Roadha Mihaaru
ވެބް ޖައްވީ ދުރުމީގެ ހުރިހާ ބައިތައް ހުޅުވާލައިފި

ވެބް ޖައްވީ ދުރުމީގެ ހުރިހާ ބައިތައް ހުޅުވާލައިފި

09 ޖެނުއަރީ 2022

މި ކައުނު އުފެދިގެން އައި ގޮތުގެ ހަގީގަތް ދެނެގަތުމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ކެނެޑާގެ ޖައްވީ އިދާރާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ ގުޅިގެން، ޑިސެމްބަރު 25، 2021 ގައި ޖައްވަށް ފޮނުވި ޖައްވީ ދުރުމީގެ ހުރިހާ ބައިތަކެއް އެއްކޮށް ހުޅުވާލައިފި އެވެ.

މި ކައުނު އުފެދިގެން އައި ގޮތުގެ ހަގީގަތް ދެނެގަތުމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ކެނެޑާގެ ޖައްވީ އިދާރާ އާއި ޔޫރަޕްގެ ޖައްވީ އިދާރާ ގުޅިގެން، ޑިސެމްބަރު 25، 2021 ގައި ޖައްވަށް ފޮނުވި ޖައްވީ ދުރުމީގެ ހުރިހާ ބައިތަކެއް އެއްކޮށް ހުޅުވާލައިފި އެވެ.

ޖޭމްސް ވެބް ސްޕޭސްގެ ނަން ދީފައިވާ ޖައްވީ ދުރުމި، އާރިއާން ރޮކެޓެއްގެ ކުރީގައި ލާފައި ޖައްވުގެ ތެރެއަށް ފޮނުވައިލީ، އެ ދުރުމީގެ ބައިތައް ފަތްޖަހާލައި، ރޮކެޓްގެ ކުރީކޮޅުގެ ތެރޭގައި ބަންދުކޮށްފަ އެވެ. ރޮކެޓް ޖައްވުގެ ތެރެއަށް ވަކި ހިސާބަކަށް ދިއުމަށް ފަހު، އޭގެ ކުރީކޮޅުގެ ބޭރު ތޮށިގަނޑު ނައްޓާލައި، ކުރީގައި ހަރުކޮށްފައި އިން ޖައްވީ ދުރުމި، ޖައްވުގެ ތެރެއަށް ދޫކޮށްލި އެވެ.

ޖައްވީ ދުރުމީގެ ފަތްޖަހާފައިވާ ބައިތައް ހުޅުވުމުގެ މަސައްކަތް ފެށުނީ އެހާ ހިސާބުންނެވެ. އެ ގޮތުން، އިރުގެ ހޫނުން ޖައްވީ ދުރުމީގެ ބައިތައް ރައްކާތެރިކުރުމަށް އޭގެ ފުރަގަހުގައި ހަރުކޮށްފައިވާ ބިތްގަނޑު އެއްކޮށް ހުޅުވާލައި އޭގެ ބައިތައް މަކުޑި އެޅުވިގެން ދިޔައީ، މިމަހުގެ 4 ވަނަ ދުވަހު އެވެ.

އެއަށް ފަހު ދެން ފެށުނީ، ފަތްޖަހާލާފައި އޮތް، ބިއްލޫރިގަނޑުގެ ދެ ބައި އެއްކޮށް ހުޅުވާލައި އޭގެ މައި ބަޔާ ގުޅުވާލައި މަކުޑި އެޅުވުމުގެ މަރުހަލާ އެވެ. އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނި ގޮތުގައި ޖައްވީ ދުރުމީގެ ލޯގަނޑުގެ ތިން ބައި އެއްކޮށް ހުޅުވާލައި، ތިން ބައި ގުޅުވައިލުމުގެ މަރުހަލާ ނިމުނީ އެއްޔެ އެވެ. ލޯގަނޑު އެކުގައި ހުޅުވައިލުމުން އޭގެ ދިގުމިނުގައި 21 ފޫޓު ހަތަރު އިންޗި ހުރެ އެވެ.

ވެބް ސްޕޭސް ޖައްވީ ދުރުމިއަކީ، ޖައްވުގެ ދިރާސާތަކުގައި މިހާރު ބޭނުންކުރަމުން ދާ ހަބްލް ޖައްވީ ދުރުމިއަށް ވުރެ މާ ބާރުގަދަ ދުރުމިއެކެވެ. މި ދުރުމީގެ މައިގަނޑު މަސައްކަތަކަށް ވާނީ، މީގެ 13.7 ބިލިއަން އަހަރު ކުރިން އުފެދުނު މަޑިކިލަނބުތަކާއި ތަރިތަކުން، ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔަ އަލީގެ ދޯދިތައް ހޯދައި ދިރާސާކޮށްގެން، މިކައުނު އުފެދިގެން އައި ގޮތް ދެނެގަތުމެވެ.

މި މުހިންމު މަސައްކަތް ކުރާނީ، ޖައްވީ ދުރުމީގައިވާ، ރަން ގިރިޓީކޮށްފައިވާ ލޯގަނޑަށް އެޅޭ އަލިތައް ދިރާސާކޮށްގެންނެވެ. މި ލޯގަނޑަށް ސައެންސްވެރިން ދީފައިވާ ނަމަކީ ރަން ލޮލެވެ.

ޖައްވީ ދުރުމީގެ ބައިތައް އެއްކޮށް ހުޅުވައިލިޔަސް، މި ދުރުމީގެ މަސައްކަތް ފަށާނީ، ޖައްވުގައި ބުރުޖެހުމަށް ކަނޑައަޅާފައިވާ ފަލަކާ ހަމައަށް ފޯރުމުންނެވެ. ސައެންސްވެރިން ކަނޑައަޅާފައިވަނީ، މި ބިމުން ފެށިގެން 1.5 މިލިއަން ކިލޯމީޓަރު ދުރުގައިވާ ފަލަކެއްގައި ދުރުމި ބެހެއްޓުމަށެވެ.

ޖައްވީ ދުރުމި އަށް ކަނޑައަޅާފައިވާ ފަލަކަށް އޭތި ފޯރުމަށް ފަހު ވެސް، އޭގެ މަސައްކަތްތައް ފެށުމަށްޓަކައި އިތުރު ފަސް މަހާއި ދެ ހަފުތާގެ މުއްދަތެއް ހޭދަވާނެ އެވެ. އެ މުއްދަތުގެ ތެރޭގައި، މިބިމުގައި ތިބޭ ސައެންސްވެރިންގެ މަސައްކަތަކަށް ވާނީ، ދުރުމީގެ ލެންސްތައް ބަރާބަރަށް މަސައްކަތްކުރާ ގޮތް ހެދުމާއި، އޭގައިވާ ސައެންޓިފިކް އާލާތްތައް ފުރިހަމައަށް މަސައްކަތް ކުރާ ގޮތް ހެދުމެވެ.