25 ޑިސެމްބަރ 2021
މިއަދަކީ ދުނިޔޭގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހަކަށް ވެދާނެ އެވެ. މިހާތަނަށް އުފެއްދި އެންމެ ބޮޑު ސްޕޭސް ޓެލެސްކޯޕް އޯބިޓަށް ފޮނުވާލަން ކުރާ މަސައްކަތް މިއަދު ކާމިޔާބުވެއްޖެ ނަމަ އެއާ އެކު މި ކާއިނާތުގެ އަޖައިބުތައް އިތުރަށް ހާމަކޮށްދޭނެ އެވެ. ކާއިނާތުގައި އެންމެ ފުރަތަމަ ފިޔަޖަހަން ފެށި ތަރިތަކާއި ގެލެކްސީތަކުގެ ހަގީގަތުން މިންވަރެއް ވިޔަސް ހޯދޭނެ ކަމުގެ އުންމީދު ބޮޑެވެ.
މިއަދަކީ ދުނިޔޭގެ ތާރީހުގައި ވަރަށް ހާއްސަ ދުވަހަކަށް ވެދާނެ އެވެ. މިހާތަނަށް އުފެއްދި އެންމެ ބޮޑު ސްޕޭސް ޓެލެސްކޯޕް އޯބިޓަށް ފޮނުވާލަން ކުރާ މަސައްކަތް މިއަދު ކާމިޔާބުވެއްޖެ ނަމަ އެއާ އެކު މި ކާއިނާތުގެ އަޖައިބުތައް އިތުރަށް ހާމަކޮށްދޭނެ އެވެ. ކާއިނާތުގައި އެންމެ ފުރަތަމަ ފިޔަޖަހަން ފެށި ތަރިތަކާއި ގެލެކްސީތަކުގެ ހަގީގަތުން މިންވަރެއް ވިޔަސް ހޯދޭނެ ކަމުގެ އުންމީދު ބޮޑެވެ.
ޔޫރަޕިއަން އަރިއާން ރޮކެޓެއްގައި އޯބިޓަށް ފޮނުވާލަން ތައްޔާރުވެފައިވާ "ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް" އަކީ 10 ބިލިއަން ޑޮލަރު ހޭދަކޮށްގެން، މިދިޔަ 30 އަހަރު ކުރި ބުރަ މަސައްކަތެވެ. މިއީ 21 ވަނަ ގަރުނުގައި ސައިންސްގެ ދާއިރާއިން ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
އެތައް ބިލިއަން ކިލޯމީޓަރެއްގެ ދުރުގައިވާ ތަރިތަކާއި ގެލެކްސީތަކުގެ ފޮޓޯ ނެގުމުގެ ގާބިލްކަން ލިބިފައިވާ މި ޓެލެސްކޯޕުން އެހާ ދުރުގައިވާ ޕްލެނެޓްތަކުގައި ހުރި ގޭހުގެ ހަގީގަތް ވެސް ދެނެގަނެވެ އެވެ. އެހެންވެ މިއީ ދިރުން ހުރި އެހެން ޕްލެނެޓެއް ހޯދުމަށް ކުރާ މަސައްކަތުގައި ވެސް ބޮޑު އެހީއަކަށް ވާނެ އެވެ.
އުންމީދީ ޕްރޮޖެކްޓްގެ އެންމެ ހާއްސަ އެއް ވަގުތަކީ ޓެލެސްކޯޕް އޯބިޓަށް ފޮނުވާލަން ހޭދަވާ ފުރަތަމަ 27 މިނެޓެވެ. ކޮންޓްރޯލްޑް އެކްސްޕްލޯޝަންގެ މި ވަގުތުކޮޅު ވެބް ޓެލެސްކޯޕް ސަލާމަތްވެއްޖެ ނަމަ އޭގެ ފަހުން އޮންނާނީ ޓެލެސްކޯޕްގެ ބައިތައް ނިއުޅުވާލުމެވެ.
ޓެލެސްކޯޕްގެ މަސައްކަތް ފެށުމަށް އޭގެ ބައިތައް ހުޅުވާލުމުގެ މަސައްކަތް އެެއްވެސް މައްސަލައެއް ދިމާނުވެ ކާމިޔާބުވާން ޖެހެ އެވެ. އެހެން ނޫނީ ޓެލެސްކޯޕްގެ މަސައްކަތެއް ނުކުރާނެ އެވެ.
