Roadha Mihaaru
ވެބް ދުރުމީގައި ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ

ވެބް ދުރުމީގައި ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ

09 ޖޫން 2022

މި ކައުނު އުފެދިގެން އައި ގޮތުގެ ހަގީގަތް ދެނެގަތުމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ކެނެޑާގެ ޖައްވީ އިދާރާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ ގުޅިގެން، ޑިސެމްބަރު 25، 2021 ގައި ޖައްވަށް ފޮނުވި ވެބް ޖައްވީ ދުރުމީގައި، ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ އެވެ.

މި ކައުނު އުފެދިގެން އައި ގޮތުގެ ހަގީގަތް ދެނެގަތުމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ކެނެޑާގެ ޖައްވީ އިދާރާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ ގުޅިގެން، ޑިސެމްބަރު 25، 2021 ގައި ޖައްވަށް ފޮނުވި ވެބް ޖައްވީ ދުރުމީގައި، ޖައްވީ އެތިކޮޅުތަކެއް ޖެހިއްޖެ އެވެ.

ނާސާ އިން ބުނި ގޮތުގައި ޖޭމްސް ވެބް ސްޕޭސްގެ ނަން ދީފައިވާ ދުރުމި ޖައްވަށް ފޮނުވައިލި ފަހުން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން، ޖައްވީ އެތިކޮޅުތަކެއް އެ ދުރުމީގައި ޖެހިއްޖެ އެވެ. ނަމަވެސް އެ ދުރުމީގެ މަސައްކަތަށް އެއްވެސް ހުރަހެއް ނޭޅޭ ކަމަށް ނާސާ އިން ބުނެ އެވެ.

ދުރުމީގައި މިހާތަނަށް ޖެހުނީ ވަރަށް ކުދިކުދި އެތިކޮޅުތަކެއް ކަމަށްވާތީ، ޖައްވީ ދުރުމީގެ މަސައްކަތަށް ހުރަސް އެޅޭ ވަރުގެ ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެންމެ ފަހުން މިދިޔަ މެއި މަހުގެ ތެރޭގައި، ޖެހުނު އެތިކޮޅު ޖެހިފައިވަނީ ދުރުމީގެ އެންމެ މުހިންމު ބައިގައި ކަމަށްވާތީ، ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށް ނާސާ އިން ބުނެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ޖައްވަށް ފޮނުވާ އެއްވެސް އުޅަނދެއްގައި އެވަރުގެ ކުދި އެތިކޮޅުތައް ނުޖެހޭނެ ގޮތެއް ނުހެދޭނެ ކަމަށެވެ. އެހެންކަމުން ޖައްވީ އުޅަނދުތައް ފަރުމާކުރަނީ، އެވަރުގެ ކުދި އެތިކޮޅުތައް ބާރު ދުވެލީގައި އައިސް ޖެހުނަސް، އުޅަނދަށް ގެއްލުމެއް ނުލިބޭނެ ގޮތަށް، އެފަދަ މާއްދާތައް ބޭނުންކޮށްގެންނެވެ.

ވެބް ދުރުމީގެ ލޯގަނޑުތައް ހުންނާނީ ޖައްވުގެ ތެރެއަށް ހުޅުވިފައި ކަމަށްވާތީ، ޖައްވުގެ ތެރެއިން އަންނަ ކުދި އެތިކޮޅުތައް އެ ލޮގަނޑުތަކުގައި ޖެހޭނެ އެވެ. އަދި ދުވަސް ވަމުންދާ ވަރަކަށް، އެފަދަ އެތިކޮޅުތައް ޖެހޭ މިންވަރު އިތުރުވެ، ދުރުމީގެ މަސައްކަތް ދަށަށް ދާނެ ކަމަށް ވެސް ބެލެވެ އެވެ.

ޖުމްލަ 10 ބިލިއަން ޑޮލަރު ހޭދަކޮށްގެން އުފެއްދި ވެބް ދުރުމި، އުފައްދައި ޖައްވަށް ފޮނުވުމަށް 20 އަހަރު ހޭދަވި އެވެ. މި ކައުނު އުފެދުނު ގޮތުގެ ހަގީގަތް ދެނެގަތުމަށް އަމާޒުކޮށް ޖައްވުގެ ތެރެއަށް ފޮނުވާފައިވާ ވެބް ދުރުމީގައިވާ އާލާތްތަކަކީ، 13.5 ބިލިއަން އަލި އަހަރުގެ ދުރުގައިވާ މަޑިކިލަނބުތަކާއި ގުރަހަތައް ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ އާލާތްތަކެކެވެ.

ވެބް ދުރުމިން ނަގާފައިވާ ސައެންޓިފިކް ފުރަތަމަ ފޮޓޯތައް އާންމުކުރުމަށް ނާސާ އިން ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

ނާސާ އިން ބުނި ގޮތުގައި ވެބް ދުރުމީގެ ލޯގަނޑުތައް އުފައްދާފައިވަނީ، ބާރު ދުވެލީގައި އަންނަ ޖައްވީ ކުނޑިކޮޅުތަކުން ޖެހުނަސް ގެއްލުމެއް ނުލިބޭނެ ގޮތަށެވެ. އަދި ވެބް ދުރުމި އުފެއްދުމުގެ މަރުހަލާގައި ސައެންސްވެރިންނާއި އިންޖިނިއަރުން ވަނީ، ޖައްވީ އެތިކޮޅުތައް ބާރު ދުވެލީގައި އައިސް ޖެހުމުން ދުރުމީގެ ލޯގަނޑުތަކަށް ކުރާ އަސަރު ދެނެގަތުމަށް ޓެސްޓުތަކެއް ވެސް ހަދައިފަ އެވެ.