Roadha Mihaaru
ވަގުތީ ބޯހިޔާވަހިކަން އިތުރު ތިން މަހަށް ދެނީ

އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އިތުރު ތިން މަހަށް ދެނީ

27 އޯގަސްޓް 2020

މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ އާއިލާތަކަށް އިތުރު ތިން މަހަށް ވަގުތީ ބޯހިިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ އާއިލާތަކަށް އިތުރު ތިން މަހަށް ވަގުތީ ބޯހިިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އެ ހާދިސާގައި ކައިރީގައި ހުރި ގެތައް އަނދައިގެން ދިއުމުން ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ދަނީ ފޯރުކޮށް ދެމުންނެވެ. އެކަމަކު އޭގެ ތެރެއިން ފަސް ގޭބީސީއެއްގައި ތިބި މީހުންނަށް ވަގުތީ ގޮތުން ހަމަޖައްސައިދީފައިވާ ގާކޮށި ފްލެޓްތަކުން މި މަސް ނިމުމުގެ ކުރިން ނުކުންނަން އޮތީ އަންގައިފަ އެވެ. އޭގެ ތެރެއިން އެންމެ އާއިލާއެއް ފިޔަވައި ދެން ތިބި މީހުން އެތަނުން ނުކުމެފައެއް ނުވެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ މީހުން އެތަނުގައި ތިބުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވިޔަސް، މިހާރު ހާލަތަށް ރިއާޔަތްކޮށް އިތުރު ތިން މަހަށް އެތަނުގައި ތިބެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ގެދޮރު ގެއްލުނު ހަތް ގޭބީސީއެއްގެ 29 މީހަކަށް ގާކޮށިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނެވެ. ވަގުތީ ބޯހިޔާވަހިކަން ދެނީ އެ މީހުން އުޅުނު ގެތައް މަރާމާތު ކުރެވޭނެ ކަމަށް އެސެސްމަންޓުން ދައްކާ މުއްދަތުތަކަށް ބަލައި، އެކި ގޭބީސީތަކަށް އެކި މުއްދަތަށެވެ. މި މަހުގެ ނިޔަލަށް ހަމަވާ ފަސް ގޭބީސީއެއް ހުރިއިރު އަންނަ މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ދެ ގޭބީސީއެއްގެ މީހުން ވެސް ގާކޮށީގައި އެބަތިއްބެވެ.

މާލޭގައި ފަހުގެ ތާރީޚުގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އެ ހާދިސާގައި އެކަކު މަރުވެ، އެތައް ސަތޭކަ ބައެއްގެ ގެދޮރު ގެއްލުނެވެ. އެ ހާދިސާއަށް ފަހު ސަރުކާރުން ވަނީ ކެމިކަލް ގެންގުޅުމުގެ އުސޫލުތައް ހަރުކަށިކޮށް، ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރަން ނިންމައިފަ އެވެ.