Roadha Mihaaru
އިންޑިއާ ހަނދަށް ގޮސް، ޖައްވީ ބޮޑު ބާރެއްގެ ޝަރަފު

އިންޑިއާ ހަނދަށް ގޮސް، ޖައްވީ ބޮޑު ބާރެއްގެ ޝަރަފު ހޯދައިފި

23 އޯގަސްޓް 2023

އިންޑިއާގެ ޗަންދްރަޔާން-3 މިއަދު ކާމިޔާބުކަމާ އެކު ހަނދަށް ތިރިކޮށް ޖައްވީ ބޮޑު ބާރެއްގެ ޝަރަފް ހޯދައިފި އެވެ.

އިންޑިއާގެ ޗަންދްރަޔާން-3 މިއަދު ކާމިޔާބުކަމާ އެކު ހަނދަށް ތިރިކޮށް ޖައްވީ ބޮޑު ބާރެއްގެ ޝަރަފް ހޯދައިފި އެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަނުން ލަފާކުރި ގޮތަށް، މީގެ ކުރިން ދިރާސާތައް ކޮށްފައިނުވާ، ހަނދުގެ ދެކުނު ތަނޑިއަށް ޖައްވީ އުޅަނދު ތިރިކުރީ ރާއްޖޭ ގަޑިން ހަވީރު 5:34 ގަ އެވެ.

މިއާ އެކު އިންޑިއާއަށް ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއަށް ފަހު ހަނދަށް އުޅަނދެއް ފޮނުވި ގައުމުގެ ޝަރަފް ލިބިފަ އެވެ. އަދި އެންމެ ބޮޑު ޝަރަފަކީ ހަނދުގައި ގަނޑުފެން ހުރި ކަމަށް ބެލެވޭ ދެކުނު ތަނޑިއަށް ފުރަތަމަ ފަހަރަށް އުޅަނދެއް ފޮނުވި ގައުމަކަށް އިންޑިއާ ވުމެވެ.

އިންޑިއާގެ އުޅަނދު ހަނދަށް ތިރިކުރި ވަގުތު

ޗަންދްރަޔާން-3 ހަނދަށް ތިރިކުރި މަންޒަރު، ބްރިކްސް ސަމިޓަށް ދެކުނު އެފްރިފާ އަށް ވަޑައިގެން ހުންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަގުތުން ބައްލަވަމުން ގެންދެވި އެވެ.

"ދުނިޔޭގެ ރައްޔިތުން، ދުނިޔޭގެ ކޮންމެ ގައުމެއް އަދި ސަރަހައްދެއްގެ ރައްޔިތުން. އިންޑިއާ އިން ކާމިޔާބުކަމާ އެކު ހަނދަށް ކުރި ދަތުރަކީ ހަމައެކަނި އިންޑިއާގެ ކާމިޔާބީއެއް ނޫން. މިއީ މުޅި އިންސާނިއްޔަތަށް ނިސްބަތްވާ ކާމިޔާބީއެއް،" ލައިވް ސްޓްރީމްގައި މޯދީ ވިދާޅުވި އެވެ.

"ހަނދަށް، އަދި އެޔަށްވުރެ ވެސް އުހަށް އަހަރެމެންނަށް އުންމީދުކުރެވިދާނެ."

ހަނދުގެ ދެކުނު ތަނޑީގެ ދިރާސާތަކަށް މި ފަހުން ޝައުގުވެރިކަން ބޮޑުވެފައިވަނީ އެ ސަރަހައްދުގައި ގަނޑުފެނުގެ އަސަރު ހުރި ކަމަށް ބެލެވުމާ އެކުގަ އެވެ. ހަނދުގެ އެ ސަރަހައްދަށް އިންޑިއާ އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗަންދްރަޔާން-2 ފޮނުވި އެވެ. އެކަމަކު ސޮފްޓްވެއާގެ މައްސަލަޔަކާ ހެދި އުޅަނދު ހަނދަށް ވެއްޓި ހަލާކުވީ އެވެ.

އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދަކީ، މިފަދަ މިޝަންތަކަށް އާންމުކޮށް ކުރާ ހޭދަޔާ އަޅާބަލާއިރު އެތައް ގުނައެއް އަގު ހެޔޮކޮށް ކޮށްފައިވާ މަސައްކަތެކެވެ. މިއީ އެކަމާ އިންޑިއާ އިތުރަށް ފަހުރުވެރިވާ ކަމެކެވެ.

ހަނދުގައި ގަނޑުފެން ހުރިކަން ކަށަވަރުކުރެވި އޭގެ ބޭނުން ކުރެވޭނެ ގޮތެއް ހޯދިއްޖެ ނަމަ އެއީ އިންސާނުން ހަނދަށް ދިއުމަށާއި ޖައްވީ އުޅަނދުތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންކުރެވޭނެ އެއްޗަކަށް ވާނެ އެވެ.

ޗަންދްރަޔާން-3 ހަނދަށް ތިރިކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ރަޝިޔާގެ ލޫނާ-25 ވެސް ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރަން މަސައްކަތްކުރި އެވެ. އެކަމަކު އެ މިޝަން ނާކާމިޔާބުވެ އުޅަނދު ވެއްޓުނީ އެވެ.