ޕާސްޕޯޓް ވެސް ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ.