Roadha Mihaaru
މުޅި އިމާރާތް އެނދިއިރު ތިން މިލިއަނުގެ ގެއްލުމެއް

މުޅި އިމާރާތް އެނދިއިރު، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް!

27 މެއި 2021

އިރުއެރި އިރު، ފަސް ފްލޯގެ މުޅި ގެ އޮތީ އަނދައި ހުލިވެފަ އެވެ. ފަސް ފްލޯގައި ވެސް މީހުން ދިރިއުޅޭ މއ. މޯނިންވިއުގައި ރޭ ފަތިހު ކަމެއް ހިނގައިގެން އުޅޭކަން ބައެއް މީހުންނަށް ރޭކާލި އިރު މުޅި ގޭގައި އޮތީ ރޯވެފަ އެވެ. ބައެއް މީހުންނަށް ތެދުވެވުނީ ހޫނުވާވަރުންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިރުއެރި އިރު، ފަސް ފްލޯގެ މުޅި ގެ އޮތީ އަނދައި ހުލިވެފަ އެވެ. ފަސް ފްލޯގައި ވެސް މީހުން ދިރިއުޅޭ މއ. މޯނިންވިއުގައި ރޭ ފަތިހު ކަމެއް ހިނގައިގެން އުޅޭކަން ބައެއް މީހުންނަށް ރޭކާލި އިރު މުޅި ގޭގައި އޮތީ ރޯވެފަ އެވެ. ބައެއް މީހުންނަށް ތެދުވެވުނީ ހޫނުވާވަރުންނެވެ.

"އަޅުގަނޑުމެން ގޭ އެންމެން ތިބީ ނިދައިފައި. ގެއިން ކަރަންޓް ގޮސްގެން ހޫނުވާ ވަރުން ބޭބެ އަށް އަސްލު ހޭލެވުނީ. ހޭލެވުނީމަ ބޭބެ ތިރިއަށް ފައިބައި ބެލިއިރު މިހުރީ ރޯވެފައި،" މއ. މޯނިން ވިއުގެ ހަތަރު ވަނަ ބުރީގައި އަލިފާން ރޯވެ، މުޅި އެޕާޓްމަންޓަށް އަލިފާންގަނޑު ފެތުރުން ގޮތް ކިޔައިދެމުން އެ ގޭގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

މޯނިން ވިއުއަކީ 56 މީހުން ދިރިއުޅެމުން އައި އިމާރާތެކެވެ. ދެ ބަޔަށް ބަހާފައި ހުންނަ އެ އިމާރާތުން އަލިފާން ރޯވީ ހުޅަނގު ފަރާތުގެ ބައިގަ އެވެ.

އޭގެ ތެރެއިން މީހުން ކުއްޔަށް އުޅެމުން އައީ ފަސް ވަނަ ފްލޯ އާއި ތިން ވަނަ ފްލޯގައި އެކަންޏެވެ. އެހެން ފްލޯތަކުގައި އުޅޭ އެންމެނަކީ ވެސް އެ އާއިލާގެ އެކި މީހުންނެވެ.

ރޭ ފަތިހު، 4:40 ހާއިރު ގޭގައި ރޯވި އަލިފާންގަނޑު، ހެނދުނު 7:00 ހާއިރު ނިއްވާލެވުނުއިރު ގޭގައި ހިފައި ގެންގުޅޭ ސާމާނު ހަލާކުވެ، ބޮޑު ގެއްލުމެއް ލިބުނެވެ. ލާން ގެންގުޅުނު އަންނައުނުކޮޅުގެ ތެރެއިން ވެސް ސަލާމަތުން ހުރީ، އެ މީހުން އެ ވަގުތު ލައިގެން ހުރި ނިކުތް ހެދުން އެކަންޏެވެ.

މި ވަގުތު ސަރުކާރުން ގެސްޓްހައުސްތަކުގައި އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ގިޔާސުއްދީން ސްކޫލުގަ އެވެ. އަނެއް ބަޔަކު ގެސްޓްހައުސްތަކަށް ވަނީ ގެންގޮސްފަ އެވެ.

ގިޔާސުއްދީން ސްކޫލުގައި ހުރެ އެ އާއިލާގެ މެމްބަރަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ މީހުންގެ ދިރިއުޅުން އަލުން ފަށަން ޖެހޭ ވަރަށް ހާދިސާގައި ގެއްލުންވެފައިވެ އެވެ. އެ މީހުން ދިރިއުޅެމުން އައި ގެ އިމާރާތް ކުރަން ވެސް ތިން މިލިއަން ރުފިޔާ ހޭދަވިއިރު ގޭގައި ގެންގުޅޭ ފްރިޖާއި މެޝިން އަދި ލެޕްޓޮޕާއި ފޯނު ފަދަ ސާމަނު ވަނީ ހަލާކުވެފަ އެވެ. އެހެންވެ، ލަފާކުރަނީ ގެއްލުމުގެ އަދަދު ތިން މިލިއަން ރުފިޔާ އަށް ވުރެ މަައްޗަށް އަރާނެ ކަމަށެވެ.

