Roadha Mihaaru
ހާލުގައި ޖެހުނު އާއިލާ ވަގުތީ ހިޔާވައްސަކަށް!

މާމެންދޫގައި ހާލުގައި ޖެހުނު އާއިލާ ވަގުތީ ހިޔާވައްސަކަށް؛ މާލީ އެހީ ދެނީ!

15 މެއި 2022

ގއ. މާމެންދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު އާއިލާ އަށް ސަރުކާރުން ވަގުތީ ހިޔާވައްސެއް ހަމަޖައްސައިދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. މާމެންދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު އާއިލާ އަށް ސަރުކާރުން ވަގުތީ ހިޔާވައްސެއް ހަމަޖައްސައިދީފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު، މާމެންދޫ ލޯންގްލައިފް ގޭގައި ހިނގި އެ އަލިފާނުގެ ހާދިސާގައި، އެ ގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އިމަޖެންސީ އޮޕަރޭޝަން މެނޭޖަރު އަބްދުﷲ ރަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ މާމެންދޫ ކައުންސިލާ ގުޅިގެން، އެ އާއިލާ އަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުން ކުލި ދައްކާ ގޮތަށް، ތިން މަސް ދުވަހަށް މިހާރު އެ އާއިލާ ވަގުތީ ހިޔާވައްސަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ގއ. މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ގެ އަނދާ ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

ގއ. މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ގެ އަނދާ ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

"އެ އާއިލާ އަށް އަންނައުނު ކަހަލަ ޒަރޫރީ އެއްޗެހި މި ވަގުތަށް ބޭނުންވާތީ، ކައުންސިލް މެދުވެރިކޮށް އެ ކަންކަމުގެ އެހީތެރިކަން ވެސް ވާނީ ދީފައި،" އޭނާ ވިދާޅުވި އެވެ.

ރަފީއު ވިދާޅުވި ގޮތުގައި، އެ ގެއަށް ލިބުނު ގެއްލުންތައް ބެލުމަށް މިހާރު ވަނީ އެސެސްމެންޓެއް ހަދައިފަ އެވެ. އޭގެ ނަތީޖާ އަށް ބެލުމަށް ފަހު، ސަރުކާރުން އެފަދަ ހާދިސާތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން އެ އާއިލާ އަށް މާލީ އެހީތެރިކަން ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.

މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް ވިދާޅުވީ، ރަށު ފެންވަރުގައި އެ އާއިލާ އަށް އެހީތެރިކަން ދިނުމުގެ ގޮތުން ކައުންސިލުން ފަންޑު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު، އެ ގޭގެ ވެރިފަރާތް ކަމަށްވާ ދޮށީ އުމުރުގެ ދެމަފިރިން ތިބީ ބޭސްފަރުވާ އަށް މާލޭގަ އެވެ. ގއ. ކޫއްޑޫގެ ދޯންޏެއްގައި ކައްޕިއަކަށް އުޅޭ އެ ފިރިހެން މީހާ އަކީ ހިތުގެ ބައިޕާސް ސާޖަރީއެއްކޮށް، ބަލިވެ އުޅޭ މީހެކެވެ. އެ އަންހެން މީހާ އަކީ މާމެންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ފޫޅުމަޔެކެވެ.

މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ގެ އަނދާ ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ގެ އަނދާ ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

ތިން ކޮޓަރި ހުންނަ އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގިއިރު، ހަތަރު މީހުން ދިރިއުޅެވެ. އެއީ އެ ދެމަފިރިންގެ ހުންނަ ދެ ކުދިން ކަމަށްވާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއް ކޮޓަރީގައި އުޅެނީ އަންހެން ކުއްޖާ އާއި އޭނާގެ ފިރިމީހާ އަދި ތިން އަހަރުގެ ދަރިފުޅެވެ.

ފުރަތަމަ ރޯވީ އެ ދެމަފިރިންގެ ފިރިހެން ކުއްޖާގެ ކޮޓަރީގަ އެވެ. އެ ކޮޓަރީގައި ރޯވި ގޮތެއް ނޭނގެ އެވެ. ރޯވި ވަގުތު އޭނާ ގެއަކު ނެތެވެ. އެކަމަކު އަނެއް ކޮޓަރީގައި މީހުން ނިދާފައި ތިއްބެވެ.

އެއް ކޮޓަރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، މުޅި ގެއަށް ފެތުރިގެން ދިޔައީ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގައި ހިފައިގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދައިފަ އެވެ. ގޭގެ ސީލިންގު ވެސް އަނދައިގެން ގޮސްފައިވާއިރު، ފާރުތަކާއި ފުރާޅަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައި ވެ އެވެ.