Roadha Mihaaru
ޓްރަމްޕަށް ޓުވީޓާ އެކައުންޓް އަލުން ދީފި

ޓްރަމްޕަށް ޓުވީޓާ އެކައުންޓް އަލުން ދީފި

21 ނޮވެމްބަރ 2022

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވީޓާގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕު ކުރިން ބޭނުންކުރައްވަމުން ގެންދެވި އޭނާގެ އަމިއްލަ އެކައުންޓް، ބޭނުންނުކުރެވޭ ގޮތް، އެ ކުންފުނިން ހެދިތާ އެއް އަހަރާއި 10 މަސް ފަހުން، ޓްރަމްޕަށް އެ އެކައުންޓް އަލުން ދޫކޮށްފި އެވެ.

ރައީސް ޓްރަމްޕަށް އެ އެކައުންޓް އަލުން ދިނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޓްވިޓާ ކުންފުނީގެ އާ ވެރިޔާ އެލަން މަސްކު ވިދާޅުވި ގޮތުގައި ޓްރަމްޕަށް ޓްވިޓާ އެކައުންޓް ބޭނުންކުރެވޭ ގޮތް ހެދީ، ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގަ އެވެ. ޓްވިޓާގެ މި ނިންމުމާ ގުޅިގެން ޓްރަމްޕު ވިދާޅުވީ މި ވަގުތު ޓްވިޓާ އެކައުންޓް ބޭނުންކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އެލަން މަސްކް ވިދާޅުވި ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓުގައި 15 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު، އޭގެ ތެރެއިން 51.8 ޕަސެންޓް މީހުން ބުނެފައި ވަނީ ޓުވީޓާ ބޭނުންކުރުން ޓްރަމްޕަށް މަނާ ނުކުރުމަށެވެ.

ޓްރަމްޕުގެ ޓްވީޓާ އެކައުންޓް ބޭނުން ނުކުރެވޭ ގޮތް އެ ކުންފުނިން ހެދީ، ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ޓްރަމްޕުގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނާއި، ޓްރަމްޕުގެ ބައެއް ޓުވީޓްތަކުގެ ސަބަބުން، އެ ހަމަނުޖެހުމަށް މަގުފަހިވެފައިވާ ކަމަށް ބުނެ އެވެ. ޓުވީޓާ ކުންފުނިން ޓްރަމްޕުގެ އެކައުންޓް ވަގުތީ ގޮތުން ހިފެހެއްޓީ، ޖެނުއަރީ 8، 2021ގަ އެވެ.

ޓްވީޓާ އިން ޓްރަމްޕު ބޭރުކުރުމާ ގުޅިގެން، ޓްރަމްޕު ވަނީ ޓްރުތު ސޯޝަލްގެ ނަމުގައި އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް އުފައްދަވައިފަ އެވެ. ޓްރަމްޕު ވިދާޅުވީ ޓްވީޓާ އެކައުންޓް ލިބުނަސް، މިވަގުތު ބޭނުންކުރާނީ އޭނާގެ އަމިއްލަ ޓްރުތު ސޯޝަލް ކަމަށެވެ.