"ވެބް މިއީ އާދަޔާ ޚިލާފް މަސައްކަތެއް،" އެމެރިކާގެ ޖައްވީ އިދާރާގެ އެޑްމިނިސްޓްރޭޓަ ބިލް ނެލްސަން މީޑިއާ އަށް ވިދާޅުވި އެވެ.
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް ދުނިޔެއިން ޖައްވަށް ކުރާ ދަތުރުގެ މަރުހަލާތައް
"މިއީ ބޮޑެތި ހުވަފެންތަކުން ހާސިލްކުރޭވޭނެ ކަންކަމުގެ ވިދުން ހުރި މިސާލެއް. އަހަރެމެންނަށް އަބަދުވެސް އެނގޭ މިއީ ވަރަށް ރިސްކް ބޮޑު މަސައްކަތެއްކަން. އެއީ އެކަން އޮންނާނެ ގޮތް. ބޮޑު ކާމިޔާބީއެއް ބޭނުން ނަމަ ނަގަންޖެހޭ ރިސްކް ވެސް ބޮޑުވާނެ."
އެޕޯލޯ މޫން ޕްރޮގްރާމްގެ އެއް މޭސްތިރިޔާ ޖޭމްސް ވެބް އަށް ނިސްބަތްކޮށް ނަން ދީފައިވާ މި ޓެލެސްކޯޕަކީ އެމެރިކާ، ޔޫރަޕް އަދި ކެނެޑާ ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ.
ރޮކެޓް އުދުއްސާލަން މިހާރު ކަނޑައަޅާފައި ވަނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:20 ގަ އެވެ.
ވެބް ޓެލެސްކޯޕް ހަދާފައިވަނީ މީގެ 31 އަހަރު ކުރިން ޖައްވަށް ފޮނުވައި ޖައްވުގެ ތެރެއިން، އަޖައިބުން ފުރިގެންވާ މިލިއަނަކަށް ވުރެ ގިނަ ފޮޓޯ ނަގައިދީފައިވާ ހަބްލް ޓެލެސްކޯޕްގެ ތަޖުރިބާއިންނެވެ. ހަބްލް ޓެލެސްކޯޕްގެ އުމުރު ހަމަވާތީ ވެބް ޓެލެސްކޯޕް އޭގެ ދައުރު އަދާކުރާނެ އެވެ.
އެކަމަކު ހަބްލް އަކީ ވެބްގެ ޓެކްނޮލޮޖީއާ އަޅާކިޔާއިރު އެއްޗަކަށް ނުވެ އެވެ.
ވެބް ޓެލެކްކޯޕުން ކާއިނާތުގެ މާ ފުނަށް ދާނެ އެވެ. ނަތީޖާއަކަށް ވާނީ މީގެ ކުރިން މި ކާއިނާތާ ބެހޭ ގޮތުން ނޭނގޭ އެތައް ހަގީގަތެއް އެނގުމެވެ.
މި ޓެލެސްކޯޕްގެ އެންމެ މުހިންމު ބައި ކަމަށްވާ "ރަނުގެ ލޯގަނޑު" ނުވަތަ ގޯލްޑަން މިރާގައި 6.5 މީޓަރުގެ ފުޅާމިން ހުރެ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަ އުފެދުނު ތަރިތަކުގެ އަލި ވެސް މި ލޯގަނޑާއި އެއާ ގުޅިފައިވާ އާދަޔާ "ސުޕަ ސެންސިޓިވް" ހަތަރު އިންސްޓްރުމަންޓަކުން ދެނެގަންނާނެ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ ތަރިތަކަކީ މީގެ 13،5 ބިލިއަން އަހަރު ކުރިން ފިޔަޖަހަން ފެށި ތަރިތަކެވެ.
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތުގައި
"އެ ފެންނާނީ ރަތް ކުލައިގެ ކުޑަ ތިއްކެއް ގޮތަށް،" ނާސާގެ ޕްރޮޖެކްޓް ސައިންޓިސްޓް އަދި ނޯބެލް އިނާމު ހާސިލްކުރައްވާފައިވާ ޖޯން މެތާ ވިދާޅުވި އެވެ.
