Roadha Mihaaru
އެންޓި ކެމްޕެއިންކުރާކަމުގެ ތުހުމަތު ނަހުލާ އަށް

އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ ނަހުލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލައެއް ޕީޕީއެމުން ބަލަނީ

06 މެއި 2022

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ، އެ ޕާޓީއާ ދެކޮޅަށް ކެމްޕެއިން ކުރާކަމުގެ ތުހުމަތުކޮށް، އެ ދެމައިންގެ ސުލޫކީ މައްސަލައެއް ބަލަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ އާއި އޭނާގެ މަންމަ، އެ ޕާޓީއާ ދެކޮޅަށް ކެމްޕެއިން ކުރާކަމުގެ ތުހުމަތުކޮށް، އެ ދެމައިންގެ ސުލޫކީ މައްސަލައެއް ބަލަން މިއަދު ފަށައިފި އެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 14 ގައި ބާއްވާ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަށް، ނަހުލާ އާއި އޭނާގެ މަންމަ އަދި އެ ޕާޓީގެ މެމްބަރެއް ވެސް ކަމަށްވާ އައިމިނަތު ލީލާ "އެންޓި ކެމްޕެއިން" ކުރާކަމުގެ މައުލޫމާތު ހެއްކާ އެކު ލިބިފައިވާ ކަމަށެވެ.

ނަހުލާގެ ފޭސްބުކް އެކައުންޓްގައި، ޕީޕީއެމާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އަދި އެ ޕާޓީގެ އާންމު މެމްބަރުން ގާތުގައި ވެސް އޭނާ އެގޮތަށް ވާހަކަދެއްކި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓާ ދެކޮޅަށް ކެމްޕެއިންކޮށް، އެ އިންތިހާބުގައި އެ ޕާޓީއާ އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތް ވެސް ކުރާކަމުގެ މައުލޫމާތު ހެއްކާ އެކު ލިބިފައިވާ ކަމަށް ބުންޏެވެ.

އެހެންވެ، ޕީޕީއެމުން ބުނިގޮތުގައި، އެއީ ސުލޫކީ މައްސަލައެއް ކަމަށް ނިންމައި، އެކަން އެ ޕާޓީގެ ސުލޫކީ ކޮމިޓީން ވަނީ ބަލަން ފަށައިފަ އެވެ.

އެ ބަޔާނުގައި ބުނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔަމީންގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި، މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި އަދި ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާ ކަމަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކަންކަން ކުރުމުގައި ނަހުލާއާ އެކު އޭނާ އަށް ވާގިވެރިވުމުގައި އޭނާގެ މަންމަ އާއި އެ ޕާޓީން މިހާރު ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީ ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ނަހުލާ އާއި އޭނާގެ މަންމަގެ ސުލޫކީ މައްސަލަ ބަލަން ފެށިއިރު، އެ ދެމައިންގެ ފަރާތުން ކޮމިޓީ އަށް އެއްބާރުލުން ނުލިބޭ ކަމަށް ޕީޕީއެމުން ބުނެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ، 2024 ގެ ނިޔަލަށް އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ނަހުލާ އަށް ވާދަނުކުރެވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެ ޕާޓީގެ ސުލޫކީ ކޮމެޓީން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އޭނާއާ މެދު އަޅާފައިވާ ފިޔަވަޅުތައް ޔަމީންގެ އެންގެވުމަކަށް އުވައިލީ މިދިޔަ މަހު އެވެ.