Roadha Mihaaru
ޑޮނާލްޑް ޓްރަމްޕަަށް އަލުން ޓުވިޓާ އަށް ވަދެވޭނެ

ޑޮނާލްޑް ޓްރަމްޕަަށް އަލުން ޓުވިޓާ އަށް ވަދެވޭނެ: އީލޮން މަސްކް

12 މެއި 2022

ޓުވިޓާއިން ދާއިމަށް ބޭރުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ޕްލެޓްފޯމް އަލުން ބޭނުންކުރެއްވުމުގެ ހުއްދަ ދޭނެ ކަމަށް ޓުވިޓާ ގަތް މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

ޓުވިޓާއިން ދާއިމަށް ބޭރުކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ޕްލެޓްފޯމް އަލުން ބޭނުންކުރެއްވުމުގެ ހުއްދަ ދޭނެ ކަމަށް ޓުވިޓާ ގަތް މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އަނިޔާކުރަން ހިތްވަރު ލިބޭ ގޮތަށް ޓުވީޓް ކުރާ ކަމަށް ބުނެ، ޓްރަމްޕް ދާއިމަށް ޓުވިޓާއިން ބޭރުކުރީ މިދިޔަ އަހަރު ޖެނުއަރީ މަހު އަށެއްގަ އެވެ.

އީލޮން މަސްކް ޓުވިޓާ ގަތް ފަހުން އެންމެ ގިނައިން މީހުން ކުރި އެއް ސުވާލަކީ ވެސް ޓްރަމްޕަށް އަނބުރާ އެ ޕްލެޓްފޯމަށް ބޭނުންކުރެއްވޭނެތޯ އެވެ.

"އަހަރެން އަދި ޓުވިޓާގެ ވެރިޔަކަށް ނުވޭ. އެހެންވެ، އެއީ ޔަގީނަށް ވެސް ކުރާނެ ކަމެކޭ ނުބުނާނަން،" ފައިނޭޝިއަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އީލޮން މަސްކް ވިދާޅުވި އެވެ.

"އަހަންނަށް ހީވާނީ ތީގެ ޖަވާބަކީ [ޓުވިޓާއިން] ދާއިމަށް މީހުން ބޭރުކުރުން ހުއްޓުވާނަންހެން."

އޭނާ ވިދާޅުވި ގޮތުގައި، ޓުވިޓާއިން ބޭރުކުރާނީ ބޮޓް އަދި ސްޕޭމް ނުވަތަ ސްކޭމް އެކައުންޓްތައް އެކަނި ކަމަށެވެ.

އީލޮން މަސްކް އަށް ޓުވިޓާ ވިއްކާލަން ނިންމާފައި ވިޔަސް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް ނުނިމޭތީ އޭނާ ޓުވިޓާގެ ވެރިޔާއަކަށް އަދި ނުވެ އެވެ. ވަރަށް އަވަހަށް އެ އެއްބަސްވުމުގެ ކަންކަން ނިމޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓުވިޓާ ގަންނަން ބޭނުންވީ އެ ޕްލެޓްފޯމަކީ ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބޭ ތަނަކަށް ހަދަން ބޭނުން ވާތީ ކަމަށް އީލޮން މަސްކް ބުނެފައިވެ އެވެ.