Roadha Mihaaru
ޖާބިރު އެންމެ ފަހުން ލަންޑަނަށް އެތެރެވެއްޖެ

ޖާބިރުގެ ޕާސްޕޯޓު ކެންސަލްކޮށްފައި ވަނިކޮށް ޔޫކޭ އަށް ވަނުމުގެ ހުއްދަ ދީފި

22 ޖޫން 2017

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަނުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަނުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.

ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރިކަން އެނގުނީ އޭނާ އިޓަލީގައި ހުންނެވުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ވިލާތަށް ވަޑައިގެން އެއާޕޯޓް ކައުންޓަރަށް ޕާސްޕޯޓް ދެއްވުމުންނެވެ.

ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު "މިހާރު" އަށް ވިދާޅުވީ ޖާބިރަށް ލަންޑަނަށް ވެންނެވޭ ގޮތްވީ 15 ގަޑިއިރެއް ހާއިރު ގެޓްވިކް އެއާޕޯޓުގައި ހުންނެވި ފަހުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާސްޕޯޓު ކެންސަލް ކުރަން ޖެހޭ ސަބަބެއް ނެތެވެ. އެގޮތަށް ސަރުކާރުން ކަންތައް ކުރީ ޖާބިރަށް ފިއްތުންތައް ކުރިމަތި ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

"ޔޫކޭ އަށް ވަނުމުގެ ހުއްދައަށް ރަސްމީކޮށް އެދުނީމަ ހުއްދަ ވަނީ ދީފައި،" ދިޔާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޖާބިރުގެ މައްޗަށް ކުރަނީ އިދިކޮޅު ފަރާތްތަކަށް އެހީތެރިވާކަމުގެ ތުހުމަތެވެ. އެކަމަކު ތުހުމަތުކުރެވޭ ކަމެއް އޮވެއްޖެ ނަމަ، ޖާބިރަށް އެކަން އަންގަން ޖެހޭނެ ކަމަށާއި މިހާތަނަށް އައިއިރު، އެފަދަ ކަމެއް އަންގާފައި ނެތް ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް މަދަދުވެރިވާތީ ޖާބިރުގެ ކުށަކީ. އެއީތާ އެންމެންގެ ކުށަކީ މިހާރު. ކުށްތަކަށް ތުހުމަތު ކުރެވޭނެނަމަ، އުސޫލުތަކެއް ހުންނާނެ. އެކަމަކު އެގޮތަށް އަމަލެއް ނުކުރޭ،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ކަންކަން ކުރައްވަނީ އޭރަކު ހިތަށްއެރުއްވި ގޮތަކަށެވެ. ދުރާލާ ލިޔެފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ރައީސް ޔާމީން މަސައްކަތް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް އެނގޭނެ ވަރަށް ރަނގަޅަށް ޖާބިރު ދިރިއުޅުއްވަނީ ސްރީ ލަންކާގައި ކަން. ބައެއް މެމްބަރުންނަށް އެނގޭނެ އުޅުއްވާ ގެ ވެސް. ކޮލަމްބޯގައި އުޅުއްވާތާ ތިން އަހަރު ވަނީ މިހާރު،" ދިޔާނާ ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ޖާބިރު ހޯދަމުން އަންނައިރު، އެއީ ކޮން މައްސަލައެއް ކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް އޭނާ ޚަރަދު ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.

ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށްފައިވާއިރު، ޖާބިރު އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ވަނީ ދައުވާ ވެސް ކޮށްފަ އެވެ.