މއ. މޯނިން ވިއު ގޭގައި އަލިފާން ރޯވެފައި-

މއ. މޯނިން ވިއު ގޭގައި އަލިފާން ރޯވެފައި-

އެ ގޭގައި އަލިފާން ރޯވެފައި ވަނީ ކިހިނެއްކަން އެ އާއިލާއަކަށް ވެސް ނޭނގެ އެވެ. އެންމެން ނިދާފައި ތިބުމުން އެއީ ކިހިނެއް ހިނގި ހާދިސާއެއްކަން ނޭނގުނަސް، އެ މީހުންނަށް ހޭލެވުނުއިރު ރޯވެފައި ހުރީ، ހަތަރު ވަނަ ފްލޯގަ އެވެ. އެކަމަކު އަލިފާންގަނޑު ކޮންޓްރޯލްވިއިރު ތިން ފްލޯއަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ.

"ބޭބެ އަށް ރޯވިކަން އެނގިގެން އޭނާ ނިކުންްނަން އުޅުނީ، އެކަމަކު ތިރިއަށް ނުފޭބުނީ އެ މީހުން އެތަނުގައި ޑެކެއް އަޅައިގެން މަތީގަައި ނިދާތީ. ދެން އެތަނުން އެ މީހުންނަށް ނާދެވިގެން، އެތަނުގައި އޮތް ހަތަރު ވަރަކަށް ފޫޓުގެ ގޯޅިގަނޑުން ކުރިމަތީގައި އޮތް ފަޅިއަށް ދާން ވެގެން ބޭބެ، އެތަނުގެ ބިއްލޫރިގަނޑު ތަޅާލައިގެން އެތަނުގައި ހުރި ކޮއްކޮ އަށް ގޮވައިގެން ހަރުގަނޑެއް އެތަނަށް ލައިގެން ހުރަސްކުރީ،" އެ ގޭގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

"ހުރަސް ކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ވެސް އަނިޔާވި. އޭނާގެ އަންހެނުންގެ ފައިގައި ފްރެކްޗާ ވެސް ވެފަ ހުރީ."

އެހެން މީހަކު ބުނީ ރޯވި އިމާރާތުގައި އުމުރުން 20 ދުވަސްވީ ބޭބީއަކު ވެސް އޮތް ކަމަށެވެ. "ރޯވިގަޑީގައި ވަރަށް އެއްޗެހި ބާރަށް ގޮވި އަޑު ވެސް އިވުނު."

އާއިލާ އިން ބުނި ގޮތުގައި އިމާރާތަށް ބޮޑަށް ގެއްލުން ލިބުނީ ރިޕޯޓްކުރިތާ ވަރަށް ގިނައިރު ފަހުން އަލިފާން ނިއްވަން އެމްއެންޑީއެފުން އައުމުންނެވެ. އެ މީހުން އައީ ރިޕޯޓްކުރިތާ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ އަލިފާން ނިއްވަން ގެނައީ ކުޑަ އެއްޗެއް. ފަހުން އަނެއްކާ ބޮޑު އެތި ގެނެސްގެން އިރުކޮޅެއް ނުވަނީސް ފެން ހުސްވެއްޖެ. އެ މީހުންނަށް ފެން ހޮޅި ވައްދަންވި ކޮޅެއް ނޭނގިގެން. އަސްލު ހަމަ އެ މީހުން ލަސްވީމަ މިހާ ބޮޑަށް ރޯވެގެންދިޔައީ،" އެމީހާ ބުންޏެވެ.

އިމާރާތުގެ އެންމެ މަތީ ބައި ޓިނުން ހަދާފައި ހުރިއިރު އެތަން އެއްކޮށް ވަނީ ހަލާކުވެގެން ވެއްޓިފަ އެވެ. އަދި ޑެކު އަޅަައިގެން ވެސް ގޭގެ އެކި ތަންތަން ހަދައި ހުރުމުން އެ ތަންތަނަށް ވެސް ގެއްލުންވެފައި ހުއްޓެވެ.

މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ގެއްލުންވެފައި-- ފޮޓޯ: އެމްއެންޑީއެފް

މއ. މޯނިން ވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއަށް ގެއްލުންވެފައި-- ފޮޓޯ: އެމްއެންޑީއެފް

"ދެންމެ ގެއަށް ގޮސް ބަލާލިއިރުގަ ސެކަންޑް ފްލޯ އިން ތިރި ވެސް ވެއްޓޭވަރުގައި އޮތީ، ސިފައިން ބުނީ އެތަނަށް ނުވަންނައްޗޭ."

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނި ގޮތުގައި އެތަނަށް ލިބުނު ގެއްލުން އެނގޭނީ އެސެސްމެންޓެއް ހެދުމުންނެވެ. އެކަމަކު ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ޒަރޫރީ ބޭނުމަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި އެ މީހުންނަށް ގެސްޓްހައުސްތައް ވެސް ހަމަޖައްސައި މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީއެމްއޭ އިން ބުނެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުން ގެސްޓްހައުސްތަކަށް ބަދަލުކުރަނީ--

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުން ގެސްޓްހައުސްތަކަށް ބަދަލުކުރަނީ--

އިރުމަތީ ފަރާތު ބައިގައި އަލިފާން ރޯވެފައި ނުވިޔަސް އެ ބައިގައި ދިރިއުޅޭ މީހުން ގެއަށް ވައްދާފައި ވަނީ އެތަނުގައި މީހުންނަށް ދިރިއުޅެވޭތޯ އެމްއެންޑީއެފުން ބެލުމަށް ފަހު އެވެ.