"އަހަރެމެންނަށް ބެލެވެނީ ތަރިތަކާއި ގެލެކްސީތައް އަދި ބްލެކް ހޯލްތައް، ބިގް ބޭންގްގެ 100 މިލިއަން އަހަރުގެ ފަހުން އުފެދެން ފެށި ކަމަށް. އޭގެ މާ ގިނަ އެއްޗިއްސެއް މީގެ ކުރިން ހޯދޭކަށް ނެތް. އެކަމަކު ވެބް ޓެލެސްކޯޕަށް އެ އެއްޗެހި ފެންނާނެ. އަހަރެމެންގެ ނަސީބު ވަރަށް ރަނގަޅު،" އޭނާ ބީބީސީ އަށް ވިދާޅުވެފައިވެ އެވެ.
ޓެލެސްކޯޕް ހިފައިގެން ޖައްވަށް އުދުއްސާލާ ރޮކެޓަކީ މިފަދަ މަސައްކަތުގައި މިހާރު ބޭނުންކުރާ އެންމެ ޔަގީންކަން ބޮޑު އެއް ރޮކެޓެވެ. އަރިއާން-5 އަކީ ދަތުރުތަކުގައި 98 ޕަސެންޓަށް ވުރެ ވެސް ކާމިޔާބީގެ ރޭޓް މަތީގައި އުޅޭ އެއްޗެކެވެ. އެންމެ ފަހުން މީގެ ރޮކެޓެއް ފެއިލްވެފައިވަނީ 2002 ވަނަ އަހަރު އެވެ.
ޖޭމްސް ވެބް ޓެލެސްކޯޕް ޖައްވުގައި އޮންނާނެ ގޮތުގެ ކުރެހުމެއް
އެކަމަކު ނާކާމިޔާބީއާ ގުޅިފައިވާ ދެ ޕަސެންޓަކީ ވެސް މިވަރުގެ ބޮޑު މިޝަނެއްގައި ވަރަށް ބޮޑު ރިސްކެކެވެ.
އެއްވެސް ރޮކެޓަކީ 100 ޕަސެންޓް ޔަގީންކަން އޮންނަ އެއްޗަކަށް ނުވިޔަސް މިފަހަރު އަރިއާން ރޮކެޓް ފޮނުވާލުމުގެ ކުރިން މީގެ ކުރިން ނުބަލާ ވަރަށް ކަންކަން ކަށަވަރުކުރާނެ އެވެ.
އިންޖިނިއަރުން ވަނީ ހުރިހާ ކަމެއް އެތައް ފަހަރަކު ބަލައި ޔަގީންކޮށްފަ އެވެ.
ވެބް ޓެލެސްކޯޕް ކާމިޔާބުކަމާ އެކު އަދި ރައްކާތެރިކަމާ އެކު ޖައްވަށް ދޫކޮށްލެވިއްޖެ ކަމުގެ ސިގްނަލް ލިބޭނީ ކެންޔާގެ މަލިންޑީގައި ހުންނަ އެންޓަނާއަކަށެވެ. އެ ސިގްނަލަށް ފަހު ދެން އެ ފެށެނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުގައިވާ އޭގެ އޮބްޒާވިން ސްޓޭޝަނަށް ފަށާ މަސް ދުވަހުގެ ދަތުރެވެ. އަސްލު މަސައްކަތް އޮތީ އޭގެ ފަހުންނެވެ.
(މައުލޫމާތު: ބީބީސީ)
ޗައިނާގެ އުޅަނދު ހަނދުން ސާމްޕަލް ނަގައިގެން އަންނަނީ
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ
ހަނދަށް ފަހު އިންޑިއާގެ މިސްރާބު އިރަށް
ޖުޕިޓާގެ ހަނދުތަކުގެ އަދަދު 92 އަށް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ
ވެބް ދުރުމީގައި ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ
މާސް އަށް 2030ގެ ކުރިން މީހުން ދާނެކަމަށް ބުނެފި
ވެބް ޖައްވީ ދުރުމީގެ ހުރިހާ ބައިތައް ހުޅުވާލައިފި