Roadha Mihaaru
މާސް އަށް 2030ގެ ކުރިން މީހުން ދާނެކަމަށް ބުނެފި

މާސް އަށް 2030ގެ ކުރިން މީހުން ދާނެ ކަމަށް ބުނެފި

11 މެއި 2022

ކުރިއަށް އޮތް އަށް އަހަރުގެ ތެރޭގައި މާސް އަށް އިންސާނުންނަށް ދެވޭނެ ކަމަށް ސްޕޭސް އެކްސްޕްލޮރޭޝަން ކުންފުނި ސްޕޭސްއެކްސް އިން ބުނެފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ކުރިއަށް އޮތް އަށް އަހަރުގެ ތެރޭގައި މާސް އަށް އިންސާނުންނަށް ދެވޭނެ ކަމަށް ސްޕޭސް އެކްސްޕްލޮރޭޝަން ކުންފުނި ސްޕޭސްއެކްސް އިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސް އިން މަސައްކަތް ކުރަމުން އަންނަނީ ސްޕޭސް ޓުއަރިޒަމް ފަށައި ދުނިޔެއިން ބޭރަށް އިންސާނުން ގެންދިޔުމަށެވެ.

އެކަމާ ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ރައީސް ގްވިން ޝޮޓްވެލް ވިދާޅުވީ 2030 ފެށުމުގެ ކުރިން އެ ކުންފުނިން އިންސާނުން މާސް އަށް ގެންދާނެ ކަމަށެވެ. އަދި މާސްގައި އެމީހުންނަށް ތިބެވޭނެ ގޮތްތައް ވެސް އޭގެ ކުރިން ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށް ޝޮޓްވެލް ވިދާޅުވި އެވެ.

"ސްޕޭސް އެކްސް އިން މަސައްކަތް ކުރަނީ ބޮޑު ޑެލިވަރީ އެއް މާސް އަށް ގެންދިޔުމަށް،" އޭނާ ވިދާޅުވި އެވެ.

އެ ޑެލިވަރީއަކީ އެކި ކަހަލަ ވަސީލަތްތަކަށް ބޭނުންވާ ތަކެއްޗަށް ވެސް ވެދާނެ ކަމަށް ޝޮޓްވެލް ވިދާޅުވި އެވެ. އެ ޑެލިވަރީގެ ބޭނުމަކީ އާންމުންނަށް މެސެޖެއް ފޮނުވުމެވެ.

"އެ ޑެލިވަރީ ކޮށްފިއްޔާ އެނގޭނެ ސްޕޭސްއެކްސް އަށް އިންސާނުން މާސް އަށް ގެންދިޔުމުގެ ފެންވަރު ހުރިކަން އެންމެނަށް ޔަގީން ކޮށްދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ސްޕޭސްއެކްސް އިން މާސް އަށް ކުރާ ދަތުރުގެ އެއް ކޮޅަށް ގާތްގަނޑަކަށް ހަ ވަރަކަށް މަސް ހޭދަވާނެ އެވެ.

މިހާރު އެ ކުންފުނިން މަސައްކަތްތައް މަޑުޖައްސާލާފައިވަނީ ރެގިއުލޭޓަރީ އެޕްރޫވަލް ލިބެންދެނެވެ. ނަމަވެސް މާސްގެ މިޝަން އިތުރުން އެ ކުންފުނިން އަންނަނީ ހަނދަށް ދިޔުމަށް ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ސްޕޭސް ޓުއަރިޒަމްގެ ގޮތުގައި ހަނދަށް ދިޔުމަށް ހަމަޖެހިފައިވާއިރު އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފަހުކޮޅުގަ އެވެ.