Roadha Mihaaru
ގެއެއްގައި ރޯވެ، އާއިލާއެއްގެ ދިރިއުޅުން އަޅިއަށް!

ގއ. މާމެންދޫ ގެއެއްގައި ރޯވެ، އާއިލާއެއްގެ ދިރިއުޅުން އަޅިއަށް!

10 މެއި 2022

ގއ. މާމެންދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. މާމެންދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

އެ ރަށު ލޯންގްލައިފް ގޭގައި، ރޭ ދަންވަރު 1:30 ހާއިރު ރޯވި އެ އަލިފާންގަނޑު ނިއްވާލީ މާމެންދޫ ރައްޔިތުން ކުރި މަސައްކަތުން ދެ ގަޑިއެއްހާއިރު ފަހުންނެވެ.

"ކުޑަކުޑަ އާއިލާއެއްގެ ދިރިއުޅުން އެއްކޮށް އަނދައި އަޅިއަށް އެވީ،" މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒް މިއަދު "މިހާރު" އަށް ވިދާޅުވި އެވެ.

ގއ. މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެ އަނދައި ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

ގއ. މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެ އަނދައި ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

އަޒީޒް ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގިއިރު، އެ ގޭގެ ވެރިފަރާތް ކަމަށްވާ ދޮށީ އުމުރުގެ ދެމަފިރިން ތިބީ ބޭސްފަރުވާ އަށް މާލޭގަ އެވެ. ގއ. ކޫއްޑޫގެ ދޯންޏެއްގައި ކައްޕިއަކަށް އުޅޭ އެ ފިރިހެން މީހާ އަކީ ހިތުގެ ބައިޕާސް ސާޖަރީއެއްކޮށް، ބަލިވެ އުޅޭ މީހެކެވެ. އެ އަންހެން މީހާ އަކީ މާމެންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ފޫޅުމަޔެކެވެ.

"އެ ދެމަފިރިން ނޯ ޕޭ ލީވްގައި ބޭސްކުރަން މާލެ ގޮސް ތިބީ،" އޭނާ ވިދާޅުވި އެވެ.

"މިއަދު އެމީހުން އެނބުރި ރަށަށް އަންނަން އޮތީ ވެސް."

ގއ. މާމެންދޫގައި ރޯވި ގޭގައި ހުރި އެއްޗެހި އަނދައި ހުލިވެފައި. -- ފޮޓޯ: މާމެންދޫ ކައުންސިލް

ގއ. މާމެންދޫގައި ރޯވި ގޭގައި ހުރި އެއްޗެހި އަނދައި ހުލިވެފައި. -- ފޮޓޯ: މާމެންދޫ ކައުންސިލް

ތިން ކޮޓަރި ހުންނަ އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގިއިރު، ހަތަރު މީހުން ދިރިއުޅެވެ. -- އެއީ އެ ދެމަފިރިންގެ ހުންނަ ދެ ކުދިން ކަމަށްވާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއް ކޮޓަރީގައި އުޅެނީ އަންހެން ކުއްޖާ އާއި އޭނާގެ ފިރިމީހާ އަދި ތިން އަހަރުގެ ދަރިފުޅެވެ.

ފުރަތަމަ ރޯވީ އެ ދެމަފިރިންގެ ފިރިހެން ކުއްޖާގެ ކޮޓަރީގަ އެވެ. އަހްމަދު ވިދާޅުވި ގޮތުގައި، އެ ކޮޓަރީގައި ރޯވި ގޮތެއް ނޭނގެ އެވެ. ރޯވި ވަގުތު އޭނާ ގެއަކު ނެތެވެ. އެކަމަކު އަނެއް ކޮޓަރީގައި މީހުން ނިދާފައި ތިއްބެވެ.

އެއް ކޮޓަރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، މުޅި ގެއަށް ފެތުރިގެން ދިޔައީ އެވެ.

"ބޮޑު އަލިފާންގަނޑެއް ކޮންޓްރޯލްކުރާނެ ވަސީލަތްތައް ވެސް ނެތް މި ކަހަލަ ރަށެއްގައި ވަރަށް އުނދަގޫވާނެ ދެއްތޯ އެހާ ފަސޭހައިން ނިއްވާލަން. މި ރަށު ވަރަށް ގިނަ ރައްޔިތުން ނުކުމެގެން އަލިފާންގަނޑު އެއްކޮށް ނިއްވާލީ،" އޭނާ ވިދާޅުވި އެވެ.

ގއ. މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ގެ އަނދައި ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

ގއ. މާމެންދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި ގެ އަނދައި ހުލިވެފައި -- ފޮޓޯ: މާމެންދޫ ކައުންސިލް

"މިހާރު އެ ގޭގައި ނެތް ބޭނުންކުރެވޭނެ އެކައްޗެއް ވެސް. ވަރަށް ހާލުގައި އެ އާއިލާ އެ ތިބީ. ލާނެ ހެދުމެއްހާ ހިސާބު ވެސް ނެތް."

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގައި ހިފައިގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދައިފަ އެވެ. ގޭގެ ސީލިންގު ވެސް އަނދައިގެން ގޮސްފައިވާއިރު، ފާރުތަކާއި ފުރާޅަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.

މާމެންދޫގެ ރައްޔިތުންގެ އެހީތެރިކަމުގައި މި ވަގުތު އެ އާއިލާ ތިބިއިރު، ކައުންސިލުން ބުނީ މި ވަގުތު އެ އާއިލާ އަށް އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ މިއަދު ހެނދުނު ބުނީ މާމެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާ އަށް އެހީތެރިކަން ދިނުމުގެ މަސައްކަތް އެ ރަށު ކައުންސިލާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.