Roadha Mihaaru
އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް

އިރު ދިރާސާކުރަން އިންޑިއާއިން ފޮނުވި އުޅަނދު ނާރެހަށް

07 ޖެނުއަރީ 2024

އިންޑިއާއިން އިރުގެ ދިރާސާތައް ކުރުމަށް ފޮނުވި އުޅަނދު ހަތަރު މަސް ދުވަހުގެ ދަތުރަކަށް ފަހު އިރުގެ ނާރެހަށް ވަދެއްޖެ އެވެ.

އިންޑިއާއިން އިރުގެ ދިރާސާތައް ކުރުމަށް ފޮނުވި އުޅަނދު ހަތަރު މަސް ދުވަހުގެ ދަތުރަކަށް ފަހު އިރުގެ ނާރެހަށް ވަދެއްޖެ އެވެ.

"އަދިތިޔާ-އެލް1" ސެޕްޓެމްބަރު މަހު ދަތުރު ފެށީ އިރުގެ އެންމެ ބޭރު ފަށަލައިގެ ދިރާސާތައް ކުރުމަށް ބޭނުންވާ އާލާތްތަކާ އެކުގަ އެވެ.

އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޖިތެންދުރަ ސިންގް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިރާއި ދުނިޔެއާ ދެމެދު ހުރި ގުޅުމުގެ ސިއްރުތައް ދެނެގަތުމުގެ މަސައްކަތަށް ދިޔަ އުޅަނދު އޭގެ އެންމެ ފަހުގެ މަންޒިލަށް ވާސިލުވެއްޖެ ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން މިހާތަނަށް ވަނީ ސޯލާ ސިސްޓަމްގެ މެދުތެރެއަށް މިފަދަ އެތައް އުޅަނދެއް ފޮނުވައިފަ އެވެ. އެންމެ ފުރަތަމަ މިކަން ކާމިޔާބުކުރީ 1960ގެ ތެރޭގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއިންނެވެ.

ޖަޕާނާއި ޗައިނާއިން ވެސް ވަނީ އިރުގެ ދިރާސާތަކަށް އުޅަނދުތައް ފޮނުވައިފަ އެވެ.

އިންޑިއާގެ މި މިޝަން އަކީ އޭޝިއާގެ ގައުމަކުން އިރުގެ ވަށައިގެން ދަތުރުކުރާ ގޮތަށް އޭގެ ނާރެހަށް ފޮނުވި ފުރަތަމަ އުޅަނދެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ މި ކާމިޔާބީ އަކީ އެ ގައުމުގެ ސައިންސްވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެ އެކަން ފާހަގަކުރައްވައިފަ އެވެ.

އިންޑިއާ އިން ފޮނުވި އުޅަނދު މިހާރު އޮތީ ދުނިޔެ އާއި އިރުގެ "ގްރެވިޓޭޝަނަލް ފޯސް" ކެނޑޭ ހިސާބުގަ އެވެ. އެހެންވެ އިރުގެ ނާރެހުގައި އުޅަނދަށް މިހާރު ހަމަޖެހިގެން އޮވެވޭނެ އެވެ. ގާތްގަނޑަކަށް 48 މިލިއަން ޑޮލަރު ހޭދަކޮށްގެން އުފެއްދި ކަމަށް ބުނާ އުޅަނދުން، އިރުން ބޭރުވާ ޕްލަސްމާ އާއި ދަގަތްފާނުގެ ހަކަތައާ ބެހޭ ދިރާސާތައް ކުރާނެ އެވެ. އިރުން ބޭރުވާ މި ހަކަތައިގެ ބާރު ގަދަކަމުން ބިމާ ހިސާބަށް އެ ފޯރައި ސެޓެލައިޓްތަކަށް ވެސް ހުއްޓުން ގެނުވަ އެވެ.

ޖައްވީ ދިރާސާތަކުގައި އިންޑިއާއިން ކުރަމުން އަންނަ މަސައްކަތުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ މީގެ ކުރިން ހަނދުގައި މާގިނަ ހޯދުންތަކެއް ހޯދިފައިނުވާ ދެކުނު ތަނޑިއަށް އުޅަދެއް ފޮނުވި ފުރަތަމަ ގައުމުގެ ޝަރަފް ހޯދައިފަ އެވެ. އަދި 2014 ވަނަ އަހަރު ވަނީ މާސްގެ ނާރެހަށް އުޅަނދެއް ފޮނުވި އޭޝިއާގެ ފުރަތަމަ ގައުމުގެ ޝަރަފް ވެސް ހޯދައިފަ އެވެ. -- އޭއެފްޕީ